ފަލީހަތް
ފަލީހަތް

ބުދަ ދުވަހާ ގުޅޭ

އެމްޕީއެއްގެ ވައިފް މަރާލާފަ އޮއްވާ ފެނިގެން މި އުޅެނީ." ކެބިންއަށް ދިޔަ މަގުމަތީގައި މަނާރަތު ބުންޏެވެ.

މަޖިލީސް މެންބަރެއްގެ އަންބެއް މަރާލައިފައި އޮއްވައި ފެނިއްޖެއްޔާ އެ ވޭދަނަ ކިހާ ހައްސާސް ވާނެކަން ޒިޔާނަށް ވިސްނެއެވެ. ޒިޔާނަށް ހެކި ހޯދޭނެއެވެ. އަމިއްލަ ނަފުސު އެ ވަގުތު ވެސް ޒިޔާންގެ ކަންފަތްބުޑުގައި ސިއްރުސިއްރުން ބުނެލި ކަހަލައެވެ. ބަލަންވީ ދިމާ ޒިޔާނަށް އެނގިއްޖެއްޔާ ހެކި ނުފެނިއެއް ނުދާނެއެވެ. އެކަމަކު ހެކި ހޯދަން ކިހާ ވަގުތެއް ނަގާނެ ކަމެއް ޒިޔާނަކަށް ނޭނގެއެވެ.

"ވިކްޓިމަކީ މަޖިލީސް މެންބަރެއްގެ ވައިފް ވީމަ ޒިޔާނަށް ވެސް އެނގޭނެ ކޯލުތައް އަންނާނެ ވަރު. ސީޕީއަށް ސީދާ އެމްޕީ ގުޅަނީ. އެއަށް ވުރެ މަތިން ވެސް ކޯލުތައް އެބަ އާދޭ. ފުލުހުން އެޓެންޑުކުރި އިރު ވެސް ނާދިޔާ އޮތީ މަރުވެފަ. ކުނިއަޅާ ކަހަލަ ބޮޑު ކަޅު ކޮތަޅަކަށް ލާފަ، ހުޅުމާލޭގެ ފަޅު ހިސާބަކަށް ބޮޑީ އެއްލާލައިފަ އޮއްވާ ބަޔަކަށް ފެނިގެން ރިޕޯޓުކުރީ. މާޑަރ ވެޕަންއެއް ނުފެނޭ. ފިންގަރ ޕްރިންޓެއް ނެތް. ސްޓްރޭންގިއުލޭޝަން ކަމަށް ޝައްކު ކުރެވެނީ. ކަރުން އެބަ ހުރި އެނގެން. ވަރަށް ޗެލެންޖިން ކޭސްއެއް. ވަރަށް ޕްރެޝަރ އެބަ އާދޭ! ޒިޔާންގެ ޕްރޮފައިލަށް ބަލާފަ ޒިޔާނަށް މި ކޭސް ދޭން ނިންމީ އަހަރެން. އަހަރެން ޑިސްއެޕޮއިންޓް ނުކުރާތި!"

މީހެއްގެ ކަރުގައި ހިފައި މަރައިލުމުން ގަބުރުގެ ބޭރުފުށުން ފެންނަން ހުންނާނެ ހެކިތައް ޒިޔާންގެ ލޮލަށް ފެންނަ ކަހަލައެވެ. ޒިޔާންގެ ހަނދާނަށް އަންނަނީ ޒިޔާން އިނގެރޭސި ވިލާތުގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. ޒިޔާންގެ ނިދާ ކޮޓަރިޔާ ޖެހިގެން ހުރި ކޮޓަރީގައި ވަރަށް ރީތި އަންހެންކުއްޖަކު އުޅުނެވެ. އުމުރުން ބާވީސް އަހަރުގެ ނަތާޝާއެވެ. އިންޑިޔާ ރައްޔިތެކެވެ. އިސްކޮޅުން ދިގު، ބައްޓަން ރީތި ކުއްޖެއް ވެސް މެއެވެ. ކޮންމެ ފިރިހެނަކު ވެސް ހިތްކިޔާ ކަހަލަ ސިފަތަކެއް ހުރި ކުއްޖެކެވެ. ހިތަކީ ޒާތެއްގެ ގުނަވަނެއްކަން ޒިޔާނަށް ވިސްނުނީ އެ ދުވަސްވަރުގައެވެ. މީހަކާ އިނދެގެން ކިތަންމެ އޮމާން ދިރިއުޅުމެއް އުޅޭ މީހަކު ވިޔަސް، ރާއްޖެއިން ބޭރަށް ދިޔުމުން ހިތުގެ ލާނެތްކަން އިތުރުވެއެވެ. ނުކުރެވި ހުރި އެތައް ކަމެއް ކުރަން ހިތްއެދެއެވެ. ނަތާޝާ އެންމެ ފުރަތަމަ ފެނުނު ވަގުތު ވެސް ޒިޔާންގެ ހިތުގައި ޖަހަން ފެށީ ލޯބީގެ ވިންދެވެ. ވަރަށް ފަސޭހައިން ނަތާޝާގެ އެކުވެރިޔަކަށް ޒިޔާނަށް ވެވުނެވެ. އެކަމަކު ލޯބީގެ އެންމެ ލަފުޒެއް ވެސް ދުލުން ބޭރު ނުކުރެވިގެން އުޅެނިކޮށް ނަތާޝާގެ އުމުރު ކޮންމެވެސް މީހަކު ކުރުކޮށްލީއެވެ. ހެނދުނުގެ ވަގުތު މީހުންގެ ހޯބޯލެވުން ގަދަވެގެން ޒިޔާން ނުކުތް އިރު ނަތާޝާ އޮތީ އަމިއްލައަށް މަރުވެފައެވެ. ނުވަތަ މަރާލައިފައެވެ. ނަތާޝާގެ ގަބުރު ވަރަށް ގާތުން ޒިޔާނަށް ފެނުނެވެ. އޭނަގެ ކަރުގައި ރަތްކުލައިގެ ނިޝާންތަކެއް ހުއްޓެވެ.

"ޒިޔާން!" މަނާރަތު ގޮވައިލިއެވެ.

"ކިހާ ވަގުތެއް ތޯ އަޅުގަނޑަށް އޮތީ؟" ކުޑަކޮށް ސިހިފައި ޒިޔާން ސުވާލުކޮށްލިއެވެ.

"ވަގުތެއް ނެތް!" ނާދިޔާ އެންމެ ފަހުން ނަގައިފައިވާ ފޮޓޯ ފޯނުން ދައްކާލަމުން މަނާރަތު ބުންޏެވެ. "ކާމިޔާބު ވިޔަފާރިވެރިއެއް. މުއްސަންޖެއް. އިންސްޓަގްރާމުން ފެނިފަ ކަންނޭނގެ ހުންނާނީ. ޒިޔާނަށް ވިސްނޭނެ ކީއްވެގެންކަން އެ ޕޮއިންޓުތައް އަހަރެން މި ފާހަގަކޮށްލީ. އިރު އެރުމުގެ ކުރިން އަހަރެން ރިޕޯޓެއް ބޭނުން. ކުޑަމިނުން ކޮންމެވެސް ހެތްކެއް ހޯދެން ޖެހޭނެ. ސަސްޕެކްޓެއް އަތުޖެހޭ ވަރަށް ހެކި ހޯދިއްޖެއްޔާ ޕްރެޒިޑެންޓާ ހަމައަށް ޒިޔާންގެ ނަން ގެންގޮސްދޭނަން. ޕްރެޒިޑެންޓް ޕާރސަނަލީ ޒިޔާނާ މީޓްކުރައްވާނެ. އިއްޔެ މި ތަނަށް ޖޮއިން ކުރި މީހަކަށް އެއީ ވަރަށް ބޮޑު ޝަރަފެއް. އަވަހަށް މަސައްކަތް ފަށާ. ކޮންމެ ވަގުތަކު ކޮންެމެ ތާކަށް ދާންޖެހުނަސް އެ ކަން ހަމަޖެހޭނެ."

މައްސަލަ ތަހުގީގު ކުރުމަކީ ޒިޔާންގެ ޑިޕާޓުމަންޓުން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެ ކަން ކުރަން ފުލުހުންގެ ވަކި ބަޔަކު ތިބެއެވެ. އެކަމަކު ޒިޔާނަކީ އެހެން މީހުން މަސައްކަތްކުރާ ގޮތާ ކުޑަކޮށް ތަފާތު ގޮތަކަށް މަސައްކަތް ކުރާ މީހެކެވެ. ޒިޔާނާ ހަމައަށް ވޭދަނައެއް އަތުވެއްޖެ ނަމަ އެ ވޭދަނައިގެ ފަސްމަންޒަރު ކުޑަކޮށް ދިރާސާ ކޮށްލުމަކީ ޒިޔާން ޝައުގުވެރިވާ ކަމެކެވެ. އޭރުން ހެކި ހޯދަން ޒިޔާނަށް ފަސޭހަވެއެވެ. ހޯދަންވީ ހެކީގެ ކޮންމެވެސް ކަހަލަ ތަސައްވަރެއް ޒިޔާނަށް ކުރެވެއެވެ. މީހަކު އަމިއްލައަށް މަރުވެއްޖެ ނަމަ ހުންނާނީ ވަކި ހެކިތަކެކެވެ. މަރާލައިފި ނަމަ ހުންނާނީ މުޅިން އެހެން ހެކިތަކެކެވެ.

ނާދިޔާގެ ގަބުރު ފެނުނު ހިސާބުގަނޑުން ފޮރެންޒިކު ލެބޯޓަރީއަށް ލިބިފައިވަނީ ދެ އެއްޗެކެވެ. އެއީ ގަބުރު ލާފައިވާ ބޮޑު، ކަޅު ކޮތަޅަކާއި، އެ ކޮތަޅު ތެރޭގައި އޮތް ނުނިއުޅުވާ ކަޅު ކޮތަޅެކެވެ. ޒިޔާން ލަފާކުރި ގޮތުގައި ނުނިއުޅުވާ ކޮތަޅު ބޭނުންކޮށްފައިވަނީ ހަތިޔާރެއް ގޮތުގައެވެ. ފޮރެންޒިކު ޔުނިޓުގައި ހުރި ވަރުގަދަ މައިކްރަސްކޯޕު ދަށަށް ލައިގެން ވެސް ކޮތަޅަކުން އިނގިލީގެ ނިޝާނެއް ނުފެނުނެވެ. ގަބުރު ފެނުނު ތަނަށް ދަންވަރު ޒިޔާން ދިޔައެވެ. ފަހަރެއްގައި ފުރޮޅެއްގެ ނިޝާން ނަމަވެސް ފެނޭތޯއެވެ. އޭރު ވެސް ވަރަށް ތުނިކޮށް ވާރޭ ވެހެއެވެ. ވާރޭ ވެހުމަކީ ހެކި ދޮވެވޭ ކަމެކެވެ. އަލިގަދަ ބައްތިތަކުން އަލިކޮށްގެން ވެސް އިތުރު ހެއްކެއް، އެ ތަނަކުން ޒިޔާނަކަށް ނުފެނުނެވެ. އެއީ ފަޅު ސަރަހައްދެކެވެ. އެއިން ހިސާބަކު ކެމެރާއެއް ނެތެވެ. އެއް ކަމެއް ޒިޔާނަށް ކަށަވަރު ވިއެވެ. ކުށްވެރިޔާއަކީ އެ ހިސާބުގަނޑަށް ފަރިތަ މީހެކެވެ. އެ ތަނުގައި ހުއްޓައި ދީމާ ގުޅިއެވެ.

"ކޮން އިރަކުން ގެއަށް އަންނަނީ؟" ދީމާ ސުވާލުކުރިއެވެ.

"ޔަގީނުން ވެސް މިރެޔަކު ނުދެވޭނެ،" ޒިޔާން ޖަވާބުދިނެވެ. "މާދަމާ ކޮންމެވެސް އިރަކުން ދާނެ ކަމަށް ބަލާ!"

އަލުން ފުލުސްއޮފީހަށް އައިސް ޒިޔާން ވިސްނިއެވެ. ހެތްކެއް ނެތް ތާކުން ހެކި ހޯދާނީ ކިހިނެއް ހެއްޔެވެ؟ އިނގެރޭސިވިލާތުގައި ޒިޔާނާ އެކުގައި މަސައްކަތްކުރި އެކުވެރިންނަށް ވެސް ޒިޔާން ގުޅިއެވެ. މަޝްވަރާކުރިއެވެ. ޖޯންއަށް ވެސް ގުޅިއެވެ. އޭނައަކީ، އެފްބީއައި ފޮރެންޒިކު ލެބޯޓަރީގައި މަސައްކަތް ކުރާ މީހެކެވެ. އެކަމަކު އުންމީދު އާވާ ކަހަލަ ލަފައެއް ނުލިބުނެވެ.

ފަތިސްވާން އުޅެނިކޮށް ޒިޔާން ފާހާނާއަށް ދާންޖެހުނެވެ. ފާހާނައިން ނުކުމެފައި ޓިޝޫއިން އަތް ފުހެލަން ވެގެން ޓިޝޫ ދަމައިގަތް ވަގުތު ޒިޔާން ހުއްޓުންއެރިއެވެ. އަނެއްކާ ޓިޝޫއެއް ދަމައިގަތެވެ. ތިންވަނަ ފަހަރަށް ވެސް ޓިޝޫއެއް ދަމައިގަތެވެ. އެ ވަގުތު ޒިޔާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

ނިދާފައި އޮތް މަނާރަތުގެ ފޯނު ރަނގަބީލުވާ އަޑަށް މަނާރަތަށް ހޭލެވުނެވެ. އެ ގަޑީގައި ފޯނުކުރުމަކީ މަނާރަތު ވަރަށް ރުޅިއަންނަ ކަމެކެވެ. ފޯނަށް ބަލައިލި އިރު އަރައިފައި އޮތީ ޒިޔާންގެ ނަމެވެ.

"ވިކްޓިމްގެ ހަސްބަންޑާ ބައްދަލުކޮށްލަން ބޭނުން." ޒިޔާން ބުންޏެވެ.

"އެއީ ކީއްކުރަން؟" މަނާރަތު ހިތްހަމަނުޖެހިފައި އެހިއެވެ. "އިންވެސްޓިގޭޓްކުރުމަކީ އަހަރުމެން ކުރަންޖެހޭ ކަމެއް..."

"ހެކި ހޯދަން ބޭނުން؟" އިނގެރޭސިބަހުން ޒިޔާން ސުވާލުކުރިއެވެ. އަދި ބުންޏެވެ. "ފިރިމީހާޔާ އަނގަތަޅާލަން ބޭނުންވަނީ. ހެނދުނު އޭނަ ގެއިން ނުކުތުމުގެ ކުރިން ގެއިން ދިމާވިއްޔާ ރަނގަޅީ."

"އޯކޭ!" މަނާރަތު އެއްބަސްވިއެވެ. "ހަސަންއަކީ އެމްޕީއެއް. އެ ކަން ދަނެގެން ވާހަކަދައްކާނީ."

އިތުރަށް ދިރާސާކުރުމުގައި ޒިޔާން އިނީ ހޭލައެވެ. ސިކުނޑީގައި ޒިޔާން ރާވާފައިވާ ރޭވުންގަނޑު ރަނގަޅަށް އަތުރާލައި ތައްޔާރުވާން ޒިޔާނަށް ވަގުތު ލިބުނެވެ. ދައްކަންވީ ވާހަކަޔާ ދެން ކުރަންވީ ކަންތައް ކުރާނެ ގޮތް ވެސް ޒިޔާން ތަރުތީބުކޮށްލިއެވެ.

ހަސަންއާ ބައްދަލުކުރަން ހަމަޖެހުނީ ހެނދުނު އަށެއްޖަހާ އިރުއެވެ. ޒިޔާން އެ ގެޔަށް ވަނުމުން އެންމެ ފުރަތަމަ ޒިޔާނާ ބައްދަލުކުރީ ބިދޭސީ ފިރިހެނެކެވެ. ޒިޔާން އަންނަކަން އޭނަޔަށް އޮތީ އެނގިފައެވެ. ބޮޑުކޮޓަރީގެ ސޯފާގައި އިށީންނަށް އިޝާރާތް ކޮށްފައި، ފަންކާ ޖަހައިފައި އޭނަ ދިޔަ ތާކަށް ދިޔައެވެ. ކޮނޑުގައި އަޅުވައިފައިވާ ލެޕްޓޮޕް ދަބަސް ކޮނޑުން ނަގަމުން ޒިޔާން އިށީނެވެ. ގޭތެރެއަށް ނަޒަރުހިންގާލިއެވެ. ހަސަންގެ ދެމަފިރިންނާއި، ހައެއްކަ އަހަރުގެ ފިރިހެންކުއްޖަކާ އެކުގައި ނަގައިފައިވާ ބޮޑު ފޮޓޯއެއް ފާރުގައި ހުއްޓެވެ. ކުއްލިއަކަށް ފޯނެއް ރަނގަބީލުވާ އަޑު އިވުނެވެ. ފިރިހެނަކު ފޯނުން ވާހަކަދައްކަން ފެށިއެވެ. ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ޒިޔާން އުންމީދުކުރީ އެއީ ހަސަން ކަމަށެވެ. ހަސަން ފެންނަ އިރު އޭނަ ހުންނާނީ މާޔޫސްވެ، ދެ ލޯ ރަތްވެފައި ކަމަށް ވެސް ޒިޔާން އުންމީދުކުރިއެވެ. ކުއްލިއަކަށް ދޮރެއް ހުޅުވައިލައިފައި މީހަކު ނުކުތެވެ. އޭނަ ހުރީ ބޭރަށް ނުކުންނަން ތައްޔާރުވެގެންނެވެ. އެކަމަކު ގަމީސް ދަށަކަށް ނުޖަހައެވެ. އޭނަގެ މޫނުމަތީގައި ވަނީ ތާޒާކަމާއި ހަމަޖެހުމެވެ. ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ.

"ހަސަން ހިޔަރ!" ސަލާންކޮށްލަމުން އޭނަ ބުންޏެވެ. "ހިނގާ ސައިބޮމާ!"

"ޒިޔާން!" ތައާރަފުވުމުގެ ގޮތުން ޒިޔާން ބުންޏެވެ.

ދެ މީހުން އެކުގައި ސައިކޮޓަރިއަށް ވަނެވެ. ވާހަކަދެއްކީ އެ ތަނުގައި ތިބެގެންނެވެ. އަނބިމީހާގެ މަރާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ޒިޔާން ނުދައްކައެވެ. ޒިޔާންގެ ވާހަކަ ހުރީ ނާދިޔާގެ ދިރިއުޅުމާ ބެހޭ ގޮތުންނެވެ. ޒިޔާން އެ ގެއަށް އައި ހަގީގީ ބޭނުން ސިއްރުކޮށްފައިވަނީ ޒިޔާންގެ ހިތުގައެވެ. އެ މަގުސަދު ހާސިލުކުރުމަށް ޓަކައި ޒިޔާން ހުރީ ފިސާރި ތައްޔާރުވެގެންނެވެ. މަގު ފަހި ކުރަމުން ގެންދިޔައީ ވެސް އެ ކަމަށެވެ. ވާހަކަދައްކަން މާ ގިނަ އިރު ހަސަންއަށް ނީނދެވޭނެކަން ޒިޔާނަށް އެނގެއެވެ. އަށްގަޑި ބައިވުމުން ސައި ނިންމައިލައިފައި ހަސަން ތެދުވިއެވެ.

"ވަރަށް ގަޑި ކައިރިވެއްޖެ! މިއަދު ވަރަށް މުހިންމު ބިލެއް ވެސް ހުށައަޅަންޖެހޭ!" ހަސަން ބުންޏެވެ. "އިތުރު ސުވާލެއް އޮތިއްޔާ އަޅުގަނޑުގެ ނަންބަރަށް.."

"ނޫންނޫން!" ޒިޔާން ބުންޏެވެ. "ނެތް ސުވާލެއް!"

ސައިކޮޓަރިން ނުކުންނަން ދެ މީހުން އެކުގައި ހިނގައިގެންފައި ޒިޔާން ހުއްޓުނެވެ.

"އަޅުގަނޑު މިހިރަ ފޮޓޯ ބަލައިލައިފަ ދިޔަސް އެންމެ ރަނގަޅު ތޯ؟" ޒިޔާން ސުވާލުކުރިއެވެ.

"އާދެ! އެއްވެސް މައްސަލައެއް ނެތް!" ހަސަން ހުއްދަދިނެވެ. "އަޅުގަނޑު ގޮސްލާނަން!"

ސަލާންކޮށްލައިފައި ހަސަން ގޮސް ކޮޓަރިއަށް ވަނެވެ. ޒިޔާން ގޮސް ފޮޓޯ ކައިރީގައި ހުއްޓުނެވެ. އެ ވަގުތު އެއިން ހިސާބަކު ވެސް މީހަކު ނެތެވެ. ޒިޔާންގެ ޖީބުން ނެގި އަންގި އަތަށް މަހައިލިއެވެ.

ނުނިމޭ