ހުރިހާ ގެއަކަށް ގޮސް ޕޮއިންޓް ދިނީ އިންސާފުވެރިކޮށް: ކޮމިޓީ
ހުރިހާ ގެއަކަށް ގޮސް ޕޮއިންޓް ދިނީ އިންސާފުވެރިކޮށް: ކޮމިޓީ

ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމަށް ދިރިއުޅުމުގެ ހާލަތު ބަލައި ޕޮއިންޓް ދީފައިވާނީ އެންމެ އިންސާފުވެރިކޮށް ކަމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފި އެވެ.

ފްލެޓް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރު ތޯހާ އަހުމަދު ވިދާޅުވީ 2018 ވަނަ އަހަރު، މިދިޔަ ސަރުކާރުން ނެރުނު ފްލެޓުް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ގިނަ މީހުންގެ ޝަކުވާއަކަށްވެފައި ވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ބަލާފައި ނުވާ ކަމާއި ޕޮއިންޓްދީފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެޕްލިކޭޝަން ފޯމުތަކަށް އެކަނި ބަލައިގެން ޕޮއިންޓް ދިނުމަކީ ރަނގަޅު އުސޫލަކަށް ނުވާނެ ކަމަށެވެ.

"މިސާލަކަށް އެޕްލިކަންޓެއް މި އޮންނަނީ ތިމަންނަ ދިރިއުޅެނީ ކުޑަ ކޮޓަރިއެއްގައޭ، ދެ ކުދިންނަށް އެއްކޮށޭ. ބަދިގެ ޝެއާކޮށްގެންނޭ ބޭނުންކުރަނީ ހަމަ ދެ އެޕްލިކަންޓުން އެއްގޮތަކަށް ބަޔާނަށް ބަލާއިރު އެއް ވާހަކަތަކެއް މިހުންނަނީ،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޔާނަށް ބަލައިގެން ޕޮއިންޓް ދީފައި ހުރި ނަމަ އެއްގޮތަކަށް ބަޔާން ހުރި މީހުންގެ ޕޮއިންޓް އެއްގޮތް ވާނެ ކަމަށާއި ނަމަވެސް އެ ކަހަލަ ދެ ފޯމުގެ މީހުންނަށް ވެސް ޕޮއިންޓް ދިނުމުގައި ބޮޑެތި ތަފާތުތައް ހުރި ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އެންމެނަށް އެއް ހަމައަކުން ބެލޭނެ އުސޫލެއް ކަނޑައެޅީ ކަމަށާއި، ކަންކަން ސާފު ކުރުމަށް ހުރިހާ އެޕްލިކަންޓުންގެ ގެތަކަށް ގޮސް ވަކި ވަކިން މައުލޫމާތު ސާފުކޮށް ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ ގެތަކަށް ގޮސް ޕޮއިންޓްދޭ އިރު، ކޮމިޓީ އާއި ހިއްސާ ކުރާ މައުލޫމާތަކީ ތެދު މައުލޫމާތުކަމަށް އެޕްލިކަންޓުން އެއްބަސްވެ ސޮއިކުރާނެ ކަމަށާއި އަދި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ގޭގެ އަށް ދާ ފްލެޓް ކޮމިޓީގެ ދެ އޮފިޝަލުން ވެސް ސޮއިކުރާ ކަމަށެެވެ. ޕޮއިންޓް ދީފައި ވަނީ އެވަރަށް ބަލައި އިނސާފުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.