ބަތަލާ ޑެއިޒީ ޝާހް ކޮއްދިއްޕަރު ރިސޯޓްގައި
ބަތަލާ ޑެއިޒީ ޝާހް ކޮއްދިއްޕަރު ރިސޯޓްގައި

އިންޑިއާގެ ބަތަލާ ޑެއިޒީ ޝާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދަ އެވެ.

ސަލްމާން ޚާނާ އެކު "ރޭސް 3" އާއި "ޖޭ ހޯ" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ޑެއިޒީ، 36، އަކީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ބަތަލާއެކެވެ. އޭނާގެ ހިންދީ ފިލްމުތަކުގެ ތެރޭގައި "ހޭޓް ސްޓޯރީ 3" އާއި "ރަމްރަތަން" ހިމެނެ އެވެ.

ލީޑް ބަތަލާއެއްގެ ގޮތުގައި ޑެއިޒީ ބޮލީވުޑަށް ނުކުތީ ސަލްމާންގެ 2014 ގެ "ޖޭ ހޯ" އިންނެވެ. އޭނާ ފާހަގަކުރެވެނީ ސަލްމާނާއި އޭނާގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބަތަލާއެއްގެ ގޮތުގަ އެވެ.

އިންޑިއާގައި މާޗް މަހު ލޮކްޑައުން އިއުލާންކުރުމުން ސަލްމާން އޭނާގެ ފާމްސްހައުސްގައި ޖޫން މަހާ ހަމައަށް ވަގުތު ހޭދަކުރި އިރު އެތަނުގައި އޭނާއާ އެކު ތިބި މީހުންގެ ތެރޭގައި ވެސް ޑެއިޒީ ހިމެނެ އެވެ.

އޭނާގެ އިތުރުން ބަތަލާ ޖެކްލިން ފެނަންޑޭޒާއި ވަލޫޝާ ޑި ސޫޒާގެ އިތުރުން ސަލްމާނާ ހާއްސަ ގުޅުމެއް އޮންނަ ރުމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރަކީ ވެސް ފާމްހައުސްގައި ސަލްމާނާ އެކު ވަގުތު ހޭދަކުރި މީހެކެވެ.

މި ފަހުން ރާއްޖެ އަށް ޗުއްޓީ އަށް އަންނަ އިންޑިއާގެ ފިލްމީ ތަރިން ވަރަށް ގިނަ އެވެ.