އެމެރިކާގައި އެއް ދުވަހުން 3،000 މީހުން މަރު
އެމެރިކާގައި އެއް ދުވަހުން 3،000 މީހުން މަރު

ވޮޝިންޓަން (ޑިސެމްބަރު 10) - ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް ޖެހިގެން އެމެރިކާ އިން 3،000 މީހުން މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޑޭޓާތަކުން ދައްކައިފި އެވެ.

މިއީ މިދިޔަ އެޕްރީލް މަހަށް ފަހު އެމެރިކާގައި އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެމެރިކާގައި އިއްޔެ ވަނީ ގާތްގަނޑަކަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވެ މީހުން މަރުވަމުން ދަނީ މިދިޔަ މަހު ލިބުނު ޗުއްޓީގައި ގިނަ ބަޔަކު ގައުމުގެ އެކި ހިސާބުތަކަށް ދަތުރުކުރި ފަހުން ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާ އިން 3،071 މީހުން މަރުވި އިރު ވަނީ 220,481 މީހުން އަލަށް ޕޮޒިޓިވްވެފަ އެވެ. އެމެރިކާގައި މިހާތަނަށް 15.6 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 294,581 މީހުން ވަނީ މަރުވެފަ އެވެ.

ކޭސްތައް އިތުރުވާން ފެށުމުން، އާބާދީގައި 33 މިލިއަން މީހުން ހިމެނޭ ކެލިފޯނިއާ މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. ކޮވިޑް ޓްރެކިން ޕްރޮޖެކްޓުން ދައްކާ ގޮތުން ބުދަ ދުވަހު އެކަނިވެސް އެ ސްޓޭޓުން ވަނީ 30،000 މީހުން ޕޮޒިޓިވްވެފަ އެވެ.

އެމެރިކާގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް ދަނީ ރެކޯޑް އަދަދުތަކުން އިތުރުވަމުންނެވެ. ބުދަ ދުވަހު އެކަނިވެސް ވަނީ 106،000 މީހުން އެޑްމިޓްކޮށްފަ އެވެ.

ވޭތުވެދިޔަ ދެ ހަފުތާއަށް ބަލާއިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް އެމެރިކާގައި ވަނީ 2،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.