14 ޑިސެމްބަރ 2020 - 07:34

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޓައިވާނުގައި ކަރަންޓީނުކުރި މީހަކު އޭނާ ހުރި ހޮޓަލުގެ ކޮޓަރިން އެންމެ އަށް ސިކުންތަށް ބޭރަށް ނުކުތުމުން 100،000 ޓައިވާން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މި ޖޫރިމަނާއާ ކުރިމަތިވީ ޓައިވާންގެ ކޯސިއަންގް ސިޓީގެ ހޮޓަލެއްގައި ކަރަންޓީނުކޮށްފައި ހުރި ފިލިޕީންސްގެ ފިރިހެނަކަށެވެ. އޭނާގެ ޖޫރިމަނާ އެމެރިކާ ޑޮލަރުން ބަލާ ނަމަ އެއީ 3،500 އެވެ.
ޓައިވާނުގެ ރަސްމީ ނޫސް އެޖެންސީ ސެންޓްރަލް ނިއުސް އެޖެންސީ (ސީއެންއޭ) އިން ބުނި ގޮތުގައި ކޮޓަރިން ނުކުތް މީހާގެ މައްސަލަ ކޯސިއަންގްގެ ހެލްތު ޑިޕާޓްމަންޓަށް ރިޕޯޓްކުރީ ހޮޓަލުގެ މުވައްޒަފެކެވެ. އެއީ އޭނާ ކޮޓަރިން ބޭރުގައި ހުރި ތަން ސީސީޓީވީ ކެމެރާ އަށް އެރުމުންނެވެ.
ޓައިވާނުގެ ކަރަންޓީނު އުސޫލުގެ ދަށުން، ކަރަންޓީނުކުރާ މީހުން އެ މީހުން ބައިތިއްބާ ތަނުން މުއްދަތު ހަމަވުމުގެ ކުރިން އެއްގޮތަކަށް ވެސް ބޭރަށް ނުކުތުމަކީ މަނާކަމެކެވެ.
ޓައިވާން ފާހަގަކުރެވިފައި ވަނީ މިހާތަނަށް ކޮވިޑް-19 ގެ ކޭސްތައް ވަރަށް މަދު ގައުމެއްގެ ގޮތުގަ އެވެ. އެކަމަކު މި ފަހުން ކޭސްތައް އިތުރުވާތީ ވަނީ އެކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެެވެ.
ޓައިވާނުގެ އެކި ހިސާބުތަކުން ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި 56 ހޮޓާ ހަމަޖައްސާފައިވެ އެވެ. އެއީ 3،000 އެނދުގެ ކެޕޭސިޓީ އެވެ.
އާބާދީގައި 23 މިލިއަން އުޅޭ ޓައިވާނުން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ 730 އެއްހާ މީހުންނަށެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 10 އަށް ވުރެ މަދެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 590 އަށް ވުރެ ގިނަ އެވެ.