10 ޑިސެމްބަރ 2020 - 16:27

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ފަހު އޭނާ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އިއްވި ހުކުމަށް ފަހު މާފުށީ ޖަލަށް ޒިޔަތު ގެންގޮސްފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ހިޔާނާތުގެ 32 ދައުވާއެއް ދައުލަތުން ކުރި އެވެ. ދައުލަތާ އެކު ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން ޒިޔަތު ވަނީ އެ ހުރިހާ ދައުވާތަކަށް ކުރިން އެއްބަސްވެފަ އެވެ. އެ ދައުވާތަކުގައި، ޒިިޔަތު ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.
ހިޔާނާތުގެ މައްސަލައާ ގުޅިގެން ޒިޔަތު ހައްޔަރުކުރީ އޮކްޓޯބަރު 23، 2015 ގަ އެވެ. ނަމަވެސް ފެބްރުއަރީ 9، 2019 ގައި އޭނާ ގޭ ބަންދަށް ބަދަލުކުރި އެވެ. މި ފަހުން ޖަލަށް ގެންދިއުމާ ހަމައަށް ޒިޔަތު ހުންނެވީ ގޭ ބަންދުގަ އެވެ.
އޭނާގެ މައްޗަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށެއް 2016 ވަނަ އަހަރު ސާބިތުވުމުން އަށް އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ގެންދަވަނީ ތަންފީޒު ކުރަމުންނެވެ.
ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އަދީބު ވެސް ކުރިން ވަނީ ދައުވާތަކަށް އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.