10 ޑިސެމްބަރ 2020 - 12:17

އިޓަލީ އަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ފޯވާޑް އަދި ވޯލްޑް ކަޕުގެ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް މެޗާ ގުޅިފައިވާ ކުޅުންތެރިޔާ ޕައޮލޯ ރޮސީ އުމުރުން 64 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ރޮސީގެ މަރުގެ ސަބަބު އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އިޓަލީގެ މީޑިއާއާ ހަވާލާދީ އޭއެފްޕީން ބުނާ ގޮތުގައި އޭނާ އައީ ފަރުވާއެއް ނެތް ބައްޔެއްގެ ވޭން ތަހައްމަލުކުރަމުންނެވެ.

ސްޕެއިނުގައި 82 ގައި ބޭއްވި ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ރޮސީ ވަނީ އެ އަހަރު ބެލޮންޑިއޯ ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާގެ އެންމެ މޮޅު ކުޅުން ފެނިގެން ދިޔައީ އެ މުބާރާތުގެ ދެ ވަނަ ބުރުގައި ބްރެޒިލް އަތުން އިޓަލީ 3-2 އިން މޮޅުވި މެޗުގަ އެވެ. ރޮސީ ހެޓްރިކް ހެދި އެ މެޗަކީ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ވޯލްޑް ކަޕުގެ ތާރީހުގައި ފެނިގެން ދިޔަ އެންމެ މޮޅު މެޗެވެ.
ރޮސީ ވަނީ 1997 ވަނަ އަހަރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ މެޗެއްގައި ކުޅެފަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އީރާން އަތުން 17-0 އިން ރާއްޖެ ބަލިވި މެޗުގެ ކުރިން ގައުމީ ޓީމު އެކުވެރިކަމުގެ މި މެޗު ކުޅުނީ ރޮސީ ހިމެނިގެން އިޓަލީގެ ކުރީގެ ބައެއް ކުޅުންތެރިންނާ އެކު އައި "ކްލަބް އިޓާލިއާ" އާ ދެކޮޅަށެވެ.
ނޫ ޖާޒީގައި ރޮސީ ރަސްމީ ފެށުމަކީ އާޖެންޓީނާގައި 1978 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ. އެކަމަކު މެޗު ފިކްސިން މައްސަލައެއްގައި 1980 ވަނަ އަހަރު ތިން އަހަރަށް ސަސްޕެންޑްކުރުމުން އެ އަހަރު އަމިއްލަ ގައުމުގައި އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕުން އޭނާ އަށް ފުރުސަތު ލިބުނެވެ.
އެ މައްސަލައިގައި އޭނާ މައުސޫމު ކަމަށް ބުނަމުން އައި ރޮސީގެ އަދަބު ދެ އަހަރަށް ލުއިކުރުމުން 1982 ގެ ސީޒަނުގެ ފަހުކޮޅު ކުޅެން ނުކުތެވެ. އެކަމަކު އެ އަހަރުގެ ވޯލްޑް ކަޕުގެ ސްކޮޑަށް ރޮސީ ނެގުމުން ކޯޗު އެންޒޯ ބިއާޒެޓަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
އެ ވާހަކަތަކަށް ބާރު ލިބުނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗުން ވެސް ރޮސީ އަށް ގޯލެއް ކާމިޔާބުނުކުރެވި އަމާޒެއް ނެތި މުޅި ދަނޑުގައި އެނބުރުމުންނެވެ. އިޓަލީ ދެ ވަނަ ބުރަށް ހޮވުނީ ވެސް އުނދަގުލުންނެވެ.
އެ ބުރުގައި އިޓަލީ ވާދަކުރަން ޖެހުނީ އާޖެންޓީނާ އާއި ބްރެޒިލާ އެވެ. ޑިއެގޯ މަރަޑޯނާ އާއި ޑެނިއަލް ޕަސަރެއްޔާ އަދި މާރިއޯ ކެމްޕެސް ފަދަ ކުޅުންތެރިންނާ އެކު އާޖެންޓީނާގައި އޮތީ ނުހަނު ވަރުގަދަ ސްކޮޑެކެވެ. ބްރެޒިލްގެ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތެވެ. ފަލްކާއޯ އާއި ޒިކޯ އަދި ސޮކްރަޓީސްއާ އެކު އެއީ ވޯލްޑް ކަޕަކަށް މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އެއް ޓީމެވެ. އެހެންވެ އިޓަލީއާ މެދު މާ ގިނަ ބަޔަކު އުއްމީދެއް ނުކުރެ އެވެ. އަމުދުން ރޮސީގެ ކުޅުން ވަނދުކަމުންނެވެ.
އެކަމަކު ފުރަތަމަ މެޗުގައި އިޓަލީގެ ކްލައުޑިއޯ ޖެންޓިލޭ އާޖެންޓީނާގެ މަރަޑޯނާ ބަނދެލައިގެން ކުޅުމުގެ ނަތީޖާއަކަށް ވީ އޭނާ އަށް ކަމެއް ނުކުރެވި، އިޓަލީ 2-1 އިން މޮޅުވުމެވެ. އަދި ޖެހިގެން އައި މެޗުން ބްރެޒިލް އަތުން 3-1 އިން ބަލިވެ އާޖެންޓީނާ ކެޓީ އެވެ. އެއާ އެކު ސެމީ ފައިނަލް ލިބޭނެ ޓީމެއް ކަނޑައެޅުން އޮތީ އިޓަލީ އާއި ބްރެޒިލް މެޗުންނެވެ. މޮޅުވާ ޓީމަކަށް ފުރުސަތު ލިބޭއިރު އެއްވަރުވެއްޖެ ނަމަ ފުރުސަތު އޮތީ ބްރެޒިލަށެވެ. ދެ ޓީމުގެ ފެންވަރަށް ބަލާއިރު އުނދަގުލެއް ނެތި ބްރެޒިލުން މެޗު ކާމިޔާބުކުރާނެ ކަމަށް ލަފާކުރެވުނެވެ. މި މެޗުގައި ވެސް ބިއާޒޮޓް ފުރަތަމަ އެގާރައިން ފުރުސަތު ދިނީ ރޮސީ އަށެވެ.
ބާސެލޯނާގެ ސަރިއްއާ ސްޓޭޑިއަމުގައި ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެންޓޯނިއޯ ކަބްރީނީ އަރިމަތިން ނެގި ހުރަހެއް އޭރިއާ ތެރެއިން ފުންމައިގެން އަރައި ބޮލުން ޖަހައި ތިރީ ކަނަށް ވައްދާލައި ރޮސީ އިޓަލީ އަށް ކުރި ހޯދައިދިނެވެ. މިއީ އޭނާ މުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ.
އެކަމަކު އިޓަލީ އަށް ލީޑު ދެމެހެއްޓުނީ ހަތް މިނެޓު ވަންދެންނެވެ. މެދުތެރެއިން ބްރެޒިލްގެ ސޮކްރަޓީސް ޖައްސާލި ބޯޅަ ޒީކޯ ހޯދައި އިޓަލީގެ ކުޅުންތެރިއެއް ކައިރިން ދެމިގަނެ ދެން ޖައްސާލީ އަލުން ހުހަށް ހުރެ ކުރިއަށް އެރި ސޮކްރަޓީސް އަށެވެ. އޭނާ ދުވެފައި ގޮސް އިޓަލީގެ ކީޕަރު ޑިނޯ ޒޮފުގެ ފައި ކައިރިން ގޯލުގެ ތިރީ ކަނުގައި ބޯޅަ ތަތްކޮށްލި އެވެ. މި ގޯލުން އެކަނި ވެސް ބްރެޒިލްގެ އޭރުގެ ފެންވަރު ވަޒަންކުރެވޭނެ އެވެ.
އެކަމަކު އިޓަލީ އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. ޓޮނީނިއޯ ސެރެޒޯ ފަހަތަށް ޖައްސާލި ބޯޅައެއް އަތުލައި ރޮސީ ޑީ އޭރިއާ ތެރެއިން އުންޑައެއްހެން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި 25 ވަނަ މިނެޓުގައި އިޓަލީ އަށް އަލުން ކުރި ހޯދައިދިނެވެ.
ދެ ވަނަ ހާފުގައި ބްރެޒިލް ފެނުނީ ވަރަށް ނުރައްކާތެރިކޮށެވެ. އެކަމަކު އުމުރުން 40 އަހަރުގެ ކީޕަރު ޒޮފް ދިޔައީ ތަޖުރިބާގެ ބޭނުން ހިފައި ހަމަލާތައް މަތަކުރަމުންނެވެ. އެކަމަކު އެގޮތުގައި ހިފަހައްޓާލެވުނީ 68 ވަނަ މިނެޓާ ހަމަޔަށެވެ. އިޓަލީގެ ބްރޫނޯ ކޮންޓީ ކައިރިން ދެމިގަނެ ޖޫނިއޯ ޖައްސާލީ އޭރިއާ ބޭރު ރޮނގާ ދިމާލުން ހުސްވި ޒިކޯ އަށެވެ. އޭނާ މަޑުމަޑުން ކުރިއަށް ޖެހި، ދަނޑިވަޅު ބަލާފައި އޭރިއާ ރޮނގު މަތިން ފޮނުވާލި ބާރު ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.
މެޗުގެ ފަހު ބަޔަށް ދިޔައިރު އިޓަލީގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. އެކަމަކު ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗުގައި ދެން ފެނުނީ 74 ވަނަ މިނެޓުގައި ރޮސީ ލަނޑު ޖަހައި ހެޓްރިކެއް ފުރިހަމަކޮށް އިޓަލީ އަށް އަނެއްކާވެސް މެޗުގައި ކުރި ހޯދައިދިން ތަނެވެ.
"ކަލޭމެން ގަބޫލުކުރާނަންތަ؟" ރޮސީގެ މޮޅު ކުޅުމާ އެކު ފެންނަމުން ދިޔަ މަންޒަރުތަކާ އެކު، ހައިރާންވެފައި އިން ކޮމެންޓޭޓަރު ބެލުންތެރިންގެ ކައިރީ އެހި އެވެ.
މެޗުގެ ފަހު ވަގުތު ހީވީ ބްރެޒިލުން ދެންމެދެންމެ ލަނޑެއް ޖަހައިފާނެ ހެންނެވެ. އެގޮތުން އެ ޓީމުން ފޮނުވާލި ބޯޅައެއް ގޯލް ރޮނގު މަތިން ޒޮފް މަތަކުރި އެވެ.
"އަހަންނަކަށް ހިއެއްނުވޭ މިކަހަލަ ވޯލްޑް ކަޕެއް މެޗެއް ކުޅެވުނުހެން،" ކޮމެންޓޭޓަރު މެޗު ސިފަކޮށްދިނެވެ.
މެޗު ނިމުނީ ފުޓްބޯޅަ އަކީ ކޮންމެ ފަދަ ނަތީޖާއެއް ވެސް ފެނިދާނެ ކުޅިވަރެއްކަން ސާބިތުކޮށްދީފަ އެވެ. ގަދަފަދަ އާޖެންޓީނާ އާއި ބްރެޒިލް ކަޓުވާލުމަށް ފަހު އިޓަލީ ސެމީ ފައިނަލަށް ދިޔައީ އެވެ. ލަނޑެއް ނުޖެހި ތިން މެޗު ދިޔުމުން ވެސް ކޯޗު އެންޒޯ ބިއާޒޮޓް އިތުބާރުކުރި ފޯވާޑް ރޮސީ ހެޓްރިކެއް ހެދީ އެވެ.
އެ މެޗުގައި ދެއްކި މޮޅު ކުޅުމުން އިޓަލީ ހޯދި ހިތްވަރާ އެކު ސެމީގައި ރޮސީގެ ދެ ލަނޑާ އެކު ޕޮލެންޑް 2-0 އިން ބަލިކޮށް ފައިނަލަށް ދިޔަ އެވެ. އަދި ފައިނަލުގައި ރޮސީގެ ލަނޑާ އެކު ހުޅަނގު ޖަރުމަން 3-1 އިން ބަލިކޮށް މުބާރާތް ވެސް ކާމިޔާބުކުރި އެވެ.
އިޓަލީ އަށް ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާގެ ގޮތުގައި އެ ގައުމުން ރޮސީ ފާހަގަކުރަނީ ލެޖެންޑެއްގެ ގޮތުގަ އެވެ. ރޮސީ ވަނީ އިޓަލީ ގައުމީ ޓީމަށް 48 މެޗުން 20 ގޯލް ޖަހައިދީފަ އެވެ. އަދި ނުވަ ގޯލާ އެކު އޭނާ އަންނަނީ ވޯލްޑް ކަޕުގައި އިޓަލީ އަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާގެ މަގާމް ރޮބާޓޯ ބާޖިއޯ އާއި ކްރިސްޓިއަން ވިއޭރީއާ ހިއްސާކުރަމުންނެވެ.
ރޮސީ ކްލަބް ކެރިއަރު ފެށީ 1973 ވަނަ އަހަރު ޔުވެންޓަސް އިންނެވެ. އެކަމަކު ކަކުލުގެ އަނިޔާއެއްގެ ސަބަބުން އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އޭގެ ފަހުން 1976/1977 ގައި ދެ ވަނަ ޑިވިޝަނުގެ ވިޗެންޒާ އަށް ބަދަލުވެ 21 ގޯލް ޖަހައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައި އެ ޓީމު އިޓާލިއަން ލީގަށް ކޮލިފައިކޮށްދިނެވެ.
ޖެހިގެން އައި ސީޒަނުގައި ވިޗެންޒާ އިން ލީގު ޗެމްޕިއަންކަމަށް ޗެލެންޖްކުރިރު ރޮސީ ވަނީ 24 ގޯލް ޖަހައި ޓޮޕްސްކޯރާގެ މަގާމް ހޯދައިފަ އެވެ. މެޗު ފިކްސިން މައްސަލައެއްގައި އޭނާ އަށް އަދަބު ލިބުނީ ވިޗެންޒާ ރެލިގޭޓްވުމުން ލޯނެއްގެ ދަށުން ޕެރޫޖޮއިއާ އަށް ކުޅެނިކޮށް 1980 ގަ އެވެ. ސަސްޕެންޝަނަށް ފަހު އެނބުރި އައިސް އިޓަލީއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު 1981 ގައި އަލުން ޔުވެންޓަސް އަށް ބަދަލުވި އެވެ. ކްލަބް ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް ފެށުނީ އެހާ ތަނުންނެވެ.
ފްރާންސްގެ މިޝޭލް ޕްލެޓިނީއާ އެކު ކަޅާއި ހުދުގެ ޖާޒީގައި ރޮސީ ދެއްކި މޮޅު ކުޅުމުގެ ނަތީޖާއަކަށްވީ ޔުވެންޓަސް އިން އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު އަދި ޔޫރަޕިއަން ކަޕާއި ޔޫރަޕިއަން ކަޕްވިނާސް ކަޕް އެއް ފަހަރު ކާމިޔާބުކުރުމެވެ.
އަހަރުތަކަށް ފަހު ޔުވެންޓަސް ދޫކޮށް 1986/1986 ގައި އޭސީ މިލާނަށް ކުޅުނެވެ. އެކަމަކު އެ ކްލަބުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެހެންވިޔަސް 1986 ގެ ވޯލްޑް ކަޕުގެ ސްކޮޑުން ޖާގަ ހޯދި އެވެ. ކުޅެވޭ ގޮތްނުވީ ފިޓްނަސްގެ މައްސަލައަކާ ހެދި އެވެ. އޭނާ ކުޅުން ހުއްޓާލީ ހެލަސް ވެރޯނާ އަށް އެއް ސީޒަން ކުޅުމަށް ފަހު 1987 ގަ އެވެ. އޭނާ ވަނީ ކްލަބް ކެރިއަރުގައި 338 މެޗުން 134 ގޯލް ޖަހައިފަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު މަސައްކަތްކުރަމުން ޓީވީ އެނަލިސްޓެއްގެ ގޮތުގަ އެވެ.
ބްރެޒިލްގެ ލެޖެންޑް ޕެލޭ 2004 ގައި އެކުލަވާލި "ފީފާ 100" ލިސްޓުގައި ހިމެނޭ ރޮސީ 1982 ގައި އިޓަލީގެ ކާމިޔާބީގައިވި ހިއްސާއާ އެކު އޭނާ ވެފައިވަނީ ދުނިޔޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކުޅުންޔެރިޔާ އަށެވެ.