13 ޑިސެމްބަރ 2020 - 07:43

ސުރުހީ އެހެން ލިޔެފައި އެ އޮތީ، ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބެލެވިފައި އޮންނަ އެކަމަކު ފުރާނަ އަށް ނުރައްކާވާ ހާލަތެއް ކަމަށްވާ "ޑްރައި ޑްރޯނިން" އަދި "ސެކަންޑަރީ ޑްރޯނިން" ގައި ދިމާވާ ގޮތް ވީހާވެސް ސާދާކޮށް ބުނެދީ ސަމާލުކަމަށް ގެނައުމަށެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މޫދަށް ނުވަތަ ފެންގަނޑަކަށް ވެއްޓޭއިރު އާއި ކުޅެ މަޖާކުރުމުގެ ތެރޭގައި ނޭފަތުން ނުވަތަ އަނގައިން ފެން އެތެރެއަށް ދަމާލެވި ފުއްޕާމެއާ ހިސާބަށްދެ އެވެ. އެއީ ވަރަށް ކުޑަކުޑަ ފެންފޮދަކަށް ވާތީ، އެ ވަގުތު ކުޑަކޮށް ކޮށިއަރައި ކެއްސައިލުން ނޫން އުނދަގުލެއް ނުވިޔަސް އޭގެ އެތައް އިރެއް ފަހުން ކުއްލިއަކަށް ނޭވާ ހާސްވެ ފުރާނަ އަށް ނުރައްކާވެ އެވެ.
ނޭފަތުން ނުވަތަ އަނގައިން އެތެރެހައްޓަށް ފެން ދިއުމުން ނޭވާހޮޅި ފިތި، ބާރުވެ އެވެ. އެއީ ފުއްޕާމެއަށް ފެން ދިޔަ ނުދިނުމަށެވެ. މިއީ "ޑްރައި ޑްރޯނިން" އޭ ކިޔައި އުޅެ އެވެ. އެކަމަކު އެއީ މެޑިކަލް ޓާމެއް ނޫނެވެ. ޑޮކްޓަރުން މިކަމަށް ކިޔަނީ "ޕޯސްޓް-އިމާސަން ސިންޑްރޯމް" އެވެ. މިއީ ވަރަށް ނާދިރު ކަމެކެވެ. އެކަމަކު ދިމާވާ ކަމެކެވެ.
ޑްރައި ޑްރޯނިން ގިނައިން ދިމާވަނީ ކުޑަކުދިންނަށެވެ. މިކަން ދިމާވާ ކުދިންގެ ތެރެއިން 95 ޕަސެންޓް ކުދިންނަކީ ފުއްޕާމެއަށް ފެން ދިއުމަށް ފަހު މާބޮޑު ކަމެއް ނުވާ ކުދިންނެވެ. އެކަމަކު އެއްގަމަށް އަރައި ފެން ހިކި އެތައް އިރެއްވާ ފަހުން ވެސް ކުއްލިއަކަށް ހާލު ސީރިއަސްވެދާނެ އެވެ. މިއީ ސިއްހީ އެހީތެރިކަން ވަރަށް އަވަހަށް ބޭނުންވާ ކަމެކެވެ.
ޑްރައި ޑްރޯނިން އާއި ސެކަންޑަރީ ޑްރޯނިން އަކީ ވެސް ފެނުގައި އުޅޭއިރު ލިބޭ ގެއްލުމެކެވެ. އެކަމަކު ޑްރައި ޑްރޯނިން ކަމަށް ބަލަނީ ނޭފަތުން ނުވަތަ އަނގައިން ފުއްޕާމެޔާ ހިސާބަށް ފެން ދިއުމަށް ފަހު ގަޑިއެއްހާއިރު ތެރޭގައި ދިމާވާ ސިއްހީ ހާލަތަށެވެ. ސެކަންޑަރީ ޑްރޯނިން މެދުވެރިވާން، ފުއްޕާމެޔަށް ފެން ވަންނަތާ 48 ގަޑިއިރު ވެސް ހޭދަވެދާނެ އެވެ. މިއި ވަރަށް ނާދިރު ކަމެކެވެ. އެކަމަކު ވަރަށް ނުރައްކާ ކަމެކެވެ.
ސެކަންޑަރީ ޑްރޯނިންގައި ދިމާވަނީ ފުއްޕާމެޔަށް ފެން އެޅި ގިނަވަމުންނެވެ. މިއީ ގެނބުމުން ވެސް ދިމާވާ ގޮތެވެ. ފުއްޕާމެޔަށް ފެން އެޅި ފުރުމުން ނޭވާލާން އުނދަގޫވެ އެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ނޭވާ ނުލެވި ފުރާނަ އަށް ނުރައްކާވެދާނެ އެވެ.
ފެނަށް އެރި އުޅުމަށް ފަހު ދެން ހޭދަވާ ގަޑިއެއްހާއިރު ތެރޭގައި، ޑްރައި ޑްރޯނިންގެ އަލާމާތްތަކަށް ސަމާލުވާންވާނެ އެވެ.
ޑްރައި ޑްރޯނިން މެދުވެރިވަނީ ނޭވާހޮޅީގެ މަތީގައި ވޯކަލް ކޯޑުތައް އެޅި ބަންދުވުމުންނެވެ. މިއީ "ލެރިންގޮސްޕަޒަމް" އެވެ. މިހެން ވުމުން ވާނެ ކަމަކީ ލަގޮނޑި އަށް ދަތުވުމެވެ. މި ހާލަތު ކުޑަކޮށް މެދުވެރިވުމުން މާބޮޑު ކަމަކަށް ނުވިޔަސް ބޮޑުވަރު ވެއްޖެ ނަމަ ފުއްޕާމެއަށް އޮކްސިޖަން ދިއުމާއި ނުކުތުން ހުއްޓި ނޭވާ ނުލެވޭ ގޮތް ދިމާވާނެ އެވެ. އެހެންވެ، ފެނުގައި އުޅޭއިރު ދިމާވާ ކަމަކުން ފެން ބޮވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އޭގެ ފަހުން މި ބުނާ އަލާމާތްތަކަށް ސަމާލުވާށެވެ؛
- ނޭވާލުމާއި ވާހަކަދެއްކުމަށް އުނދަގޫވުން
- ފަސޭހައިން ރުޅިއައުން ނުވަތަ އުޅުމަށް ބަދަލުތަކެއް އައިސްފައި ހުރުން
- ކެއްސުން
- މޭގައި ރިއްސުން
- ވަރުދެރަވުން އަދި ފެނުން އެރުމަށް ފަހު ނިދަން އުނދަގޫވުން
ކުޑަކުއްޖަކަށް މިކަން ދިމާވެއްޖެ ނަމަ ނޭވާލާން އުނދަގޫވުމާ އެކު ވާހަކަ ދައްކަން ދަތިވުމުން، ކުއްޖާ އަށް ވާ އުނދަގޫތައް ކިޔައިނުދެވޭ ހާލަތެއް ވެސް މެދުވެރިވެދާނެ ކަމަށް ވިސްނާށެވެ. ފެނުގައި އުޅުމަށް ފަހު، ކުއްޖާގެ ކިބައިން އެއްވެސް އާދަޔާ ހިލާފް ކަމެއް ފެނޭތޯ ބަލަމުން ދިއުން މުހިންމުވަނީ މި ސަބަބާ ހެދި އެވެ.
މި ކިޔައިދިން ފަދަ އަލާމާތެއް، ފެނުގައި އުޅުމަށް ފަހު ފެނިއްޖެ ނަމަ އަވަހަށް ސިއްހީ އެހީތެރިކަން ހޯދާށެވެ. ސިއްހީ އެހީތެރިކަން ލިބެންދެން ވެސް، މާބޮޑަށް ހާސްވާނެ ކަމެއް ނުކުރާށެވެ. ނޭވާލާ ނިޒާމަށް ބާރު ބޮޑު ނުވާނެ ގޮތަށް، ހާސްކަން ކުޑަވާނެ ގޮތަކަށް އަަމަލުތައް ބަހައްޓާށެވެ.
(މައުލޫމާތު: ހެލްތު ލައިން)