ފްލައިން ސްކޫލުގެ މައްސަލައިގައި އިހުމާލުވާ މީހުން ޒިންމާދާރުކުރުވަން އިދިކޮޅުން މަޖިލީހަށް
ފްލައިން ސްކޫލުގެ މައްސަލައިގައި އިހުމާލުވާ މީހުން ޒިންމާދާރުކުރުވަން އިދިކޮޅުން މަޖިލީހަށް

އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލުކޮށް ކިޔަވަން ހުރަސްއެޅިފައިވާ މައްސަލައިގައި އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރުވަން އެންމެ ފަހުން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން މައްސަލަ ހުށަހަޅައިފި އެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިން ހިންގާ ފްލައިން ސްކޫލުން ދަރިވަރުންނާ މެދު ހިތުހުރި ގޮތަކަށް އަމަލުކުރަމުންދާއިރު އެކަމަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ ދަރިވަރުންގެ ޝަކުވާ ބޮޑެވެ. ދަރިވަރުންގެ ހައްގުގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި އާދަމް ޝަރީފް ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ އުނދަގޫތައް ނަޝީދުގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ކޯސް، ކިޔަވައި ނުދިނުމުގެ ސަބަބުން ދިގުލައިގެން ދިއުމާއި މަގުބޫލް ސަބަބެއް ނެތި ސްކޫލުން ވަކިކުރަމުން ދާ މައްސަލަ ހިމެނެ އެވެ.

"ފްލައިން ސްކޫލްގައި ހިންގާ ކޯސްތަކަކީ ނުހަނު އަގު ބޮޑު ކޯސްތަކަކަށްވާ އިރު ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައިނުދިނުމުގެ ސަބަބުން ބައެއް ދަރުވަރުން 4 އަހަރު ދުވަސް ހޭދަކުރަން ޖެހި އެތައް ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަން ފާހަގަކުރެވެ އެވެ،" ސިޓީގައިވެ އެވެ.

މިހެން ދިމާވުމުން، ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވާ ދަރިވަރުންނަށް ކުރިމަތިވާ މާލީ ގޮންޖެހުންތައް ވެސް ބޮޑުކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ. ފްލައިން ސްކޫލުގެ ހާލަތު މިހާރު ހުރި ގޮތުން ދަރިވަރުންނަށް އެތަނުގައި ކޯސް ފުރިހަމަކުރެވޭނެ ކަމުގެ އުއްމީދު ވެސް ގެއްލިފައިވާ ކަމަށް ސިޓީގައިވެ އެވެ.

އާދަމް ޝަރީފް އެދިވަޑައިގަތީ މި މައްސަލައިގައި މަޖިލީހުން އަވަަސް ހައްލެއް ހޯއްދަވައި ދެއްވާށެވެ. ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ ދަރިވަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ނުގެއްލި ކޯސް ފުރިހަމަކުރެވޭނެ ގޮތަށް ކަންކަން ތަރުތީބުކުރަން އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރުވަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.

ދަރިވަރުންގެ އަތުން ބޮޑު އަގު ނަގައިގެން ހިންގާ ފްލައިން ސްކޫލުގެ ސްކޫލުގެ 15 ދަރިވަރަކު ކުއްލި ގޮތަށް ދާދި ފަހުން ވަނީ ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ކޯސް ފުރިހަމަ ކުރުމުގެ އެންމެ ފަހު މަރުހަލާގައި ތިބި ކުދިން ވެސް ހިމެނެ އެވެ. މި މައްސަލައިގައި ވެސް ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވިޔަސް އެކަށީގެންވާ ހައްލެއް މިހާތަނަށް ނުހޯދެ އެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންނާ މެދު އަމަލުކުރަމުން ދަނީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ. މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ދަރިވަރުންނާ މެދު ބޭއިންސާފުން އަމަލު ކޮށްފައިވާތީ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ފްލައިން ސްކޫލުން އަނެއްކާވެސް ދަރިވަރުންތަކެއް ވަކިކުރީ، އެތަނުގެ ގިނަ މައްސަލަތަކަކާ ހެދި ސަރުކާރުން އެތަނަށް ފިޔަވަޅު އަޅާފައި ވަނިކޮށެވެ. ފްލައިން ސްކޫލްގެ ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ހަރަދެއް ހިނގާ ކަމުގެ ޝަކުވާތައް ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންދާތާ ގިނަ ދުވަސްތަކެެއް ވަނީ ވެފަ އެވެ.

ދަރިވަރުންގެ ކޯސް ފީ ޑޮލަރުން ނަގާ މައްސަލަ ވެސް ބޮޑެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.