ބަސަކްޝެހީރުން ބޭނުންވަނީ ރެފްރީ އުމުރަށް ސަސްޕެންޑްކުރަން
ބަސަކްޝެހީރުން ބޭނުންވަނީ ރެފްރީ އުމުރަށް ސަސްޕެންޑްކުރަން

ޕެރިސް (ޑިސެމްބަރު 11) - ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ޕީއެސްޖީއާ ދެކޮޅަށް ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް އިން ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ އެސިސްޓަންޓް ކޯޗު ޕިއޭރޯ ވެބޯއާ ނަސްލީ ގޮތުން ދިމާކޮށްލި ހަތަރު ވަނަ އޮފިޝަލް، ރޮމޭނިއާގެ ރެފްރީ ސަބެސްޓިއަން ކޮލްޓެސްކޫ މުޅި އުމުރަށް ސަސްޕެންޑްކުރަން ބަސަކްޝެހީރުން ގޮވާލައިފި އެވެ.

ބަސަކްޝެހީރުން ބޭނުންވަނީ ރެފްރީ އުމުރަށް ސަސްޕެންޑްކުރަން
ބަސަކްޝެހީރުން ބޭނުންވަނީ ރެފްރީ އުމުރަށް ސަސްޕެންޑްކުރަން

އަންގާރަ ދުވަހުގެރޭ ޕީއެސްޖީ ދަނޑުގައި ބަސަކްޝެހީރުއާ ދެކޮޅަށް ކުޅުނު މެޗު 14 މިނިޓަށް ފަހު ހުއްޓާލަން ޖެހުނީ ކޮލްޓެސްކޫއާ މެދު ދެ ޓީމުން ވެސް ހިތްހަމަނުޖެހުން ފާޅުކޮށް ދަނޑުން ފޭބުމުންނެވެ. އެންމެ ފުރަތަމަ ކޮލްޓެސްކޫ ދިން ލަފައަކަށް ބަލައި ރެފްރީ ވަނީ ވެބޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އެއީ ރެފްރީގެ ނިންމުންތަކަށް ތަކުރާރުކޮށް ވެބޯ ފާޑުކިޔަމުންދާތީ އެވެ. އެކަމަކު އެ މުޅި މަންޒަރު ބަދަލުވީ އެ ކަންތައްތައް ހިނގާދިޔަ ވަގުތު ވެބޯ އަށް ނިސްބަތްކޮށް ކޮލްޓެސްކޫ ދެއްކި ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭ ވާހަކަ ބަލަންޖެހޭ ކަމަށް ބުނެފަ އެވެ. އެއީ ވެބޯއާ ދިމާލަށް ތަކުރާރުކޮށް ކަޅު މީހެކޭ ބުނެ ނަސްލީ ގޮތުން ދިމާކުރުމުންނެވެ.

ވެބޯއާ ދިމާލަށް ކޮލްޓެސްކޫ ބޭނުންކުރި އިބާރާތް ރަނގަޅު ނޫންކަން ފާހަގަކޮށް ބަސަކްޝެހީރްގެ ބެންޗުގައި އިން ފޯވާޑް ޑެމްބަ ބާ އާއި ޕީއެސްޖީގެ އޮފިޝަލުން ވަނީ ރެފްރީގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. އެ މައްސަލައިގައި މެޗު ހުއްޓާލައި އެ ރޭ އަލުން މެޗު ފަށަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެހެން ނަމަވެސް ޔުއެފާ އިން ފަހުން ކޮލްޓެސްކޫގެ މައްސަލަ ތަހުގީގުކުރާނެކަން އަންގައި ބުދަ ދުވަހުގެ ރެ އަށް މެޗު ފަސްކޮށް އެރޭ އެ މެޗު ކުޅުނެވެ.

މި މައްސަލައާ ގުޅިގެން ބަސަކްޝެހީރްގެ ރައީސް ގޮކްސެލް ގުމުސްދާގް ވިދާޅުވީ މެޗުތައް އިންސާފުކުރަން ތިބޭ ރެފްރީން އެ ފެންވަރަށް ވެއްޓޭނަމަ އެއީ ފުޓްބޯޅައިގެ ކުރިއެރުމަށް އޮތް ހުރަހެއް ކަަމަށާއި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މިސާލު ދެއްކުމުގެ ގޮތުން އެ ރެފްރީ އުމުރަށް ސަސްޕެންޑްކުރަން ޖެހޭ ކަމަށެވެ.

ޔުއެފާ އިން އަންނަނީ ސީރިއަސް ކަމެއްގެ ގޮތުގައި ކޮލްޓެސްކޫގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ބުދަ ދުވަހުގެރޭ އަލުން ބަސަކްޝެހީރް އާއި ޕީއެސްޖީ މެޗު ކުޅުނުއިރު، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވެބޯގެ ނަން ހިމަނައިގެން އޭނާއާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ހާއްސަ ޓީޝާޓްތަކެއް ބޭނުންކޮށްފަ އެވެ. ޕީއެސްޖީ އެ މެޗުން މޮޅުވީ 5-1 އިންނެވެ.