12 ޑިސެމްބަރ 2020 - 12:48

ބެއިޖިން (ޑިސެމްބަރު 12) - ކޮވިޑް-19 ގެ ރިސްކް ކުޑަކުރުމުގެ ގޮތުން، ފާޚާނާ ބޭނުން ނުކުރުމަށްޓަކައި ޗައިނާގެ އެއާލައިންތަކުގެ ކެބިން ކްރޫން ޑިސްޕޯސެބްލް ނެޕީ ޖަހައިގެން ތިބުމަށް އެ ގައުމުގެ އޭވިއޭޝަން ރެގިއުލޭޓަރު އަންގައިފި އެވެ.
ކެބިން ކްރޫން ނެޕީ ޖެހުމަށް އަންގާފައި ވަނީ އެއާލައިންތަކަށް ކަނޑައެޅި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ގައިޑްލައިންގެ ދަށުންނެވެ. ރެގިއުލޭޓަރު ބުނެފައި ވަނީ އާ ގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރަން ޖެހޭނީ ކޮވިޑުގެ ނުރައްކާ ބޮޑު މަންޒިލްތަކަށް ކުރާ ޗާޓަރު ދަތުރުތަކުގައި ކަމަށެވެ.
ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ އިން ނެރުނު 49 ސަފުހާގެ އާ ގައިޑްލައިންގައިވާ ގޮތުން ކްރޫން ނެޕީ ޖަހަން ޖެހޭނީ ކޮންމެ އެއް މިލިއަން މީހަކަށް 500 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމުތަކަށް ކުރާ ޗާޓަރު ދަތުރުތަކުގަ އެވެ. އޭގެ އިތުރުން ކްރޫން ތިބެން ޖެހޭނީ މެޑިކަލް މާސްކް އަޅައި، ޑިސްޕޯސެބްލް އަންގި ލައްވައި، ބޯނިވާކޮށް އަދި ގޮގްލްސް އަޅައިގެންނެވެ. އަދި ކްރޫން ތިބެން ޖެހޭނީ ޑިސްބޯސެބްލް ހެދުމެއްގައި ބޯޓު ވެސް ކަވަރުވާ ގޮތަށެވެ.
ކޮވިޑުގެ ސަަބަބުން ހީނަރުވެފައިވާ އެއާލައިން އިންޑަސްޓްރީ އަލުން ކޮޅަށް ޖެހުމަށްޓަކައި ދުނިޔޭގެ އެކި އެއާލައިންތަކާއި އެއާޕޯޓްތަކުން ދަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ބައެއް އެއާލައިންތަކުން ޓިކެޓް ވިއްކަނީ ދެ ޕަސެންޖަރުންގެ ދެމެދު އެއް ސީޓް ހުސްވާ ގޮތަށެވެ. އަނެއް ބައި އެއާލައިންތަކުން ވަނީ ޕަސިންޖަރުން ހުރިހާ ވަގުތެއްގައި މާސްކް އެޅުން މަޖްބޫރުކޮށްފަ އެވެ.