އެއް ބިލިއަން ޑޯޒުގެ ވެކްސިން ވަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ހޯދައިދީފައި
އެއް ބިލިއަން ޑޯޒުގެ ވެކްސިން ވަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ހޯދައިދީފައި

ޖެނީވާ (ޑިސެމްބަރު 13) - ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކުން އުފެއްދި ވެކްސިންތަކުގެ އެއް ބިލިއަން ޑޯޒް ވަނީ މަދުން އަދި މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް ޔަގީންކަމާ އެކު ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކޮވެކްސް ޕްރޮގްރާމުގައި މިހާތަނަށް 189 ގައުމުން ބައިވެރިވެފައިވާ ކަމަށެވެ.

ހުރިހާ ގައުމުތަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ޑަބްލިއުއެޗްއޯ އިން ކުރަމުން ދިޔަ ނަމަވެސް ތަރައްގީވެފައިވާ ގައުމުތަކުން ވަނީ ވެކްސިން ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން އޯޑަރު ދީފަ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން އުފެއްދި ވެކްސިނަށް އިނގިރޭސި ވިލާތާއި އެމެރިކާގައި ހުއްދަ ދީފައިވުމާ އެކު ފައިޒާ އިން ވަނީ އަންނަ މާޗު މަހުގެ ނިޔަލަށް އެމެރިކާ އަށް 100 މިލިއަން ޑޯޒުގެ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފަ އެވެ. މޮޑާނާ އިން އުފެއްދި ވެކްސިންގެ 200 މިލިއަން ޑޯޒް ޖޫން މަހުގެ ނިޔަލަށް ފޯރުކޮށްދޭނެ އެވެ. އިނގިރޭސި ވިލާތުން ވަނީ 40 މިލިއަން ޑޯޒުގެ ވެކްސިނަށް އޯޑަރު ދީފަ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ.