މެޗަށް ނުކުންނާނީ ޓީސީ ވަރުގަދަކަމަށް ދެކިގެން: އިންމަ
މެޗަށް ނުކުންނާނީ ޓީސީ ވަރުގަދަކަމަށް ދެކިގެން: އިންމަ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު އެ ޓީމު މިހާރު އޮތް ހާލަތު މުހިއްމު ނޫން ކަމަށާއި ދެކެނީ ޓީސީ އަކީ ރާއްޖޭގެ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

މެޗަށް ނުކުންނާނީ ޓީސީ ވަރުގަދަކަމަށް ދެކިގެން: އިންމަ
މެޗަށް ނުކުންނާނީ ޓީސީ ވަރުގަދަކަމަށް ދެކިގެން: އިންމަ

ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުނީ ޕްރީ ސީޒަން ޕްރެކްޓިހުގައި މަދުވި ކަމަކީ ބިދޭސީ ކުޅުންތެރިން ހިމަނައިގެން ބޭއްވުނު ސެޝަންތައް މަދުވުން ކަމަށާއި އެހެން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ. ދަ ގްރާންޑޭ އިން ސީޒަންގެ ފުރަތަމަ މެޗާ ކުރިމަތިލާނީ މޮޅުވާން ކަމަށާއި އިދިކޮޅަށް ނުކުންނަ ޓީމު އޮންނަ ހާލަތް މުހިއްމު ނޫން ކަމަށް އިންމަ ބުންޏެވެ.

"ޓީސީ އަކީ ވެސް ރާއްޖޭގެ އެންމެ މޮޅު އެއް ޓީމު. ބަދަލުތަކެއް އައިކަމުގައި ވިޔަސް ޓީމުގެ ނަމުގައި ޓީމެއް ނުކުންނަ ކަމުގައިވާ ކަމަށްވަންޏާ އަޅުގަނޑު ގަބޫލުކުރަނީ އެ ލެވެލްގައި ހިފެހެއްޓޭނެކަމަށް. އެހެން ނަމަވެސް ޒުވާން ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި ބައިވަރު. އަޅުގަނޑުމެން ވިސްނާނީ މިއީ ރާއްޖޭގެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ކުޅޭ މެޗެއް ކަމަށް،" އިންމަ ބުންޏެވެ.

ދަ ގްރާންޑޭ އިން ބިދޭސީ ކުޅުންތެރިން ގެނައިއިރު ރާއްޖޭގައި ކުޅެފައި ތިބި ކުޅުންތެރިންނަށް ފޯކަސް ކުރަން ވިސްނީ އެއީ އެ ޓީމު ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު އެވެ. އަދި އެ ގޮތަށް ނިންމި އަނެއް ސަބަބަކީ ދަ ގްރާންޑޭ އިން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ހުރިހާ ކަމެއް ފުރިހަމަކުރުމުގެ ގޮތުންނެވެ.

ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް ދަ ގްރާންޑޭ ދޫކޮށް ވެެލެންސިއާ އަށް ބަދަލުވިއިރު، ދަ ގްރާންޑޭގެ ގޯލު ބަލަހައްޓަން ދެން ތިބީ ދެ ދިވެހި ކީޕަރުންނެވެ. އެއީ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު މުހައްމަދު ޖަޒްލާން (ބަބޭ) އާއި ދަ ގްރާންޑޭގެ ދެ ވަނަ ކީޕަރެއްގެ ގޮތުގައި ކުރިން ހުރި އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ. އިންމަ ބުނީ މި ދެ ކީޕަރުންނަށް ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ފުރަތަމަ މެޗާ ކުރިމަތިލާއިރު ތައްޔާރީތައް ދިޔައީ ރަނގަޅަށް ކަމަށާއި އޭނާގެ ނަޒަރުގައި މިދިޔަ ސީޒަނުގެ ދަ ގްރާންޑޭ އަށް ވުރެން މި ފަހަރު ކުޅޭ ޓީމު ވަރުގަދަވާނެ ކަމަށެވެ.

"ފުރަތަމަ މެޗަށް ނުކުންނައިރު ފަސޭހަ ނުވާނެ. ޓީސީ އަށް މި ފަހަރު މި ލީގަކު ފަސޭހައޭ ބުނެފައި ނުކުންނާނެ މެޗެއް ދިމައެއް ނުވާނެ. ގްރާންޑޭ މެޗަށް ބަލާއިރު އެ ޓީމުގެ ކޯޗު އިންމަ އަކީ ވަރަށް ރަނގަޅަށް ޓީމު ތައްޔާރުކޮށް ސީޒަން އަށް ނެރޭ ކޯޗެއް. ވަރަށް ބޮޑަށް ވިސްނައިގެން މި މެޗުގައި ކުޅެވޭނީ،" ޝާޒް ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ޝާޒް ޓީސީއާ ހަވާލުވެ އެ ޓީމު އޭރު އޮތް ހާލަތުން ނަގައިގަނެގެން މިދިޔަ ސީޒަނުގެ ލީގުގެ ފަހު ކޮޅު ޓީސީ ވަރަށް ބޮޑަށް ރަނގަޅުކުރިކަން ނަތީޖާތަކުން ފެނުނެވެ. އެކަމަކު އޭއެފްސީ ކަޕް ކެންސަލްވެ މާލީ ސަބަބުތަކާ ހުރެ ޓީސީގެ ގިނަ ކުޅުންތެރިން އެ ކްލަބް ވަނީ ދޫކޮށްލައިފަ އެވެ. މި ސީޒަނުގައި ޓީސީން ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު ނުކުންނަ އެންމެ ބޮޑު ސަބަބަކީ ބަޖެޓަށް ފައްތައިގެން ކުރިއަށް ދިއުމުގެ ވިސްނުމުގަ އެވެ. ޝާޒް ބުނީ ޒުވާން ކުޅުންތެރިންނާ އެކު ކުރިއަށްދާއިރު އުނދަގޫ ކަންތައްތަކެއް ހުރި ނަމަވެސް ކުޅުންތެރިންގެ ހިތްވަރަށް އިތުބާރު އެބައޮތް ކަމަށެވެ.

"އެހެން ޓީމުތަކުގައި މި އޮތީ ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިންގެ މިކްސްއެއް. ޓީސީގައި އެކަނި އެކަން ނެތީ. ލީގެއްގައި ވާދަކުރާއިރު ވަރަށް ގިނަ ކަންތައްތަކެއް ފަސޭހަވެގެން ރަނގަޅު ހިސާބަކަށް ދެވޭނީ. ޓީސީގައި މި އޮތް ހާލަތުގައި މިއީ ނުވާވަރުގެ ކަމެއް ނޫން،" ޝާޒް ބުންޏެވެ.

ޓީސީން މި ފަހަރު ޓާގެޓް ކަނޑައަޅާފައިވަނީ ވަކިން ލީގަށް އެކަނި ނޫން ކަމަށާއި އަމާޒަކީ މުޅި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައި އެއް މުބާރާތުގެ ތަށި ހޯދުން ކަމަށެވެ. ކޮވިޑް-19އާ ހެދި ޓީސީ ޓީމު ލިސްޓުގައި ހިމަނާފައިވާ ބައެއް ކުޅުންތެރިން ޓީމާ ގުޅުމުގައި ދަތިތަކެއް އެބަހުރިކަމަށް ޝާޒް ވަނީ ބުނެފަ އެވެ.

ޓީސީ އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.