އައިސީޔޫގައި ބޭނުންކުރާ ސާމާނު އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފި
އައިސީޔޫގައި ބޭނުންކުރާ ސާމާނު އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފި

އިންޓެންސިވް ކެއާ ޔުނިިޓް (އައިސީޔޫ) ގައި ބޭނުންކުރާ ބައެއް އާލާތްތައް އެމެރިކާއިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދޭ އެހީއެއްގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރީ 40 އޮކްސިޖަން ކޮންސެންޓްރޭޓާސް ހިމެނޭ ގޮތަށް 165،000 ޑޮލަރު (2.5 މިލިއަން ރުފިޔާ) ގެ ތަކެތި ކަމަށް ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ބުންޏެވެ.

އެ ތަކެތި ހަދިޔާކުރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އެލައިނާ ޓެޕްލިޒް އެވެ. އެ އެހީއާ ރާއްޖޭގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު ރައްޒާގެވެ.

އެމެރިކާ އެމްބަސީން ބުނިގޮތުގައި އެ ގައުމުން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 ގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ދިނުމަށް ވެސް ބޭނުން ކުރެވޭނެ އެވެ. އެއީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސް އިން ހަދިޔާކުރި ކަމަށް ތަކެތި ކަމަށް އެމްބަސީން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާއިން ކުރިން ވަނީ ރާއްޖެއަށް އެންމެ ޒަމާނީ 60 ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފަ އެވެ. އަދި އޭގެކުރިން އެ ގައުމުން ވަނީ ތިން މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ގެ އެހީއެއް ވެސް ރާއްޖެއަށް ދޭން ނިންމައިފަ އެވެ.