އިސްކަންދަރުކޮށި ތެރެއަށް އިންޒާރުގެ ލިޔުންތަކެއް
އިސްކަންދަރުކޮށި ތެރެއަށް އިންޒާރުގެ ލިޔުންތަކެއް

ސަރުކާރުން ކުރާ ބައެއް ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އިންޒާރުދީފައިވާ ލިޔުންތަކެެއް އަމީނީމަގުގައި ހުންނަ އިސްކަންދަރުކޮށި ތެރެއަށް އަޅައިފި އެވެ.

އިސްކަންދަރުކޮށީގައި ހުންނަ އިމާރާތު ލިފްޓް ކައިރިއަށާއި ސިޑި މައްޗަށާއި ޕްރޮފެޝަނަލް ސްޓޭންޑަޑް ޑިޕާޓްމަންޓްގެ ދޮރުމައްޗަށް އަޅާފައިވާ ކަމަށް ބުނާ ލިއުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

އެކަމަކު އެ މައްސަލާގައި ފުލުހުން ވަކި އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވެ އެވެ.

އިސްކަންދަރު ކޮއްޓަށް އަޅާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ލިޔުންތަކުގައި ބުނެފައި ވަނީ "ދިވެހި ފުލުހުންނަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ ސިޔާސީ އެޖެންޑާ ދިފާއުކުރަން ތިބި ބައެއް ނޫން، ސަރުކާރު ހިންގާ ޕާޓީގެ އެއް ފަޅިން ބާއްވާ ސިޔާސީ ޖަލްސާއެއްގެ ބޮޑުކަން ދައްކަން ދިވެހި ފުލުހުން ކުލަ ހެދުމުގައި ފޮނުވަން އުޅޭ އުޅުން އަހަރެމެން ކުށްވެރިކުރަން" ކަމަށެވެ.

އެ ލިޔުމުގައި އިޝާރާތްކޮށްފައި އެ ވަނީ މިރޭ ކާނިވާ ސަރަހައްދުގައި ރައީސް ޔާމީންގެ ފެކްޝަނުން ބާއްވާ ޖަލްސާއަށެވެ.

ސަރުކާރާ މެދު ހިތްހަމަނުޖެހޭ ބަޔަކު އެޅި އެ ލިޔުންތަކާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އިން އެއްވެސް ވާހަކައެއް ނުދެއްކި އެވެ. އަދި ލިއުންތައް ނާޅާ ކަމަކަށް ވެސް ފުލުހުން ނުބުނެ އެވެ.