އެކްސްޕޯ 2020 ގައި ރާއްޖެއިން އަންނަ އަހަރު ބައިވެރިވަނީ
އެކްސްޕޯ 2020 ގައި ރާއްޖެއިން އަންނަ އަހަރު ބައިވެރިވަނީ

ދުބާއީގައި އަންނަ އަހަރު ބާއްވާ ވޯލްޑް އެކްސްޕޯގައި ބައިވެރިވުމަށް ރާޢްޖެއިން އެކްސްޕޯ 2020 ގެ ނަމުގައި ރާއްޖޭގެ ތީމް ތައާރަފްކޮށްފި އެވެ.

އެކްސްޕޯ 2020، ކަނެކްޓިން މޯލްޑިވްސް، ކްރިއޭޓިން ދަ ފިއުޗާގެ ނަމުގައި ތީމް ލޯންޗުކުރި އިރު ސަބް ތީމްތަކެއް ވެސް ލޯންޗު ކޮށްފައިވެ އެވެ. އެއީ އޮޕޮޗުނިޓީ، މޮބިލިޓީ އަދި ސަސްނެއިނަބިލިޓީ އެވެ.

އެކަން އިއުލާނުކުރުމަށްޓަކައި މިއަދު ވަނީ ހާއްސަ ޒޫމް މީޓިންއެއް ބާއްވައިފަ އެވެ. މި މީޓިންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެކްސްޕޯ ސްޕޮންސާ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. މި އެކްސްޕޯއާ ގުޅޭ މައުލޫމާތުތައް ޓްވިޓާ، އިންސްޓަގްރާމް އާއި ފޭސްބުކް އިން ލިބޭނެ އެވެ.

ބިއުރޯ އޮފް އިންޓަނޭޝަނަލް އެކްޒިބިޝަން އިން ބާއްވާ ވޯލްޑް އެކްސްޕޯއަކީ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެކްސްޕޯ އެވެ. ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ މިފަހަރު ބާއްވަނީ ދުބާއީގަ އެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެ އަށް ދިން ދައުވަތު ގަބޫލުކޮށް އެކްސްޕޯ 2020 ގައި ރާއްޖެއިން ބައިވެރިވުމަށް ޕާޓިސިޕޭޝަން ކޮންޓްރެކްޓް ވަނީ ސޮއިކޮށްފަ އެވެ.

މިއީ ރާއްޖެއިން މި އެކްސްޕޯގައި ބައިވެރިވާ ހަތަރު ވަނަ ފަހަރެވެ. ކުރިން މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި އޮތީ އޮކްޓޫބަރު މަހު އެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މި އެކްސްޕޯ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ވަނީ ފަސްކޮށްފަ އެވެ.

މި އެކްސްޕޯ އަށް ވާން ޖެހޭ ތައްޔާރީތައް އިކޮނޮމިކް މިނިސްޓްރީން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އަންނަނީ ކުރަމުންނެވެ. މި އެކްސްޕޯ ހަ މަސް ދުވަހަށް ދެމިގެންދާނެ އެވެ. އެގޮތުން އޮކްޓޫބަރު 1، 2021 އިން މާޗް 31، 2022 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި އެކްސްޕޯގައި ރާއްޖޭގެ ޓޫރިޒަމާއި ސަގާފަތާއި އުފެއްދުންތައް ރާއްޖޭގައި ތަރައްގީގެ ކުރިމަގު ދުނިޔެ އަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ތެރެއިން ސްކޫލުތަކާއި ޔުނިވާސިޓީ ކުދިންނަށް ހާއްސަ ފުރުސަތުތަކާއި ދިވެހި ފަންނާނުންނަށް ހުށަހެޅުންތައް ދައްކައިލުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

މި އެކްސްޕޯގައި 193 ބައިވެރިވާނެ އެވެ. އަދި 25 މިލިއަން މީހުން މި އެކްސްޕޯ އަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެ އެވެ.