ކޮވިޑް-19: 1966 ސާމްޕަލްގެ ތެރެއިން 22 ޕޮޒިޓިވް
ކޮވިޑް-19: 1966 ސާމްޕަލްގެ ތެރެއިން 22 ޕޮޒިޓިވް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓުކުރި 1،966 ސާމްޕަލްގެ ތެރެއިން 22 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 15 މީހުން، މީހުން ދިރިއުޅޭ ރަށްރަށުން ހަތަރު މީހުން އަދި ރިސޯޓުތަކުން ތިން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،348 އަށް އަރައިފަ އެވެ.

އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ހުރީ 634 ގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 61 މީހަކަށް ފަރުވާދެ އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އާ ދޭތެރޭ 19 މީހަކު ބަލިން ރަނގަޅުވެފައި ވެ އެވެ. ރާއްޖޭގައި ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 12،659 އަށް އަރާފައި ވެ އެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމުގެ ހާލަތު ގޯސްވުމަށްފަހު ރާއްޖޭގައި މި ވަނީ އަނެއްކާ ވެސް ރަނގަޅުވެފަ އެވެ. އެޗްޕީއޭއިން މިހާރު އަންނަނީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދިވެހިންނަށް ކޮވިޑް ވެކްސިން ދިނުމަށް ތައްޔާރުވަމުންނެވެ.

އެންމެ ފުރަތަމަ ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ހައި ރިސްކު މީހުންނަށާއި އާންމު ޚިދުމަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންނަށެވެ.