13 ޑިސެމްބަރ 2020 - 19:42

ޓެރަރިޒަމް ހުއްޓުވުމަށް އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނެޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރުޕީ)ގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް، ރައީސް އޮފީހުގައި މިއަދު ބާއްވައިފި އެވެ.
މިއަދު ބޭއްވީ، ޓެރަރިޒަމުގެ އަމަލެއް ހިނގާ ހާލަތުގައި، އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތް ދެނެގަތުމަށް ބައްދަލުވުމެެކެވެ. މި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ވެސް ބައިވެރިވި އެވެ. މިއީ ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ރަސްމީކޮށް ފެށި ފުރަަތަމަ ހަރަކާތެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށާއި ޓެރަރިޒަމާ ދެކޮޅު ޕްލޭން ނުވަތަ އެންޓީއާރުޕީ އަކީ ވެސް ގިނަ ބައެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އެ ޕްލޭންގައި ޓެރަރިޒަމާއި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެންޓީއާރުޕީގެ ފުރަތަމަ ބައްދަލުވުމަށް ފަހު، މި ޕްލޭނާ ގުޅޭ ވޯކިން ސެޝަންތައް ކަމާ ގުޅޭ އިދާރާތަކާ އެކު ވަނީ ހިންގުމަށް ހަމަޖެހިފަ އެވެ. އޭގެ މަގްސަދަކީ، ރައީސް އޮފީހުން ބުނިގޮތުގައި، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ބައިވެރިވުމާއެކު، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެ އާއި އިނގިރޭސިވިލާތަކީ ވެސް ހިޔާލާއި ވިސްނުން އެއްގޮތް ދެ ގައުމު ކަމަށެވެ. އަދި އެ ދާއިރާއިން، ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ޓެރަރިޒަމާ ދެކޮޅަށް ރަސްމީކޮށް މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، މިނިސްޓަރުންނާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރުންނާއި އެ ދާއިރާގެ އެހެން މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.