12 ޑިސެމްބަރ 2020 - 11:00

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލުމާ އެކު އެއް ލައްކަ ޓޫރިސްޓުން އައުން މިއަދު ފާހަގަކޮށްފި އެވެ.

އެއް ލައްކަ ވަނަ ޓޫރިސްޓަކަށް ވީ އެމިރޭޓްސްގެ ފްލައިޓުުން މިއަދު ހެނދުނު އައި ސްވިޒަލެންޑްގެ އަންހެނެއް ކަމަށްވާ ޖޭސްމީން ބުރުކީ އެވެ. ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ފަދަ ސަރުކާރުގެ އިދާރާތަކުން ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އޭނާއަށް ވަނީ ވީއައިއޭގައި ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޖޭސްމީންގެ މި ދަތުރުގައި އެއާޕޯޓުން އޭނާއަށް ލިބުނު ހައިރާން ކުރުވަނިވި މަރުހަބާގެ އިތުރުން އެހެން ހަދިޔާއެއް ވެސް ނަސީބުގައި ހިމެނުނެވެ: އެއީ މާލެއާ ކައިރީގައި ހިންގާ ހާޑް ރޮކް މޯލްޑިވްސްގައި ހަފުތާއެއްގެ ހިލޭ ޗުއްޓީއެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އަންނަ ހަފުތާގައި ބައި މިލިއަނަށް އަރާނެ އެވެ. މިއީ މިދިއަ އަހަރު ޒިޔާރަތްކުރި 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުންގެ ނިސްބަތުން ދަށް އަދަދެކެވެ.
މުޅި ދުނިޔެއަށް ބާރު ސްޕީޑެއްގައި ކޮވިޑް ފެތުރެން ފެށުމާ އެކު ރާއްޖޭގެ ބޯޑަރު މާޗު މަހު ބަންދުކުރި އިރު، ރާއްޖޭގެ ޓޫރިޒަމަށް އޮތީ ވަރަށް ބޮޑު ކުރިއެރުމެއް އައިސްފަ އެވެ. އެކަމަކު މުޅި ޓޫރިޒަމް ބަންދުކޮށް ތިން މަސް ދުވަހު ހޭދަވިއިރު، ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ދާއިރާއަށް ކުރިމަތިވި ލޮޅުން ވަރަށް ބޮޑެވެ.
ބޯޑަރު ބަންދުކޮށް ގާތްގަނޑަކަށް ހަތަރު މަސް ވާން ކައިރިވެފައި އޮއްވާ ޖުލައި 15 ގައި ހުޅުވާލުމާ އެކު މިހާރު އަނެއްކާވެސް ޓޫރިޒަމަށް ބޮޑު ދިރުމެއް އަަންނަން ވަނީ ފަށައިފަ އެވެ. އެގޮތުން އާ އަހަރާ ދިމާއަށް ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ފުރޭނެ ކަމަށް، ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ. މިހާރު ވެސް ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ގިނަވެ، ފްލައިޓްތައް ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.
މި ވަގުތު ރާއްޖެއަށް 20 އެއާލައިނަކުން ދަަތުރުކުރެ އެވެ. އެންމެ ގިނަ ފްލައިޓްތައް ބާއްވަނީ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އިންނެވެ.
ޖުލައި 15 އިން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ، 20،000 މީހުންނާ އެކު ރަޝިއާއިންނެވެ. ދެވަނައަށް އަވަށްޓެރި އިންޑިއާގެ ޓޫރިސްޓުންނެވެ. ތިން ވަނާގައި އުޅެނީ އިނގިރޭސި ވިލާތެވެ.
ކޮވިޑަށް ފަހު ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން އެމެރިކާ އާއި ޔޫއޭއީ އާއި މިސްރުގެ އިތުރުން ކަޒަގިސްތާން ފަދަ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު މަތިވެފައިވެ އެވެ.