މިއަދު ކޮވިޑް ޖެހުނީ 18 މީހުންނަށް
މިއަދު ކޮވިޑް ޖެހުނީ 18 މީހުންނަށް

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 18 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، 2،358 ސާމްޕަލް ޓެސްޓު ކުރި އިރު އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން 16 މީހުންނާއި މީހުން ދިރިއުޅޭ ރަށަކުންނާއި ހަދަމުން އަންނަ ރިސޯޓަކުން ދެ މީހުންނެވެ. މިއީ ޓެސްޓު ކުރި ސާމްޕަލްގެ އަދަދަށް ބަލާއިރު، ނިސްބަތުން ދަށް އަދަދެކެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފެތުރެން ފެށި މި ބަލި މިހާތަނަށް 13،300 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މިހާރު ބަލި މީހުންގެ ގޮތުގައި ތިބީ 631 މީހެކެވެ. މިރޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 60 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގައި މިއަދު ވެސް މީހަކު މަރުވެފައިވާއިރު، އެ ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 48 އަށް އެރީ އެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ މި ބަލިމަޑުކަމުގެ ހާލަތު، ކުރިއާ އަޅާބަލާއިރު ރާއްޖޭގައި ވަނީ ރަނގަޅުވެފަ އެވެ. އެއާއެކު ގިނަ ލުއިތަކެއް ދިން ނަމަވެސް އަދިވެސް އެޗްޕީއޭގެ އިލްތިމާސްއަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމެވެ.