ޒަމާނީ ވަޔަލެސް ނެޓްވޯކްގެ ބައްޕަ މަރުވެއްޖެ
ޒަމާނީ ވަޔަލެސް ނެޓްވޯކްގެ ބައްޕަ މަރުވެއްޖެ

މިހާރު މި ބޭނުންކުރާ ޒަމާނީ ވަޔަލެސް ނެޓްވޯކްގެ ފެށުން ގެނެސްދިން ނޯމަން އަބްރަމްސަން މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެމެރިކާގެ ބޮސްޓަން އަށް އުފަން ނޯމަން 88 ގައި މަރުވީ ހަމުގެ ކެންސަރު ބަލީގައި މި މަހުގެ 1 ގައި ކަމަށެވެ.

އޭނާ އަކީ މިހާރު މި ބޭނުންކުރާ ސެޓެލައިޓްތަކާއި ފޯނާއި ކޮމްޕިއުޓަރު ފަދަ ވަސީލަތްތަކަށް އެންމެ ފުރަތަމަ ވަޔަލެސް ނެޓްވޯކް، އެލޯހާނެޓް ތައާރަފުކުރި މީހާ އެވެ. އެހެންވެ ނޯމަން މަޝްހޫރުވީ ވެސް ޒަމާނީ ވަޔަލެސް ނެޓްވޯކްގެ ބައްޕަގެ ގޮތުގަ އެވެ. އެލޯހާނެޓަކީ އަބްރަމްސަނާއި ފްރޭންކްލިން ކުއޯގެ އީޖާދެކެވެ. މިހާރު މުޅި ދުނިޔެ އިންޓަނެޓުން ކުޑަކޮށްފައިވާ އިރު، ވައި-ފައި އަކީ ވެސް އެ ދެ މީހުންގެ މަސައްކަތުގެ ތެރެއިން އުފަންވާން މަގުފަހިވި ހިދުމަތެކެވެ.

ޓެކްނޮލޮޖީ މިހާރު ކުރިއަރައިގެން ގޮސްފައިވާ ހިސާބަށް ބަލާއިރު، ވަޔަލެސް އަކީ މިހާރު ހިދުމަތެއް ދޭ އިރު ނުވަތަ ވިއުގައެއް ބިނާކުރާ އިރު ޒަރޫރީ ކަމެކެވެ. އެހެންވެ ކޭބަލްތައް މެދުވެރިކޮށް މިހާރު ހިދުމަތް ދިނުމަކީ ވަރަށް މުސްކުޅި ގޮތެކެވެ.

އަބްރަމްސަނަކީ ވަނީ ހާވާޑް ޔުނިވަސިޓީން ތައުލީމު ހާސިލުކުރުމުގެ އިތުރުން ލޮސް އެންޖެލިސްގެ ކެލިފޯނިއާ ޔުނިވަސިޓީން މާސްޓާޒް ހަދައި ސްޓޭންފޯޑް ޔުނިވަސިޓީން ޕީއެޗްޑީ ވެސް ހޯދައިފަ އެވެ.

ހަވާއީ ޔުނިވަސިޓީގެ ފެކަލްޓީއެއް ކަމަށްވާ މެނޯއާ ކޮލެޖް އިންޖިނިއަރިންގެ ވަރަށް އެންމެ އިސް މަގާމު އަދާކުރުމަށް ފަހު، އަބްރަމްސަން ވަނީ އެތަނުގެ އިންފޮމޭޝަން އެންޑް ކޮމްޕިއުޓަ ސައިންސް ޑިޕާޓްމަންޓްގެ ޗެއާގެ މަގާމު ވެސް އަދާކޮށްފަ އެވެ. އަދި އެ މަގާމުން ރިޓަޔާކުރީ 30 އަހަރު ވަންދެން ހިދުމަތް ކުރުމަށް ފަހު އެވެ.