04 ނޮވެމްބަރ 2016 - 17:59

މީގެ މަސްތަކެއް ކުރިން ދަރިފުޅު ގޮވައިގެން، ބަންގްލަދޭޝްގައި ހުރި އެ ގައުމުގެ ލޯބިވެރިޔާ ކައިރި އަށް ދިޔަ ދިވެހި އަންހެނަކު ރަހީނުކޮށްގެން އުޅޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
"އެކަހަލަ މައްސަލައެއް ފުލުހުންނާއި ޖެންޑާ އިން ބަލަމުންދާކަން ކަށަވަރުކޮށް ދެން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. "އެކަމަކު މީގެ ތަފުސީލެއް މި ވަގުތު ދެވޭކަށް ނެތް. މައްސަލަ ބަލަމުން އަންނަނީ."
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން ގާތްގަނކަށް 19 އަހަރުގެ އަންހެން މީހާ، ރާއްޖޭގައި ވަޒީފާ އަދާކުރަން އައި ބަންގްލަދޭޝްގެ މީހާ ކައިރި އަށް ދިޔައީ އޭނާ ރާއްޖެ އިން ޑިޕޯޓް ވެސް ކޮށްލައިފައި ވަނިކޮށެވެ.
ބަންގްލަދޭޝްގެ މީހާ ޑިޕޯޓް ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށްވެ އެވެ.
އެ ދެ މީހުން ހިތާވި ފަހުން، ކައިވެނިން ބޭރުން މީގެ ދެ އަހަރު ކުރިން ދަރިއަކު ލިބިފައިވާ ކަމަށް ވެސް ވެ އެވެ.
ދަރިފުޅާ އެކު އަންހެން މީހާ ބަންގްލަދޭޝްގައި ރަހީނުކޮށްގެން އުޅޭކަން އެނގުނީ އޭނާ އާއިލާ އަށް ގުޅާފައި އެ ވާހަކަ ބުނުމުން ކަމަށް އަންހެން ކުއްޖާގެ ދޮން ބައްޕަ އާ ހަވާލީދީ މީޑިއާތަކުން ބުނެ އެވެ. އަދި އަންހެން ކުއްޖާގެ މަންމަ ބަންގްލަދޭޝް އަށް ގޮސް އެ ދެ މައިން ތިބި ތަނުން ސަލާމަތްކޮށްގެން، އެހެން ތަނެއްގައި ތިއްބައި އަންހެން ކުއްޖާގެ ލޯބިވެރިޔާ އެ މީހުން ތިބި ތަން ހޯދައިގެން ދަރިފުޅު ގޮވައިގެން ފިލީ ކަމަށް ވެސް ވެ އެވެ.