ދިވެހި ރެފްރީންނަށް ޗެމްޕިއަންސް ލީގު ރެފްރީގެ ހާއްސަ ސެޝަނެއް
ދިވެހި ރެފްރީންނަށް ޗެމްޕިއަންސް ލީގު ރެފްރީގެ ހާއްސަ ސެޝަނެއް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ރެފްރީކަންކުރަން އެފްއޭއެމުން ގެނައި މަޝްހޫރު ރެފްރީ ހަންގޭރީގެ ވިކްޓަ ކަސާއީ ދިވެހި ރެފްރީންނަށް ހާއްސަ ސެޝަނެއް ނަގައިދީފި އެވެ.

ކަސާއީ އަކީ މިދިޔަ 14 ވަރަކަށް އަހަރު ތެރޭ ގަލޮޅު ދަނޑުން ފެނިގެންދިޔަ އެންމެ ފުއްނާބު އުސް ރެފްރީ އެވެ. އޭނާ ވަނީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެފްރީކަންކޮށްފަ އެވެ. އެންމެ ފަހުން ގަލޮޅު ދަނޑުން ފެނުނު މޮޅު ރެފްރީ އަކީ 2006 ވަނަ އަހަރު ސުނާމީ ފަންޑްރެއިޒިން މެޗެއްގައި އިންސާފުކުރި އިޓަލީގެ މަޝްހޫރު ރެފްރީ ޕިއަރްލުއިޖީ ކޮލީނާ އެވެ. އޭނާ ގެނައީ "ހަވީރު" ނޫހުންނެވެ.

އަންގާރަ ދުވަހު ހަވީރު ސޯލްޓް ކެފޭގައި ކަސާއިގެ ނަގައިދިން ސެޝަންގައި ވަނީ 30 ރެފްރީން (އޮފިޝަލުން/ އިންސްޓްރަކްޓަރުން) ބައިވެރިވެފަ އެވެ.

އެ ސެޝަނާ ބެހޭގޮތުން އެފްއޭއެމްގެ "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަމީޒް ވިދާޅުވީ ކަސާއި ވަނީ އޭނާގެ ތަޖުރިބާގެ އަލީގައި ގިނަ ކަންތައްތަކެއް ދިވެހި ރެފްރީންނަށް ކިޔައިދީފައި ކަމަށާއި އެއީ ވަރަށް ބޭނުންތެރި މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ރެފްރީން ޖެހޭނީ ވަރަށް ފަރުވާތެރި ބަޔަކަށް ވާން ކަމަށާއި އެއީ އޭގެ ރަނގަޅު ނަތީޖާ ދަނޑުމަތިން ފެންނާނެ ކަމަށް ކަސާއިގެ ވާހަކައިގައި ފާހަަގަކުރިކަމަށް އަމީޒް ވިދާޅުވި އެވެ.

"ފަށާ ރެފްރީންނާއި ސީނިއާ ރެފްރީން ކަންތައް ކުރާނެ ގޮތް ވެސް ބުނެދިން. އާންމުކޮށް ރެފްރީންގެ ދިިިރިއުޅުމުގައި ދިމާވާކަންތައްތަކާއި ގޭތެރޭގައި ދިމާވާ ކަންތަކުން އެކަހެރިވެ އެބަޖެހޭ ސީދާ 90 މިނިޓް ކޮންސަންޓްރޭޓް ކުރަން. މިސާލަކަށް ވަރަށް ގިނަ ކަންތައްތަކުގައި ގިނަ ވަގުތު އޮފީހުގައި އުޅެފައި ރެފްރީކަން ކުރަން ދަނޑަށް އަރާ ހިސާބުން މިހުރިހާ ކަމެއް ހަނދާން ނައްތާލަންޖެހޭ. އެހެންނޫނިއްޔާ ދިމާވާ ވަރަށް ސިމްޕަލް ކަމެއްގެ ސަބަބުން ވެސް މެޗުގެ ނަތީޖާ އެނބުރިގެން ހިނގައިދާނެ. އެކަންތައްތައް އިސްކޮށް ފާހަގަކުރި ކަމަކީ،" އަމީޒް ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެރޭ ކަސާއި ރެފްރީކަން ކުރި މެޗުން ކްލަބް އީގަލްސް ވަނީ ފަހަތުން އަރައި 3-2 އިން މާޒިޔާ ބަލިކޮށް ފުރަތަމަ ފަހަރަށް ޝީލްޑް އުފުލާލައިފަ އެވެ. އެ މެޗުގައި ކަސާއިގެ ފަރާތުން ފެނުނު ދެ ނިންމުމަށް ބަލާއިރު ފުރަތަމަ ހާފުގައި އީގަލްސްގެ ކީޕަރު މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަށް އެ ޓީމަށް ދިން ޕެނަލްޓީ އާއި ދެ ވަނަ ހާފްގައި އީގަލްސްގެ ޒައިން ޒަފަރަށް މާޒިޔާގެ ސާބިއާގެ ކީޕަރު ނިކޮލާ ވުޔަނަކް ކުރި ފައުލަށް ދިން ޕެނަލްޓީ ހިމެނެ އެވެ.

ޔުއެފާ އެލީޓް ރެފްރީސް ޕޫލުގައި ވެސް މަސައްކަތްކުރި އުމުރުން 45 އަހަރުގެ ކަސާއީ ވަނީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި އެމެރިކާ އާއި ގާނާ ވާދަކުރި މެޗާއި ސެމީ ފައިނަލުގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގައި އިންސާފިކޮށްފަ އެވެ. އޭނާ ވަނީ 2012 ގެ ޔޫރޯގައި ސްޕެއިނާއި އިޓަލީ ކުޅުނު މެޗާއި އިންގްލެންޑާއި ޔޫކްރޭން މެޗުގައި ވެސް ރެފްރީކަންކޮށްފަ އެވެ. މިވަގުތު ކަސާއީ އަކީ ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފްރީސް އެވެ.