12 ޑިސެމްބަރ 2020 - 10:27

މަސްތުވާތަކެތީގައި ޖެހި ޖީލެއް ހަލާކުވެގެން ގޮސްފައިވާ ރާއްޖޭގެ ޒުވާނުން އެކަމުން ސަލާމަތްކުރުމުގެ މުހިއްމުކަން، މި ދުވަސްކޮޅު އިވެމުންދާ ހިތްދަތި އެތައް ވާހަކަތަކާ އެކު، އަނެއްކާވެސް ދަނީ ފާހަގަކުރެވެމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7،500 މީހުން ތިބި ކަމަށް (2011/2012ގެ ސާވޭއަކުން) އަންދާޒާކުރެވެ އެވެ. އޭގެ ތެރޭގައި ގިނައީ 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުން ސަލާމަތްކުރަން މައިންބަފައިންނާއި ބެލެނިވެރިން ހަދާނެ ގޮތުގެ މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ފޮތެއް މިދިޔަ ހަފްތާގައި ވަނީ ނެރެފަ އެވެ. "ދުރާލާ ތައްޔާރުވެ ހުރަސްއެޅުން: މަސްތުވާތަކެއްޗަށް އަޅުދާސްތުވުމުން ސަލާމަތް ކުރަމާ!" އަކީ މަސްތުވާތަކެއްޗަށް ދެވިހިފުމާ މެދު ހޭލުންތެރިކޮށް ޒުވާނުން އެކަމުން ސަލާމަތްކުރަން މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖާނީ އިން ތައްޔާރުކުރި ފޮތެކެވެ.
ދަރިއަކު މަސްތުވާތަކެތި ބޭނުންކުރޭތޯ ދެނެގަންނާނެ ގޮތާއި ޝައްކުވާ ނަމަ ޔަގީންކުރާނެ ގޮތުގެ ބޭނުންތެރި މައުލޫމާތުތައް އެ ފޮތުގައި ހިމެނެ އެވެ. ކަމާ ބެހޭ ގޮތުން ކުއްޖާއާ ސުވާލުކޮށް ވާހަކަދައްކާނެ ގޮތާއި އެ މުއާމަލާތުން އެދެވޭ ނަތީޖާއެއް ނެރޭނެ ގޮތް ވަނީ ކިޔައިދީފަ އެވެ. އަދި ވާހަކަދެއްކުމަށް ފަހު ކުއްޖާގެ އުޅުން ބަދަލުކުރޭތޯ ބަލާނެ ގޮތާއި އޭނާ މަސްތުވާތަކެތިން ސަލާމަތްކުރުމަށް އިތުރު އެހީތެރިކަން ހޯދާނެ ގޮތް ވެސް ފޮތުގައި ބުނެދެ އެވެ.
ފޮތުން ލިބޭ ބޭނުންތެރި އެއް މައުލޫމާތަކީ ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވަދެގެންދާ މައިގަނޑު ބައެއް ސަބަބުތަކެވެ. އޭގެ ތެރޭގައި އަޖުމަބަލައިލުން، ކުރާ ކަމެއް ރަނގަޅުކޮށްލުން، މަސްތުވާތަކެތިން ލިބޭ އަރާމު ހޯދުން، އެހެން ކުދިންނާ ބައިވެރިވުމުގެ ގޮތުން ބޭނުންކުރުން އަދި އެކަނިވެރިކަމާއި ފޫހިކަން ފިލުވުން ހިމެނޭކަން ފޮތުގައި ފާހަގަކޮށްފައިވެ އެވެ.
މާހިރުންނާ ހަވާލާދީ ފޮތުގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ތިން މަރުހަލާއެއްވެ އެވެ. ފުރަތަމަ މަރުހަލާއަކީ އެހެން ކުދިންނާ އެކު އުޅޭ އިރު އަޖުމަ ބަލައިލުމުގެ ގޮތުން ބޭނުންކުރަން ފެށުމެވެ. އެއީ މިސާލަކަށް ޕާޓީއެއްގައި ނުވަތަ ދަތުރު ގޮސް އުޅުމުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމެވެ. ދެވަނަ ފިޔަވަހީގައި، މަޑުމަޑުން މަސްތުވާތަކެތި ބޭނުންކުރުމުގައި ދިރިއުޅުން ހޭދަކުރަން ފަށަ އެވެ. އަދި ފަހު މަރުހަލާއަކީ މަސްތުވުމުގަ އާއި މަސްތުވާއެއްޗެހި ހޯދުމުގައި މުޅި ދިރިއުޅުން ކަޑައްތުކުރުމެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް ފަރުވާދޭން އެންމެ ރަނގަޅީ މީގެ ތެރެއިން ފުރަތަމަ ނުވަތަ ދެވަނަ ފިޔަވަހީގައިކަން ފޮތުގައި ފާހަގަކޮށްފައިވެ އެވެ.
"ތަހްލީލްތަކުން ދައްކާ ގޮތުގައި މަސްތުވުމަށް ޅަ އުމުރުގައި ދޯޅުވާ ކުދިން އަޅުދާސްތުވުމުގެ ފުރުސަތު މާ ބޮޑެވެ. މަސްތުވާތަކެތި ބޭނުންކުރަން ފަށާ ހިސާބުން ހުރަސްއަޅައި ކާމިޔާބު ވެއްޖެ ނަމަ ކުއްޖާ އަޅުދާސްތު ވުމާ ގުޅުން ހުރި ކަންކަމުގައި މުޅި ދިރިއުޅުން ހޭދަކުރާކަށް ނުޖެހެ އެވެ،" ފޮތުގައި ލިޔެފައިވެ އެވެ.
ފޮތުގެ މުހިއްމު އަނެއް ބަޔަކީ ދަރިއަކު މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުމާއި އެކަން ކަށަވަރުކުރާނެ ގޮތެވެ. އޭގެ ތެރޭގައި ކުއްޖާގެ އާއްމު ދިރިއުޅުމަށް ބަދަލު އާދޭތޯ ބެލުން ހިމެނެ އެވެ.
ފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުރާވަރު ދުވަސްވަރާ ގުޅިގެން އާއްމު ގޮތެއްގައި ކުދިންނަށް ޖިސްމާނީ އަދި ނަފުސާނީ ބަދަލުތައް އަންނަ އިރު، ކުއްޖާގެ އަމަލުތައް ކޮންމެވެސް ވަރަކަށް ތަފާތުވުމަކީ އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ނިޝާނެއް ކަމަކަށް ނުނިންމޭނެ އެވެ. އެކަމަކު ކުއްޖާގެ ސިފަ އާއި އާއްމު ސާފުތާހިރުކަން އަދި ދުޅަހެޔޮކަމަށާއި ކިޔެވުމަށް ސަމާލުކަން ދޭ މިންވަރަށް ބަދަލު އާދޭތޯ ބެލުން މުހިއްމެވެ.
"ދަރިފުޅުގެ އެކުވެރިން ދޫކޮށްފައި އާ ކުދިންނާ އެކު ވަގުތު ހޭދަކުރުން، ކިޔެވުން ދަށްވުން، އަދި އޭނާގެ އަމިއްލަ ސާފުތާހިރުކަމަށް ފަރުވާކުޑަކުރުން ފަދަ ކަންކަން ފާހަގަކުރެވޭ ނަމަ މި ކަންކާ މެދު ވިސްނާލަން ޖެހޭނެ އެވެ،" ފޮތުގައި ލިޔެފައިވެ އެވެ.
ދެވަނަ އިރުޝާދަކީ، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ އާލާތްތައް ހުރިތޯ ބެލުމެވެ. އެގޮތުން އޭނާގެ އެއްޗެހި ހާވައި ބެލިދާނެ ކަމަށާއި ބަލާނީ ގޮދަޑި ދަށް، މޭޒާއި އަލާމާރީގެ ވަތްގަނޑުތައް، ދަބަސް، އެނދުގެ ހަތަރު ކަން، މޭކަޕް ސާމާނު ހުންނަ ފޮށި ފަދަ ތަންތަން ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެއާއެކު ފޮތުގައި ދީފައިވާ އިންޒާރަކީ ދަރިފުޅުގެ ހުއްދަ ނެތި އެއްޗެހި ހޭވި މައްސަލަ ޖައްސައިފިއްޔާ ޖަވާބުދާރީވާން ތައްޔާރަށް ހުންނަން ޖެހޭނެ ކަމެވެ.
"މުހިއްމު ނުކުތާއަކީ، ކުއްޖާއާ ސުވާލުކުރަން ކޮންމެހެން ވަރުގަދަ ހެކިތަކެއް ހޯދަން ނުޖެހޭކަން ދެނެގަތުމެވެ. ތިމާގެ ހިތް ބުނާ ބުނުން ވެސް އެކަމަށް ފުދޭނެ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކުއްޖާގެ ފަރާތުން ފެނިފައިވާ ނޭދެވޭ އަމަލުތައް ނޯޓުކޮށް، އެ ވާހަކަ އޭނާއާ ދައްކާ ހެދުމުން ދަރިފުޅު ތެދު ބުމުގެ ފުރުސަތު ބޮޑުވާނެ އެވެ،" ފޮތުގައިވެ އެވެ.
މަސްތުވާތަކެއްޗާ ބެހޭގޮތުން ކުއްޖާއާ ވާހަކަދައްކާ އިރު އޭނާއާ ކުރިމަތިލައި ރުޅި އިސްކޮށް ޖަދަލުކޮށް ނަހަދަން ފޮތުގައި ބެލެނިވެރިންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
އިރުޝާދަކީ ދަރިފުޅު ތެދުވެރިކަމާ އެކު ވާހަކަދައްކާނެ ފަދަ މާހައުލެއް ގާއިމްކުރުމަށާއި ރުޅި އައިސް އަޑުގަދަވެގެން އެ މާހައުލު ބަދަލުވެއްޖެ ނަމަ ވާހަކަ މެދުކަނޑާލުމެވެ.
"އެންމެ މުހިއްމު އެއް ބޭނުމަކީ ތިމާ ދައްކާ ވާހަކަ ނުވަތަ ދޭ ނަސޭހަތް ކުއްޖާ ބަލައިގަތުމެވެ. އަދި ދަރިފުޅު ދައްކާ ވާހަކަ ވެސް ތިމާ ކަނުލައި އަޑުއެހުމެވެ،" ފޮތުގައިވެ އެވެ.