އަތްމަތިދަތި އާއިލާތަކުގެ ބިލްތައް ދައްކައިދޭ ވިޔަފާރިވެރިއެއް
އަތްމަތިދަތި އާއިލާތަކުގެ ބިލްތައް ދައްކައިދޭ ވިޔަފާރިވެރިއެއް

މުޅި ދުނިޔެ އަށް ފެތުރިފައި އޮތް ކޮވިޑް-19 އަކީ އެތައް ބައެއްގެ ދިރިއުޅުން ދަތިކޮށްލި ބަލިމަޑުކަމެކެވެ. އެންމެ ބޮޑު ހިތްދަތި ކަމަކީ އަދާކުރަމުން ދިޔަ ވަޒީފާ ވެސް ގެއްލި، އާމްދަނީ ހޯދޭނެ ގޮތެއް ނެތި ދިރިއުޅުމުގެ އަސާސީ ވަރަށް ގިނަ ބޭނުންތަކުން ވެސް ގިނަ ބަޔަކު މަހުރޫމުވުމެވެ.

އަތްމަތިދަތި އާއިލާތަކުގެ ބިލްތައް ދައްކައިދޭ ވިޔަފާރިވެރިއެއް
އަތްމަތިދަތި އާއިލާތަކުގެ ބިލްތައް ދައްކައިދޭ ވިޔަފާރިވެރިއެއް

މިފަދަ ބަލިމަޑުކަމެއްގެ ތެރެއިން ވެސް ބައެއް މީހުން އަންނަނީ އެހެން މީހުންނަށް ހިނިތުންވުން ގެނެސްދެމުންނެވެ. އެމެރިކާގެ މި މީހާ އަކީ މިހާތަނަށް 114 އާއިލާގެ ޔުޓިލިޓީ ބިލް ދައްކައިދިން މީހެކެވެ. އޭގެ ތެރޭގައި ފެނާއި ކަރަންޓާއި ގޭސް ބިލްތައް ހިމެނެ އެވެ.

ފައިސާ ނުދައްކައިގެން ކަނޑާލާފައިވާ ބިލްތައް، ގަލްފް ބްރީޒް ޕޫލްސް އެންޑް ސްޕާސްގެ ނަމުގައި ވިޔަފާވެރި ހިންގާ ކެލިފޯނިއާގެ މައިކަލް އެޒްމޮންޑް ދައްކަން ފެށީ މި އަހަރަކު ނޫނެވެ. މިދިޔަ އަހަރު ކުރިމަތިވި ހަރިކޭން ސެލީގެ ސަބަބުން ލިބުނު ގެއްލުންތަކާ ހެދި ބިލްތައް ދެއްކޭނެ ގޮތެއް ނެތް 36 އާއިލާއެއްގެ ބިލްތައް އޭނާ ދައްކައި ދިނެވެ. އެއީ މައިކަލް ދިރިއޭ ގަލްފް ބްރީޒް ކޮމިއުނިޓީގަ އެވެ.

"އަދި މި އަހަރު މިވީ މާ ހިތްދަތި އަހަރަކަށް. ބިލްތައް ނުދެއްކި ހިދުމަތްތަކުން މަހުރޫމުވެފައި ތިބި އާއިލާތަކެއްގެ ބިލްްތައް ދައްކައި ދިނުމަކީ ލިބޭ ބޮޑު އުފަލެއް،" އޭނާ ބުންޏެވެ.

ސަތޭކަ ސާދަ އާއިލާގެ ބިލްތައް ދައްކަން އޭނާ ވަނީ 7,615.40 ޑޮލަރު (117,277.16ރ.) ހޭދަކޮށްފަ އެވެ. އަދި މިކަން ކޮށްފައި ވަނީ އެ އާއިލާތަކުގެ މީހުންނަށް ނާންގައި ޔުޓިލިޓީ ހިދުމަތްދޭ އިދާރާތަކުން މައުލޫމާތު ހޯދައިގެންނެވެ.

ގަލްފް ބްރީޒްގެ ޔުޓިލިޓީ ސުޕަވައިޒަރު ޖޮއާން އޮލިވާ ވިދާޅުވީ ނުދެއްކި ހުރި ބިލްތަކަށް މައިކަލް ފައިސާ ދައްކައިދިން ވާހަކަ ކަސްޓަމަރުންނަށް އޭނާގެ ފަރާތުން އީމެއިލުން އަންގާނެ ކަމަށެވެ.

މައިކަލް، 74، ބުނި ގޮތުގައި 100 އަށް ވުރެ ގިނަ އާއިލާގެ ބިލްތައް ދައްކައިދިން އިރު، އޭނާގެ ކުންފުނީގެ ވިޔަފާރި ވެސް މި އަހަރު އެހާ ގޯހެއް ނޫނެވެ. އެހެންވެ ދަތިކޮށް އުޅޭ ބައެއްގެ ދަތިކަން ފިލުވައި ނުދެވޭ ނަމަ ވިޔަފާވެރިން "ލަދުވެތިވާން ޖެހޭނެ" ކަމަށް ވެސް ބުންޏެވެ.

"އެހެންވެ އަހަރެން އެހީވާން ނިންމީ. ކުރިއަށް އޮތް ތަނުގައި ވެސް މިކަން ކުރާނަން." މައިކަލް ބުންޏެވެ. "މިފަދަ އެހީތަކުން ހަގީގަތުގައި ވިޔަފާރި އަށް ލިބޭނީ ކުރިއެރުން."