ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތް މާލޭ ސްޕޯޓްސް ކާމިޔާބުކޮށްފި
ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތް މާލޭ ސްޕޯޓްސް ކާމިޔާބުކޮށްފި

ސީބީއެލް ސްޕޯޓްސް އަތުން 110 ލަނޑުން މޮޅުވެ މޯލްޑިވްސް ގޭސް ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ހޯދައިފި އެވެ.

ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެން އަރައި 49 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 226 ލަނޑެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ 119 ބޯޅައިން 93 ލަނޑު ހެދި މުހައްމަދު ރިޝްވާނާއި 38 ލަނޑު ހެދި މިހުސާން ހާމިދެވެ. ސީބީއެލް އިން އެންމެ ރަނގަޅަށް އުކީ 18 ލަނޑަށް ތިން ވިކެޓް ނެގި އަބްދުﷲ ޝާހިދާއި 31 ލަނޑަށް ހަތަރު ވިކެޓް ނެގި މަހުމޫދު ރިޔާޒެވެ.

ޖަވާބުގައި ސީބީއެލް ކުޅެން އަރައި 33 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 116 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 58 ލަނޑު ހެދި ޝާހިދާއި 19 ލަނޑު ހެދި އިސްމާއިލް އަނިލްއެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް އުކީ 22 ލަނޑަށް ފަސް ވިކެޓް ނެގި މުހަންމަދު ޝާފީ ސައީދާއި 20 ލަނޑަށް ތިން ވިކެޓް ނެގި އަހުމަދު ނީޝާމް ނާސިރެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާލޭ ސްޕޯޓްސްގެ ރިޝްވާނެވެ. މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވިފައިވަނީ ސީބީއެލްގެ ޝާހިދެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާހިދެވެ. އެންމެ މޮޅު އުކުންތެރިއަކަށް ސީބީއެލްގެ އިބްރާހިމް ރިޒާން ހޮވުނުއިރު އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވުނީ ސީބީއެލްގެ ހަސަން ހާޒިގު ރަޝީދުއެވެ.