އަކްޝޭ އަށް އަނެއްކާ ވެސް ރަސްކަލެއްގެ ރޯލު
އަކްޝޭ އަށް އަނެއްކާ ވެސް ރަސްކަލެއްގެ ރޯލު

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިހާރު ހަދަމުން އަންނަ ފިލްމު "ޕްރިތުވީރާޖް" ގައި އިންޑިއާގެ ކުރީގެ ވަރުގަދަ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހާންގެ ރޯލު ކުޅެމުން އަންނަ އަކްޝޭ ކުމާރު އަނެއްކާ ވެސް ކުރީގެ އެހެން ރަސްކަލެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ފެހި ސިގްނަލް ދީފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ 17 ވަނަ ގަރުނުގެ ރަސްކަލެއް ކަމަށްވާ ސުހެލްދޭވްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމު ހަދަން ނިންމާފައި ވަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަމިޗް ތުރިޕަތީ މިދިޔަ ޖޫން މަހު ނެރުނު "ލެޖެންޑް އޮފް ސުހެލްދޭވް: ދަ ކިންގް ހޫ ސޭވްޑް އިންޑިއާ" އަށް ބިނާކޮށެވެ.

ޕްރޮޑިއުސަރު އަޝްވިން ވަރުދޭ މި ފޮތުގެ ރައިޓްސް ހޯދާފައިވާ އިރު އޭގެ ސްކްރީންޕްލޭގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި މި ފިލްމުގެ ވާހަކަ އަޝްވިން، އަކްޝޭއާ ހިއްސާކުރުމުން ވަރަށް ޝައުގުވެރި އެއްޗަކަށްވެގެން އޭނާ ވަނީ އެ ކުޅޭނެކަމުގެ އިޝާރާތެއް ދީފަ އެވެ.

ނަމަވެސް ފިލްމަށް އަކްޝޭ އަދި ސޮއިކުރިކަމެއް ކަށަވަރެއް ނުވެ އެވެ. އޭނާ ވަރަށް ބުރަކޮށް އުޅޭތީ ފިލްމަށް ތާރީހު ހަމަޖައްސާނެ ގޮތަކާ ދޭތެރޭ މިހާރު މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމު ޒުވާން އެކްޓަރަކާ އެކީގައި ހަދަން ކުރިން ވިސްނި ނަމަވެސް އަކްޝޭ ފަދަ ވަރުގަދަ އެކްޓަރަކާ އެ ފިލްމު ހަދައިފި ނަމަ ލިބޭނެ ކާމިޔާބު ބޮޑުވާނެތީ އަކްޝޭ އަށް ފިލްމު ހުށަހެޅީ އެވެ.

އޭނާއާ ގާތް ރަހުމަތްތެރި ކަމެއް ވެސް އޮންނަ އަޝްވިން ޕްރޮޑިއުސްކުރި ދެ ފިލްމެއް ކާމިޔާބު އެކްޓަރު ކުރިން ވެސް ކުޅެފައިވެ އެވެ. އެއީ 2013 ގެ "ބޮސް" އާއި 2014 ގެ "ޝައުކީންސް" އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ސުހެލްދޭވްގެ ފިލްމު ހަދާނީ ބޮޑު ބަޖެޓަކުން ބިޔަ ފިލްމެއްގެ ގޮތުގަ އެވެ. އެގޮތުން ފިލްމުގެ ގިނަ މަންޒަރުތައް ޝޫޓްކުރަން އަގުބޮޑު ސެޓްތަކެއް ވެސް ހަދާނެ އެވެ. އެކަމަކު ޑައިރެކްޓްކުރާނެ މީހަކު އަދި ނުނިންމަ އެވެ.

އަކްޝޭ ފުލުފުލުގައި ފިލްމުތަކަށް ސޮއިކޮށް، ޝޫޓްކުރަމުން އަންނަ އިރު، ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް "ބެލް ބޮޓަމް" އާއި "ޕްރިތުވީރާޖް" އާއި "އަތުރަންގީ ރޭ" އާއި "ބައްޗަން ޕާންޑޭ" އާއި "ރަކްޝާބަންދަން" އާއި "ރާމް ސެތޫ" ގެ އިތުރުން ސުޕަހީރޯ ފިލްމު "މިޝަން ލަޔަން" ހިމެނެ އެވެ.

މިދިޔަ މަހު "ލަކްޝްމީ" އިން ފެނިގެން ދިޔަ އަކްޝޭ ދެން އެންމެ އަވަހަށް ފެންނާނީ ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ" އިންނެވެ.