02 ޖޫން 2016 - 12:48

އިސްލާމްއާބާދު (ޖޫން 2) - ޕާކިސްތާނުގައި ކައިވެނީގެ ހުށަޙެޅުމަކަށް އިންކާރު ކުރި 18 އަހަރުގެ ޒުވާން އަންހެން ކުއްޖެއްގެ ގައިގާ ރޯކޮށްލައިފި އެވެ.

ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި މާރިއާ ސަދަގާތު ނަމަކަށް ކިޔާ އެ އަންހެން މީހާގެ، ގެ އަށް ވަދެގަތް ބަޔަކު އޭނާގެ ގައިގާ ރޯކޮށްލުމުގެ ސަބަބުން ލިބުނު ޒަހަމްތަކުގައި އޭނާ ވަނީ މަރުވެފަ އެވެ. އަންހެން ކުއްޖާގެ އާއިލާ އިން ބުނި ގޮތުގައި، މާރިއާ މަސައްކަތް ކުރާ ސްކޫލްގެ ވެރިމީހާގެ ދަރިފުޅުގެ ކައިވެނީގެ ހުށަހެޅުމަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ކައިވެނީގެ ހުށަހެޅުންތަކަށް އިންކާރު ކުރުމުން، އަންހެނުންނަށް ހަމަލާ ދިނުމަކީ ޕާކިސްތާނުގައި އާންމު ކަމެކެވެ.
ފުލުހުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ މާރިއާ އަށް ހަމަލާދިން ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވީ ސްކޫލްގެ ވެރިމީހާ ކަމަށެެވެ. އެ މީހުން ވަނީ މާރިއާ އަށް އަނިޔާ ކުރުމަށް ފަހު ޕެޓްރޯލް އަޅައި ރޯކޮށްލާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާގެ ހަށިގަނޑުގެ 85 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ ފިހިފަ އެވެ.
"އޭނާ އުޅުނީ އެ ސްކޫލްގައި ކިޔަވައިދޭން. އެ މީހުން ކައިވެނި ކުރަން ހުށަހެޅީ މީގެ ހަ މަސް ކުރިން. އެކަމަކު އެ ފިރިހެން ކުއްޖާ އުޅެނީ މީހަކާ އިނދެގެން. ދަރިއަކު ވެސް ހުރޭ. އެ މީހުން ބޭނުންވީ ފިރިހެން ކުއްޖާއާ އިނދެގެން މާރިއާ އެ ސްކޫލް ހިންގަން،" އެ ކުއްޖާގެ ބޮޑުދައިތަ ބީބީސީ އަށް ކިޔައިދިނެވެ. "އެކަމަކު އޭނާގެ ބައްޕަ އެ ކައިވެންޏަށް އިންކާރު ކުރި. އެހެންވެގެން އެކަމުގެ ބަދަލު ހިފުމަށް ކުރި ކަމެއް މިއީ."