12 ޑިސެމްބަރ 2020 - 12:20

މިހާރު ފެންނަ އުންމީދީ ނަންބަރުތަކާ އެކު އަންނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އެއް ލައްކަ ޓޫރިސްޓުން އައުމާ ގުޅިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ފެންނަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމަށް އުންމީދު ބޮޑު ނަންބަރުތަކެއް ކަމަށެވެ. ކޮވިޑްގެ ހުއްޓުމާ އެކު ވެސް މި އަހަރު ރާއްޖެއަށް ބައި މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށާއި އެ އަދަދު އަންނަ ހަފުތާގައި ހަމަވާނެ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

"އުންމީދަކީ އަންނަ އަހަރުގައި 2019 ވަނަ އަހަރުގެ ރެކޯޑްތައް މުގުރައިލުން. އަދި 2022 ވަނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ގޯލްޑަން އަހަރަށް ހެދުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަލުން ބޯޑަރު ހުޅުވި ފުރަތަމަ ދެތިން މަހު އައި ޓޫރިސްޓުން އިންތިހާއަށް މަދު ނަމަވެސް ސަރުކާރުގެ އަމާޒް ހާސިލްވެގެން މިދިޔައީ ދާއިރާގެ އެންމެންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މިގޮތުގައި މަސައްކަތް ކުރާ ނަމަ އަންނަ އަހަރު ޓޫރިޒަމް އުޖާލާ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ކްރިސްމަސް އާއި އާ އަހަރު ގިނަ ރިސޯޓުތަކެއް މިހާރު ވެސް ވަނީ ފުލްވެފަ އެވެ. ޓޫރިސްޓުންނަށް ހާއްސަ 392 ފެސިލިޓީއެއް މި ވަގުތު ވެސް ހިންގަމުން އެބަ ގެންދެ އެވެ. އޭގެ ތެރޭގައި 134 ރިސޯޓާއި ފަސް ހޮޓަލާއި 140 ގެސްޓްހައުސް އަދި 123 ސަފާރީ ހިމެނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވާނެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ އެކު ދުނިޔޭގެ ދަތުރުފަތުރު ހުއްޓުނު އިރު، 2019 އަކީ ރާއްޖޭގެ ޓޫރިޒަމްގައި އެހާ ތަނަށް އެންމެ ކާމިޔާބު އަހަރެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އަހަރެއްގެ ތެރޭގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަން ހުރަސްކުރި އެވެ.