"އަންތިމް" ގައި ސަލްމާން ފަގުޑިއާ އެކު ދައްކާލައިފި
"އަންތިމް" ގައި ސަލްމާން ފަގުޑިއާ އެކު ދައްކާލައިފި

މިހާރު ޝޫޓިން ކުރިއަށްދާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގައި ސަލްމާން ޚާން ފެންނާނެ ގޮތް ދައްކާލައިފި އެވެ.

ސަލްމާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާގެ ކުރިމަތިލުންތަކެއް ފެންނާނެ މި ފިލްމުގައި ސަލްމާން ކުޅެނީ ފަގުޑި އެޅި ސިކް ފުލުހެއްގެ ރޯލެވެ. ފިލްމުގެ ސެޓުން ނަގާފައިވާ ވީޑިއޯއެއް އާޔޫޝް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ އިރު އޭގައި ފެންނަނީ ވެނިޓީ ވޭނުން ފައިބައިގެން ސަލްމާން ފިލްމުގެ ސެޓަށް ދާ ތަނެވެ. އޭނާ ހުންނަނީ ކަޅު ކުލައިގެ ގަމީހަކާއި އަޅި ކުލައިގެ ފަޓްލޫނެއް ލައިގެން ބެގީކޮށް، ބޫޓަށް އަރައި ކަޅު ކުލައިގެ ފަގުޑިއަކާއި އައައިނެއް އަޅައިގެންނެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ޕޫނޭގައި ޝޫޓިން ފެށި "އަންތިމް" ގެ މަސައްކަތް މި ވަގުތު ކުރިއަށް ދަނީ ކަޖްތަރުތަ އެވެ. ސަލްމާން ކްރޫއާ ގުޅުނީ މި މަހުގެ 6 ގަ އެވެ. އޭނާ މި މަހުގެ ފަހު ހަފުތާ ފިޔަވައި އެހެން ހުރިހާ ދުވަސްތަކެއް ފިޔަވައި ފިލްމު ޝޫޓްކުރާނެ އެވެ. މި މަހުގެ 27 އަކީ ސަލްމާންގެ 55 ވަނަ އުފަން ދުވަހަށްވާތީ ފަހު ހަފުތާ އޭނާ ހޭދަކުރާނީ އުފަން ދުވަސް ފާހަގަކުރުމުގައި އާއިލާއާ އެކީގަ އެވެ.

މި ވަގުތު ކަލާޒްގެ "ބިގް ބޮސް 14" ވެސް ހޯސްޓްކުރަމުން އަންނަ އެކްޓަރު ދާދި ފަހުން ވަނީ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން ވެސް ނިންމައިފަ އެވެ. ބެލެވޭ ގޮތުން އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

"އަންތިމް" އަކީ 2018 ގައި ރިލީޒްކުރި "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ ފިލްމުގައި އާޔޫޝް ކުޅޭނީ ގޭންގްސްޓާރެއްގެ ރޯލެވެ.

ސަލްމާން ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ކަބީ އީދު ކަބީ ދިވާލީ" އާއި "ކިކް 2" އަދި "ޓައިގާ 3" ހިމެނެ އެވެ.