11 ޑިސެމްބަރ 2020 - 20:43

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އައްޑޫގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރު ކުރި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ހިތަދޫ ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް މިއަދު ވިދާޅުވީ ފުލުހުން ހިންގި ބޮޑު އެ އޮޕަރޭޝަނުގައި، އޮކްޓޫބަރު ތިން ވަނަ ދުވަހު ހައްޔަރު ކުރި ހަތް މީހެއްގެ މައްޗަށް، ދިހަ ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ޑްރަގުގެ މި ބޮޑު ނެޓްވޯކު އަތުލައިގަތުމުގައި ހެކިންނަށް ތިބީ ފުލުހުން ކަމަށާއި އެ މީހުންގެ މައްޗަށް ކޯޓުން އަވަސް ޝަރީއަތެއް ހިންގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލަ ތަހުގީގު ކުރީ ފުލުހުންގެ ޑްރަގް ޔުނިޓްގެ ބޭފުޅުން. އެ ބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފި. ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން،" ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
"އެކަމަށް ވެސް އަޅުގަނޑުމެން އެންމެން ތައްޔާރު."
މަސްތުވާތަކެތީގެ ބޮޑު އެ އޮޕަރޭޝަނުގައި ޖުމްލަ 14 މީހަކު ހައްޔަރުކޮށް 98 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ފުލުހުން ބުނެފައި ވެ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.