އެމެރިކާ ސަރުކާރުގެ ތެރޭގައި ޗައިނާގެ "އެޖެންޓުން"
އެމެރިކާ ސަރުކާރުގެ ތެރޭގައި ޗައިނާގެ "އެޖެންޓުން"

ވޮޝިންޓަން (ޑިސެމްބަރު 11) - އެމެރިކާ ސަރުކާރަށް ނުފޫޒް ފޯރުވޭނެ ފަދަ އެޖެންޓުން ތިބޭނެ ކަމަށް ވިދާޅުވެ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) ގެ ތަޖްރިބާކާރަކު މޮޅު ވާހަކަތަކެއް ދައްކަވައިފި އެވެ.

ރެންމިން ޔުނިވާސިޓީގެ ސްކޫލް އޮފް އިންޓަނޭޝަނަލްގެ ވައިސް ޑީން ޕްރޮފެސަރު ޑި ޑޮންޝެން ނޮވެމްބަރު 28 ވަނަ ދުވަހު ދެއްވި ލެކްޗަރެއްގައި ވިދާޅުވީ އެމެރިކާ އާއި ޗައިނާއާ ދެމެދު ޖެހޭ މައްސަލަތައް ހައްލު ކުރުމުގައި ވޯލް ސްޓްރީޓުގެ ނުފޫޒް ބޭނުންކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު ޗައިނާއާ އެކު ފެށި "ވިޔަފާރީގެ ހަނގުރާމަ" ހައްލު ކުރުމުގައި ވޯލް ސްޓްރީޓަށް ވެސް އެހީތެރިކަން ނުދެވުނު ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޖޯ ބައިޑަން ކާމިޔާބު ކުރައްވާފައިވާތީ ޕްރޮފެސަރު ޑީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ޝެންހާއީގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޗައިނާ އާއި އެމެރިކާއާ ދެމެދު 1992 އާއި 2016އާ ދެމެދު ޖެހުނު މައްސަލަތައް އެހާ ފަސޭހަ އިން ހައްލުވި ސަބަބުތައް ވިދާޅުވެ ދެއްވައިފަ އެވެ.

"ދެ މަސްތެރޭ ހުރިހާ ކަމެއް ހައްލު ކުރިން. ކޮބައިތޯ ސަބަބަކީ؟ ތަންކޮޅެއް 'ގޮވުން ބޮޑު' ވާހަކައެއް މިތާނގާއި ބުނެލާނަން. އެއީ އަޅުގަނޑުމެންގެ އެޖެންޓުން ވަނީ އެމެރިކާ ސަރުކާރުގެ އެންމެ މައްޗާ ގުޅިފައިވާ ކަމަށްވާތީ،" ޑީ ވިދާޅުވި އެވެ.

ޕްރޮފެސަރު ވިދާޅުވީ 1970 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ދާޚިލީ އަދި ޚާރިޖީ މައްސަލަތަކުގައި ވޯލް ސްްޓްރީޓުގެ ނުފޫޒް ބޮޑު ކަމަށެވެ.