13 ޑިސެމްބަރ 2020 - 12:23

ވޮޝިންޓަން (ޑިސެމްބަރު 13) - ފައިޒާ އާއި ބަޔޯއެންޓެކް ގުޅިގެން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން އެމެރިކާގައި މާދަމާ ދޭން ފަށާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މި ހަފުތާ ބަންދުގައި ވަނީ ތިން މިލިއަން ޑޯޒް އެކި ސްޓޭޓްތަކަށް ގެންދިއުމަށް ހަމަޖެހިފަ އެވެ.
ފައިޒާގެ ވެކްސިން އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފައި ވަނީ ހުކުރު ދުވަހު އެވެ.
އެމެރިކާ ސަރުކާރުގެ ވެކްސިން ޕްރޮގްރާމުގެ ކަންކަން ބަލަހައްޓާ ޖެނެރަލް ގުސްޓާވް ޕޭނާ ވިދާޅުވީ މާދަމާ ވެކްސިން ޕްރޮގްރާމް ފަށާއިރު 145 ސައިޓެއްގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ. އަދި އަންގާރަ ދުވަހު 425 ސައިޓެއްގައި ވެކްސިން ދޭނެ ކަމަށް ވިދާޅުވި އެވެ.
ޖެނެރަލް ޕާނާ ވިދާޅުވީ ފުރަތަމަ ހަފުތާގެ ތެރޭގައި ތިން މިލިއަން މީހުންނަށް ވެކްސިން ދޭނެ ކަމަށެވެ. އަދި "ކޮވިޑް ބަލިކޮށްލެވޭ ވަރަށް" ވެކްސިން ރައްކާތެރިކަމާ އެކު ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިޒާގެ ވެކްސިނަށް މިހާރު ވަނީ އިނގިރޭސިވިލާތް، ސައުދީ އަރަބިއާ، ކެނެޑާ އަދި ބަހުރޭނުގައި ހުއްދަ ދީފަ އެވެ. އިނގިރޭސި ވިލާތުގައި ވަނީ ވެކްސިން ދޭން ފަށައިފަ އެވެ.
ފައިޒާ އިން ވަނީ އަންނަ މާޗު މަހުގެ ނިޔަލަށް އެމެރިކާ އަށް 100 މިލިއަން ޑޯޒުގެ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފަ އެވެ. މޮޑާނާ އިން އުފެއްދި ވެކްސިންގެ 200 މިލިއަން ޑޯޒް ޖޫން މަހުގެ ނިޔަލަށް ފޯރުކޮށްދޭނެ އެވެ.
ފައިޒާގެ ވެކްސިންގެ ޑޭޓާ ދައްކާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން އިން 94 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. ފައިޒާގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާގައި 44،000 މީހުން ބޭނުން ކުރި އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް އަސްލު ވެކްސިން ދިން އިރު ބާކީ ތިބި މީހުންނަށް ދިނީ ޕްލެސީބޯ (ފޭކް އިންޖެކްޝަން) އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން ވެކްސިން އުފައްދާފައި ވަނީ ގާތްގަނޑަކަށް ދިހަ މަހެއްހާ ދުވަސްތެރޭގައި ވައިރަސްގެ ޖެނެޓިކް ކޯޑު ދެނެގަނެގެންނެވެ. މިއީ ވެކްސިނެއް އުފައްދަން ބަލާނަމަ ވަރަށް ކުރު މުއްދަތެކެވެ.
ވެކްސިން ދިން މީހުންގެ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަހަށް ދިފާއު އުފެދޭ ކަމަށް ތަހުލީލުތަކުން ދައްކާފައިވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނަމަވެސް، ފައިޒާގެ ވެކްސިން އިން މިހާރު އެ ވަނީ އެކަމުގެ ބިރަށް ވެސް ހައްލު ގެނެސްދީފަ އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ. ދެ ކުންފުނިން ވެސް ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. މިއީ ވެކްސިން އުފެއްދުމުގައި މީގެ ކުރިން ބޭނުންކޮށްފައި ނުވާ އީޖާދެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަހާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.
ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ގަދަ ފިނީގައި ގެންގުޅެން ޖެހުމަކީ އެ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވާނެ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފައިޒާ އިން ބުނެފައި ވަނީ ޑްރައި އައިސް ބޭނުންކޮށްގެން ޓެމްޕަރޭޗާ-ކޮންޓްރޯލްޑް ތާމަލް ޝިޕާސްތަކެއް އުފައްދާފައިވާ ކަމަށެވެ. ޑްރައި އައިސް ރިފިލް ކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާ އިން ބުނެފައިވެ އެވެ.