12 ޑިސެމްބަރ 2020 - 17:30

ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ހަދައިފި އެވެ.

ރަށުގެ ގިނަ ރައްޔިތުން މިހާރު ވެސް ދަތުރު ދިއުމަށް ބޭނުން ކުރާ މި ސަރަހައްދު ވަނީ ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ބަހައްޓައިފަ އެވެ. ދަތުރު ގޮސް އުޅޭ މީހުންނަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ވެސް ވަނީ ތައްޔާރު ކޮށްފަ އެވެ. މީގެ އިތުރުން ވަނީ ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއް ބަހައްޓާފަ އެވެ.

މި ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި ވަނީ 30 ރުކާއި އިތުރު ގަސް ވެސް އިންދައިފަ އެވެ. އަދި މި ތުނޑިއަށް ދަތުރު ދަަ މީހުންނަށް ކުނި އުކާލުމަށް ޑަސްބިން ވެސް ވަނީ ބަހައްޓައިފަ އެވެ.
މި ތަން ތަރައްގީކުރަން ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯޓްސް ކްލަބުގެ ފަރާތުން ބުނީ މިއީ ރަށުގެ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމަށް ކުރި ކަމެއް ކަމަށެވެ. މިތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށް ވެސް މި ސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ އެ ކްލަބްގެ ތަސައްވަރެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފް ކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.