އިންތިޚާބު ބާއްވަން އެޗްޕީއޭގެ ހުއްދަ އަދި ނުލިބޭ: އީސީ
އިންތިޚާބު ބާއްވަން އެޗްޕީއޭގެ ހުއްދަ އަދި ނުލިބޭ: އީސީ

އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ން ނިންމާފައިވީ ނަމަވެސް އެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ އަދި ނުލިބޭ ކަމަށް އީސީން ބުނެފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ކައުންސިލް އިންތިޚާބު ވަނީ ވަރަށް ބޮޑަށް ފަސްކޮށްފަ އެވެ. ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އެއް އަހަރު ފަސްކޮށްފައިވާ އެ އިންތިޚާބު، މާޗު ހައެއްގައި ބޭއްވުމަށް އީސީން ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު އޭރު އެ ކޮމިޝަނުން ބުނެފައިވާ ގޮތުން، ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވޭނީ މި މަހުގެ 15އިގެ ކުރިން ހުއްދަ ލިބިގެންނެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ މުޅި ރާއްޖޭގައި ބާއްވާ އެ އިންތިޚާބު ކުރިއަށް ގެންދިޔުމަށް އެޗްޕީއޭގެ ހުއްދަ އަދި ލިބިފައި ނުވާ ކަމަށާއި އެކަމަކު ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނުރަސްމީކޮށް އެނގިފައިވާ ގޮތުން، އަންނަ ހަފުތާ ތެރޭގައި ހުއްދަ ލިބޭނެ. އޭރުން ދެން އިންތިޚާބުގެ ތައްޔާރީތައް ފެށޭނެ،" ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބު ބޭއްވުމުގެ ހުއްދަ މި މަހުގެ 15އިގެ ކުރިން ބޭނުންވާ ކަމަށް އީސީން ކުރިން ބުނި ނަމަވެސް ޝަރީފް މިއަދު ވިދާޅުވީ އަންނަ ޖެނުއަރީ ފަހެއްގެ ކުރިން ހުއްދަ ލިބުނަސް އިންތިހާބު ބޭއްވޭނެ ކަމަށެވެ. އެކަމަކު އެއަށް ވުރެ ލަސްވެއްޖެ ނަމަ، އިންތިޚާބު އަނެއްކާ ވެސް ފަސް ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން އިލެކްޝަންސް އިން ކުރަން ގާނޫނުގައި ލާޒިމްކުރާ ގިނަ ކަންތައްތަކެއް ހުރެ އެވެ. އެގޮތުން ދެ މަސް ކުރިން ރީރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުސަތު މަހެއްހާ ކުރިން ދިނުން ހިމެނެ އެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމަށް މާޗު ހައެއް ކަނޑައެޅީ ވެސް އެ މަހުގެ ތެރޭގައި ރޯދަ މަސް އަންނާތީ، އޭގެ ކުރިން، އިންތިޚާބުގެ ދެ ވަނަ ބުރެއް ވެސް ބޭއްވޭހާ މުއްދަތުގައި ކަމަށެވެ. އެކަމަކު ޖެނުއަރީ ފަހެއްގެ ކުރިން އެޗްޕީއޭގެ ހުއްދަ ނުލިބިއްޖެ ނަމަ، ވޯޓުލުން ރޯދަ މަހުގެ ތެރޭގައި ވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އޭރުން ވޯޓު ލާން ނިކުންނާނެ މީހުން މަދުވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު ބާއްވާނީ އިންތިޚާބު ފަސްކުރިއިރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށެވެ. އަލުން ފުރުސަތު ހުޅުވައެއް ނުލާނެ އެވެ. އެކަމަކު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 18 އަހަރު ފުރުނު ގާތްގަނޑަކަށް 5،000 މީހުންނަށް ވޯޓުލުމު ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެ އެވެ.

ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 4،172 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައިވާއިރު، މިހާތަނަށް ގިނަ ބަޔަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.