12 ޑިސެމްބަރ 2020 - 23:03

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުވެ، ދިގުލައިގެން ދިއުމުގެ ސަބަބުން އެ ތަނުގައި ކިޔަވަމުން އަންނަ ދަރިވަރުން ގޮތް ހުސްވެއްޖެ އެވެ.
އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ކޯހުގެ މުއްދަތު ދަންމައި، ދަރިވަރުން އަތުން ބޮޑެތި ފީ ނެގުމުގެ ޝަކުވާތައް ކުރާތާ އެތައް ދުވަހެއް ވެގެންދިޔައިރު ވެސް އެކަމަށް ހައްލެއް ނުލިބެ އެވެ. އެހެންވެ، ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތް ހުއްޓިފައި އޮތުމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ހަގީގަކަށް ހެދުމަށް މީގެ ދެ އަހަރުކުރިން އައްޑޫ ފްލައިން ސްކޫލުން ޓްރެއިނިން ހަދަން ފެށި ދަރިވަރަކު ބުނީ އޭނާ އިމްތިހާނުތައް ނިންމިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އެކަމަކު، އިންސްޓްރުމެންޓް ސްޓޭޖާ ހިސާބުން ލަސްވެފައިވާ ކަމަށް ބުންޏެވެ.
އިންސްޓްރުމެންޓް ސްޓޭޖަކީ ބޭރު ނުބަލާ ދުއްވުމުގެ މަރުހަލާ އެވެ. އެ ސްޓޭޖުގައި ޖެހޭނީ މޫނުމަތީގައި ފޮތިގަނޑެއް ކަހަލަ އެއްޗެއް އަޅައިގެން އެއާކްރާފްޓް ތެރޭގައި ހުންނަ އިންސްޓްރުމެންޓްސް އަށް ބަލައިގެން ދުއްވާށެވެ. އެއީ ރޭގަނޑު ކުރާ ދަތުރުތަކަށް ދަރިވަރުން ދަސްކޮށްދިނުމަށެވެ.
"އަސްލު އަށް އެގްޒާމް ނިންމީމަ ކޮންމެ ހަތަރު ދުވަހަކުން އެއް ފްލައިޓް ދޭނަމޭ. އޭރުން ބަލާނަމަ ވެސް އަޅުގަނޑުމެން މި ހަމަކުރަން ޖެހެނީ 150 ގަޑިއިރު. އަސްލު ގަވައިދުން ލިބޭ ކަމުގައިވަނީ ނަމަ 18 މަސް ދުވަހު ކުރިއަށް ވެސް ނިމޭނެ. އެކަމަކު ވެސް ސްކޫލުގެ ފަޅިން އެ ކެޕޭސިޓީ ނުހުންނާތީ އަޅުގަނޑުމެން ލަސްވެގެން މި ދަނީ،" އެ ދަރިވަރު ބުންޏެވެ.
ފްލައިން ސްކޫލުގައި ދަރިވަރުން ދުއްވުމަށް 13 އެއާކްރާފްޓް އޮވެ އެވެ. އެކަމަކު މިވަގުތު ބޭނުންކުރަމުން އަންނަނީ ދެ އެއާކްރާފްޓެވެ. ބާކީ 11 އެއާކްރާފްޓުގެ ތެރެއިން ދެ އުޅަނދެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ދެން ހުރި އެއްޗެހިތައް އޮތީ މެއިންޓެނަންސްގަ އެވެ.
ޝެޑިއުލާ އެއްގޮތަށް ރަނގަޅަށް ކިޔެވުން ދާނަމަ 18 މަހަށް ވުރެ އަވަހަށް ޕައިލެޓް ކޯސް ފުރިހަމަކުރެވޭނެ އެވެ. ނަމަވެސް ފްލައިކުރަން ފުރުސަތު ނުލިބި، ހަތަރު އަހަރުވެގެން ދިޔައިރު ވެސް ކޯސް ނުނިމި ބައެއް ދަރިވަރުން އެބަތިއްބެވެ.
ކްރެޝް ލޭންޑިންއަކަށް ފަހު އެއް އިންޖީނުލީ އެއާ ކްރާފްޓެއް މިދިޔަ ޖެނުއަރީގައި ހަލާކުވި ކަމަށާއި އޭގެ ފަހުން ދެ އިންޖީނުލީ އެއާކްރާފްޓުގައި، ކުރިން 307 ޑޮލަރު ދައްކައިގެން ކުރަމުންދިޔަ ފްލައިއަށް 644 ޑޮލަރު (9،930ރ.) ދައްކައިގެން ކުރިއަށްދާން އަންގާފައިވާ ކަމަށް ވެސް އެ ދަރިވަރު ބުންޏެވެ.
"ސްކޫލުން ބުނަނީ ތިމަންނަމެން އިތުރު އެއާކްރާފްޓެއް ނުގެންނާނަމޭ. އެއީ އަޅުގަނޑުމެންނަށް ކިހާ ބޮޑު ގެއްލުމެއްތޯ. ކުރިން 307 ޑޮލަރު ދައްކަންޖެހޭ އެއްޗެއް 644 ޑޮލަރު ދައްކަންޖެހުނީމަ ގަޑިއިރަކަށް،" ދަރިވަރު ބުންޏެވެ.
އޭނާ ބުނިގޮތުގައ، މި ހާލަތުގައި އެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ އެހެން ފްލައިން ސްކޫލަކުން ކިޔެވުން ކުރިއަށްގެންދެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުމެވެ. އެހެންނޫނީ ވަގުތު ބޭކާރުވެ، އިތުރު ހަރަދުތައް ދާނެކަން ފާހަގަކުރި އެވެ.
"އަޅުގަނޑު ކައިރީގައި ކުދިން ރޯން ވެސް ރޮއެފައި އެބަހުރި. އަޅުގަނޑުމެންނަކަށް ނެތް، އަޅުގަނޑުމެންގެ ޑްރީމް ކޮންޓިނިއު ކުރެވޭކަށް. އަޅުގަނޑުމެންގެ ކުށަކުން ނޫން މިކަންތައް ވީ. މި ސްކޫލުގައި ކިޔެވުން ހީވަނީ އެއީ އަޅުގަނޑުމެންނަކީ ބާޑަންނެއް ވެފައި އޮތް ކަމަކަށް މިހާރު،" އެ ދަރިވަރު ބުންޏެވެ.
މި މައްސަލަތަކާ ބެހޭ ގޮތުން ފްލައިން ސްކޫލަށް އެކި ފަހަރުމަތިން ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ދެކުނަށް ކުރައްވާ ދަތުރުފުޅުގައި ނައިބު ރައީސް ރައީސް ފައިސަލް ނަސީމް ވަނީ އައްޑުއަށް ވަޑައިގެން ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި، ކޯހަށް ޑޮލަރުގެ ބަދަލުގައި ރުފިޔާއިން ފީ ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރަށް ދެވެން އޮތް އެހީތެރިކަމަކީ ކޮބައިކަން ބެއްލެވުން ހިމެނެ އެވެ.
އެ ސްކޫލުގައި ކިޔަވަމުން އަންނަ އެހެން ދަރިވަރަކު ބުނިގޮތުގައި ރާއްޖެއިން ބޭރުން ވެސް ޕައިލެޓް ޓްރެއިނިން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުނުއިރު، މީގެ ތިން އަހަރުކުރިން އައްޑޫ ފްލައިން ސްކޫލަށް ވަނީ އާއިލާގެ އެދުމުގެ މަތިންނެވެ. ނަމަވެސް އެއީ، ހެދުނު ވަރަށް ބޮޑު މިސްޓޭކެއް ކަމަށް އޭނާ ބުންޏެވެ.
އަހަރަކަށްވުރެ އަހަރެއް ކޯސް ފީއާއެކު ކޯހުގެ މުއްދަތު ވެސް ދަނީ އިތުރުކުރަމުންނެވެ. މިހާރު ކިޔަވަމުން އަންނަ ގިނަ ދަރިވަރުންގެ ކޯސް ފީގެ ޖުމްލަ އަދަދަކީ 49،103 ޑޮލަރެވެ. ނަމަވެސް 19.40 ރ. ގެ ރޭޓުން ފީ ދައްކަން އަންގާފައިވާކަމަށް އެ ދަރިވަރުން ބުންޏެވެ.