09 ޑިސެމްބަރ 2020 - 15:37

ދައުލަތުގެ އިދާރާތަކުން ހިންގާ ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަށް މާލިއްޔަތާ ބެހޭ އުސޫލު މިއަދު ބަދަލުކޮށްފި އެވެ.
އެ ބަދަލު ގެނައިކަން އަންގަން ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން ޕްރޮކިއުމަންޓެއް އެވޯޑްކޮށްފައި އެ މައުލޫމާތުތައް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިއުކުރަން ޖެހެ އެވެ.
ޕްރޮކިއުމަންޓަކަށް 15 ޕަސެންޓަށް ވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ދައްކާ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑު ނަމަ އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އަންގަން ޖެހެ އެވެ.
މިދިޔަ ޖުލައި މަހު ވެސް ވަނީ މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނެސްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން 5 މިލިއަން ރުފިޔާއަށް ވުރެ ދަށް ޕްރޮކިއުމަންޓްތައް، ނޭޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅާކަށް ނުޖެހޭނެ އެވެ. އެފަދަ ޕްރޮކިއުމަންޓްތަކާ ބެހޭ ކަންކަން ނިންމުމުގެ ބާރު އެ އިދާރާއެއްގެ ބިޑް ކޮމިޓީން އޮވެ އެވެ.
އެ އިސްލާހުގެ ކުރިން ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި އޮންނަ ޓެންޑާ ބޯޑުތަކަށް ވަކި ގޮތެއް ނިންމޭނީ 2.5 މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ މުއާމަލާތްތަކުގަ އެވެ.
ފިނޭންސް މިނސިްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި އެދިފައި ވަނީ ކޮންމެ އޮފީހެއްގެ ބިޑް ކޮމިޓީގައި ހިމެނޭ މެންބަރުގެ މައުލޫމާތު އަފްޑޭޓް ކުރުމަށެވެ.