09 ޑިސެމްބަރ 2020 - 22:29

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންއާ އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުކުރުމަށް މިއަދު ވެސް ފުރުސަތު ނުދިން ކަމަށް ބުނެ ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޔާމީންގެ މައްޗަށް އަލަށް ކުރާ ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް އެމަނިކުފާނަށް ވަނީ އިތުރު ވަގުތު ދީފަ އެވެ. މަނީ ލޯންޑްރިންގެ އެހެން ކުށެއް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ.
ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމަށް ދަތިތައް ކުރިމަތިވާ ކަމަށް ބުނެ އެކަމުުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ފެންމަތިކޮށްފައިވެ އެވެ.
ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެތި މާފުއްޓަށް ނޭރުވުމަކީ އެޗްޕީއޭ އިން ނެރެފައިވާ އުސޫލުކަން ޑރ. ޖަމީލަށް ދެންނެވުމުން އޭނާ ވިދާޅުވީ "އެކަން ބަލަން ޖެހޭނީ ދައުލަތުން" ކަމަށެވެ. އާންމު ރައްޔިިތުންނަށް އެ އުސޫލު އޮތް ނަމަވެސް ރައީސް ޔާމީންއާ ބައްދަލުކުރުމުގައި ލުއި ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކިހިނެތްތޯ ކޮންމެ ފަހަރަކު ޓެސްޓު ހަދަނީ. އެމަނިކުފާނު ހުންނެވީ ދައުލަތުގެ ބެލުމުގެ ދަށުގައި. އެހެންވީމަ ވަކީލުންނާ ބައްދަލުކުރުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް،" ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރު ވެސް އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ހައްލު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރާއި ފަސް މަހަށް ޖަލަށްލިތާ މިހާރު ވަނީ އަހަރެއްވެފަ އެވެ. ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބިނާކުރީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައެއްގަ އެވެ. އެ ފައިސާ ދައުލަތާ ހަވާލުކުރަން އޭސީސީން އެދުމުން، ޔާމީނާއި އޭސީސީއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވާ، އެ އެއް މިލިއަން ޑޮލަރު ޖަމާކުރަން ނިންމެވި އެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް އެމްއައިބީގެ އެކައުންޓުން އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ބޭނުންކުރެއްވީ އެހެން މީހެއްގެ ފައިސާ އެވެ. ފަސް އަހަރުގެ ޖަލު ހުކުމެއް އައީ އެއީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށް ސާބިތުވުމުންނެވެ.