10 ޑިސެމްބަރ 2020 - 07:38

ސެމްސަންގް ކުންފުނީގެ އިވެންޓެއް ޖެނުއަރީ 14 ގައި އޮންނާނެ އެވެ. ބެލެވޭ ގޮތުން އެ ދުވަހުގެ އިވެންޓްގައި ސެމްސަންގް ގެލެކްސީ އެސް21 ސީރީޒްގެ ފޯނުތައް ދައްކާލާނެ އެވެ.
ޓެކް ޚަބަރުތައް ބުނާ ގޮތުން ގެލެކްސީ އެސް21 ގެ ތިން ފޯނެއް ނެރޭނެ އެވެ. އެއީ އެސް21 އާއި އެސް21 ޕްލަސްގެ އިތުރުން އެސް21 އަލްޓްރާ އެވެ.
އެންޑްރޮއިޑް ޕޮލިސް އިން މިހާރު ވަނީ މި މޮޑެލް ޓީޒާތަކަކުން ވެސް ދައްކާލައިފަ އެވެ. މި ވީޑިއޯތަކުން ފެންނަ ފޯނުތަކާ ބެހޭ ގޮތުން ސެމްސަންގުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު އެންޑްރޮއިޑް ޕޮލިހުން ބުނެފައިވާ ގޮތުގައި ޓީޒާތަކުން ފެންނަނީ ސެމްސަންގުން ދެން ނެރޭނެ ފޯނުތަކެވެ.
މީގެ ދެ ވާޝަނަކަށް ބަލާ އިރު އެސް21 އާއި އެސް21 ޕްލަސްގައި ތިން ކެމެރޭ ހިމެނޭ އިރު، އެސް21 އަލްޓްރާގައި ފަސް ކެމެރާ ހިމެނެ އެވެ. އަދި ތިން މޮޑެލް އަށް ބަލާ އިރު ވަރަށް ޗާލު ޑިޒައިންތަކެއްގައި ފޯނުތައް ގެނެސްދޭނެ އެވެ. އަދި ތިން ފޯނަކީ 5ޖީ ނެޓްވޯކް ހިމެނޭ ފޯނުތަކެވެ.
ރިޕޯޓްތައް ބުނާގޮތުން 14 ގައި ސެމްސަންގް އެސް21 ސީރީޒް ދައްކައިލުމަށް ފަހު އާންމުކޮށް ވިއްކަން ފަށާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ 29 އިން ފެށިގެންނެވެ. އަދި އޭގެ ކުރިން ޕްރި-އޯޑަރަށް ހުޅުވައިލުމުގެ ފުރުސަތު ވެސް ބޮޑެވެ.