ނޫސްވެރިންނަށް ރައްކާތެރިކަން އިތުރުކޮށްދޭންޖެހޭ: މިނިސްޓަރު ޝާހިދު
ނޫސްވެރިންނަށް ރައްކާތެރިކަން އިތުރުކޮށްދޭންޖެހޭ: މިނިސްޓަރު ޝާހިދު

ނޫސްވެރިންގެ މިނިވަންކަމާއި ހައްގުތައް އެކި ގައުމުތަކުގައި ވަނީ ނިގުޅައިގެންފައި ކަމަށާއި އެ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ދުނިޔޭގެ ޕްރެސް ފްރީޑަމް ކޮންފަރެންސްގެ ހަވާސާގައި، ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ތަފާތު ފިކުރުތައް ގިނަވެފައިވާ ދުވަސްވަރެއްގައި މީހުން ދަނީ އެކަހެރިވަމުން ކަމަށެވެ. މިފަދަ ހާލަތެއްގައި، ނޫސްވެރިންގެ މިނިވަންކަމުން މުޖުތަމައުތައް ގުޅުވައިދޭ ކަމަށާއި ނަމަވެސް އެ މީހުންގެ ހައްގުތައް އެކި ގައުމުތަކުން ދަނީ ހަނިކުރަމުން ކަމަށް ވިދާޅުވި އެވެ. ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތާ އެކު ނޫސްވެރިންގެ މިނިވަންކަން އިންތިހާއަށް މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮވިޑް-19 އިން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ނޫސްވެރިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެފަރާތްތަކަށް ހޯދައި ދިނުމުގެ މުހިންމުކަން މިއަދު މިވަނީ އިހަށް ވުރެ ވެސް ބޮޑަށް އިތުރުވެފައި،" ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަލާއިރު ފާއިތުވެ ދިޔަ އަހަރުތަކުގައި ނޫސްވެރިންނަށް ލިބެމުން އައި މިނިވަންކަން ވަނީ އިތުރުވެފައިކަމަށެވެ. އަދި 2016 ވަނަ އަހަރު، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް އުފެއްދި އަބުރުގެ ގާނޫނު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އުވާލެއްވި ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގާނޫނީ ހައިސިއްޔަތު ދެއްވާފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ނޫސްވެރިންނާ ދެކޮޅަށް ކޮށްފައިވާ އެކި ކަންކަމަށް އިންސާފު ހޯދަން މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމާއި މިނިވަންކަމަކީ އަސާސީ ހައްގެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ހައްގު ދިފާއުކުރުމުގައި ދެމިތިބުމުން، މުޖްތަމައަށް ދިމާވާ މިފަދަ ކަންކަން ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުކަން ރަމްޒުކޮށްދޭ ކަމަށެވެ.