ޑިމޮކްރެސީ ކާމިޔާބު ނުވަނީ ކޮރަޕްޝަނާއި ޕާޓީތަކާ ހެދި: ސާވޭ
ޑިމޮކްރެސީ ކާމިޔާބު ނުވަނީ ކޮރަޕްޝަނާއި ޕާޓީތަކާ ހެދި: ސާވޭ

ރާއްޖޭގެ ޑިމޮކްރެޓިކް އިސްލާހުތައް ކާމިޔާބު ނުވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އާއްމުން ދެކެނީ ކޮރަޕްޝަނާއި ސިޔާސީ ޕާޓީތަކުގެ މެދުގައި އިތުބާރު ނެތުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ އިންސާނީ ހައްގުތަކުގެ ދިރާސާ އިން ދައްކައިފި އެވެ.

ދަ ރައިޓްސް ސައިޑް އޮފް ލައިފްގެ މިދިޔަ އަހަރުގެ ސާވޭގެ ރިޕޯޓު ބުރާސްފަތިދުވަހު ނެރުނު އިރު، އިސްލާހީ ބަދަލުތައް ކާމިޔާބު ވެފައި ނުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް 21 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި ސާވޭގެ 20 ޕަސެންޓް ބައިވެރިން ބުނިގޮތުގައި މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި އިތުބާރު ނެތުމެވެ.

ބާރަ ޕަސެންޓް މީހުން ދެކޭގޮތުގައި އިސްލާހުތައް ކާމިޔާބު ނުވަނީ ރައްޔިތުންގެ މަޖިލީހަށް ޒިންމާ އަދާނުކުރެވޭތީ އެވެ. އަދި އަށް ޕަސެންޓް މީހުން ދެކެނީ މީގެ އަސްލަކީ ސިޔާސީ މީހުން ކަމަށެވެ.

މިއީ އިސްލާހުތައް ކާމިޔާބު ނޫން ކަމަށް ދެކޭ މީހުން ފާހަގަކުރި ސަބަބުތަކެވެ.

ޑިމޮކްރެޓިކް އިސްލާހުތައް ކާމިޔާބު ކަމަށް ދެކޭ މީހުންނާއި ނާކާމިޔާބު ކަމަށް ދެކޭ މީހުންގެ އަދަދު ދާދި އެއްވަރެވެ. މިއީ 2011ގެ ދަ ރައިޓްސް ސައިޑް އޮފް ލައިފް ސާވޭ އިން ވެސް ދެއްކި ގޮތެވެ. އެކަމަކު އިސްލާހުތައް ކޮންމެވެސް ވަރަކަށް ކާމިޔާބު ކަމަށް ދެކޭ މީހުންގެ ނިސްބަތް 13 ޕަސެންޓުން 18 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

އިސްލާހުތަކާ މެދު ހިތްހަމަޖެހޭ ފިރިހެނުން އަންހެނުންނަށް ވުރެ ގިނަ އެވެ. އަދި އިސްލާހުތައް ކާމިޔާބު ނޫން ކަމަށް ދެކޭ މީހުން ގިނައީ ރަށްރަށުގަ އެވެ.

ރާއްޖޭގައި ވެރިކަން ހިންގަން އެންމެ ރަނގަޅީ ޑިމޮކްރެޓިކް ނިޒާމަކުންކަން ގިނަ މީހުން ގަބޫލުކުރެ އެވެ. ޑިމޮކްރެޓިކް އުސޫލުން ހިންގުމަކީ ގައުމަށް ފައިދާހުރި ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2015ގައި ކުރި ދިރާސާއެއްގައި 77 ޕަސެންޓް މީހުން ބުނެފައިވެ އެވެ.