11 ޑިސެމްބަރ 2020 - 17:26

އެންމެ ޒުވާން މަސްވެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ހަސަން ސާޖިން، މަސްވެރިކަމަށް ނިކުތްފަހުން ވަރަށް ބޭނުން އެއް ކަމެއް އޮވެ އެވެ؛ އެއީ އޭނާ ފަދަ މަސްވެރިންނަށް ދިމާވާ ދަތިތަކާއި މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަ، އޭނާގެ ދުލުން ރައީސަށް ކިޔައިދިިނުމެވެ.

އިއްޔެ ފާހަގަ ކުރި މަސްވެރިން ދުވަހާ ގުޅުވައިގެން އެ ވާހަކަ އޭނާ ޓްވިޓާގައި ލިޔެލީ ވެސް މާބޮޑު އުއްމީދަކާ އެކުގައެއް ނޫނެވެ. އެކަމަކު މަސްވެރިންގެ ޝަކުވާތަކާއި ތަކުލީފުތައް ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާ ހަމައަށް ގެންގޮސް ދޭން ބޭނުންވާ ކަމަށް ބުނެ އިއްޔެ ހެނދުނު އޭނާ ކުރި ޓްވީޓަށް، ރޭ މާ ދަން ނުވަނީސް ޖަވާބު ލިބިއްޖެ އެވެ.

"ރޭ 11 ޖަހާކަންހާއިރު ނުދަންނަ ނަމްބަރަކުން ގުޅީ. ހަލޯއޭ ބުނިގޮތުން ވެސް އަޅުގަނޑަށް އެނގިއްޖެ މިއީ ރައީސްކަން،" އުމުރުން އެންމެ 17 އަހަރުގައި މަސްވެރިކަމަށް ނިކުތް ޒުވާނާ ބުންޏެވެ.
އުއްމީދު ވެސް ނުކޮށް ހުރި ފޯނު ކޯލް ލިބުމުން ސާޖިންއަކަށް ފުރަތަމަ ދައްކާނެ ވާހަކައެއް ނޭނގުނެވެ. ގިނަ ވާހަކަތަކެއް ދައްކަން ހުރި ނަމަވެސް، ރައީސްގެ ކޯލުން އޭނާ ބަސް ހުއްޓުނީ އެވެ. ވަރަށް ބިޒީކޮށް އުޅެމުން ރައީސް ގުޅުއްވީތީ ޝުކުރު އަދާކުރަމުން، ފަސް މިނިޓެއްހާއިރު ވާހަކަ ދައްކާލަން ބޭނުން ކަމަށް ސާޖިން ބުނި ނަމަވެސް ރައީސްގެ ޖަވާބަކަށްވީ، "ގުޅީ ހުރިހާ މަސައްކަތެއް ނިންމާލާފައި ކަމަށާއިި ދެން ދައްކާނެ ވާހަކައެއް ދައްކަންވީ" ކަމަށެވެ.
އެ ޖަވާބުން އޭނާގެ ޖެހިލުންވުން ކެނޑުނެވެ. އަދި އަބަދުވެސް ހިތުލައިގެން ހުރި ޝަކުވާތަކާއި، މަސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ ރައީސަށް ކިޔައިދިނެވެ. ސާޖިން ބުނިގޮތުގައި، އެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް ރޭ އޭނާއަށް ދެއްވި އެވެ.
މަސްވެރިއެއްގެ ޒިންމާގެ އިތުރުން، ސާޖިން އެންމެ އިސްކަމެއް ދެނީ، މަސްވެރިކަމުގެ ފޮޓޯތައް ނަގައި އާއްމު ކުރުމެވެ. މަސް ބޭނުމާއި އެންދަމާ މަންޒަރާއި ތަފާތު ވައްތަރުގެ މަހާއި ކަނޑުއަޑީގެ ޝައުގުވެރި މަންޒަރުތަކާއި ކަނޑުމަތީގައި މަސްވެރިއެއްގެ ގޮތުން އޭނާ ތަޖުރިބާ ކުރާ ކަންކަން ސޯޝަލް މީޑިއާއަށް އަޅައި، ޒުވާނުން އެކަމަށް ހިތް ޖެއްސުމެވެ.
އަމިއްލަ ކެމެރާތަކާއި ޑްރޯންގެ އެހީގައި އޭނާ ނަގާ ފޮޓޯ އާއި ވީޑިއޯތަކަށް މިހާރު މިލިޔަނުން ވިޔުސް ލިބޭއިރު، ސާޖިން އެންމެ ހިތްހަމަ ޖެހުނީ ރައީސަށް އޭނާގެ މަސައްކަތް ކަމުދިޔުމުންނެވެ.
"ރައީސް ވިދާޅުވި ވަރަށް ސަޅި ކަމެކޭ ތިކުރަނީ. މަސްވެރިކަމަށް ޒުވާނުން ހިތް ޖެއްސުމަށް ކުރާ ގައުމީ މަސައްކަތެއް ކަމަށް،" ސާޖިން ބުންޏެވެ.
އޭނާ ބުނީ ފޮޓޯ ނަގާ ކެމެރާއާ ގުޅޭގޮތުން ވެސް ރައީސް ސޯލިހު އޭނާއާ ވާހަކަ ދެއްކެވި ކަމަށެވެ. ފޮޓޯ ނެންގުމަށް ޝައުގުވެރިކަން ހުންނަވާ ރައީސް، އެންމެ ރަނގަޅު ކެމެރާ ތަކާއި އެކަމާ ބެހޭ ލަފާ ޒުވާން މަސްވެރިޔާއަށް ދެއްވި އެވެ.
ގާތްގަނޑަކަށް ބައިގަޑިއިރަށް ދެމިގެން ދިޔަ އެ ފޯން ކޯލު ރައީސް ނިންމާލެއްވީ ސާޖިންގެ ފޯނު ނަމްބަރު ރައްކާކުރައްވަމުންނެވެ. އަދި ރައީސްގެ ނަމްބަރަށް، ބޭނުން ކޮންމެ އިރަކު ވެސް ސާޖިންއަށް ގުޅޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު އުއްމީދުކުރީ ވަރަށް އޮފިޝަލް ވާނެ ކަމަށް. އެކަމަކު ވާހަކަ ދެއްކެވީ ވަރަށް ގާތްކޮށް. އެހެންވެ، ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް ހިއްސާ ކުރެވުނު،" ސާޖިން ބުންޏެވެ.
އެންމެ ޒުވާން މަސްވެރިޔާގެ ގޮތުގައި އޫރިދޫގެ އެމްބެސެޑަރުކަން ވެސް ކުރަމުން އަންނަ ސާޖިން ބުނިގޮތުގައި އޭނާއަކީ އެއްގޮތަކަށް ވެސް ސިޔާސީ މީހެއް ނޫނެވެ. މަސްވެރިކަމާ ގުޅުން ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ ވާހަކަ ކޮންމެ ސަރުކާރެއްގައި ވެސް އޭނާ ދައްކަ އެވެ. އެކަމަކު ރައީސް އޭނާއަށް ގުޅުއްވުމުން، ސަރުކާރަށް ސަނާ ކިޔާ މީހެއްގެ ގޮތުގައި ލޭބަލް ކުރަމުން ދާ ކަމަށް ސާޖިން ބުންޏެވެ. އަދި މަސްވެރިކަން ޕްރޮމޯޓް ކުރަން އޭނާ ކުރާ މަސައްކަތަށް ވެސް ބައެއް މީހުން މިހާރު ފާޑުކިޔަމުން ދާ ކަމަށް ބުންޏެވެ.
އޭނާ ބުނީ މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، އޭނާ ހަމައެކަނި ބޭނުންވީ އެ ޝަކުވާތައް ގައުމުގެ ރައީސަށް ގެންގޮސް ދޭށެވެ. އަދި މަސައްކަތް މެދުކަނޑާލާފައި އޭނާ ނަގާ ފޮޓޯތަކާއި ވީޑިއޯތަކުން އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށާއި އޭނާގެ މަގްސަދަކީ، އެއީ ވެސް ޒުވާނުން ކުރަން ކަމުދާ ކަހަލަ މަސައްކަތެއްގެ ގޮތުގައި ދެއްކުން ކަމަށް ބުންޏެވެ.
"އަޅުގަނޑު ފޮޓޯއާ ވީޑިއޯ ނަގަނީ އަމިއްލަ ފައިސާއިން ގަނެފައިވާ ކެމެރާއިން. އަދި މަސް ނުބާނައި، ހަމައެކަނި ފޮޓޯ ނަގަން ހޭދަކުރާ ދުވަސްތަކުގައި އެއްވެސް އާމްދަނީއެއް ނުލިބޭ. އަޅުގަނޑު އެކަން ކުރަނީ ވީހާ ވެސް ބޮޑަކަށް ޒުވާނުން މިކަމުގެ ތެރެއަށް ވައްދަން،" ފާޑުކިޔުންތަކަށް ރައްދު ދެމުން އޭނާ ބުންޏެވެ.
ގއ. ގެމަނަފުއްޓަށް އުފަން މި ޒުވާނާގެ ހިތްވަރަކަށް، މި ފާޑުކިޔުންތަކަކުން ބަދަލެއް ނާދެ އެވެ. އެކަމަކު ރައީސްގެ އެ ކޯލުން، މަސްވެރިކަމުގައި އޭނާ ދެކެމުން އައި އުއްމީދުތައް އާވެފައިވާ ކަމަށް ސާޖިން ބުންޏެވެ.