"މިހާރު" ޓީމަށް ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ: އެޑިޓަރު
"މިހާރު" ޓީމަށް ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ: އެޑިޓަރު

އެމްއެމްސީ އެވޯޑްގައި މި އަހަރު ވެސް ހޯދި ކާމިޔާބީން ދައްކައިދެނީ "މިހާރު"ގެ ޓީމަށް ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެކަން ކަމަށް، އެޑިޓަރު މޫސާ ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" ޓީމަށް ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ: އެޑިޓަރު
"މިހާރު" ޓީމަށް ރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ: އެޑިޓަރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑު، މި އަހަރު ހަތަރު ދާއިރާއަކުން "މިހާރު" ގެ ނޫސްވެރިންނަށް ލިބުނެވެ. އެއީ ކުޅިވަރާއި އެންމެ މޮޅު ފިޗާ ކެޓަގަރީން މުހައްމަދު ހަމްދޫނާއި ޝަރުއީ އަދި ގާނޫނީ ދާއިރާއިން މުއިއްޒު އިބްރާހީމާއި ފޮޓޯގްރަފީގެ ދާއިރާއިން ނިޝާން އަލީ (ހަސޯ) އެވެ.

ވީޓީވީގެ ޕްރެޒެންޓަރަކަށް 2019 ގައި އުޅުނު އެކަމަކު ފަހުން "މިހާރު"އާ ގުޅުނު ޒުވާން ނޫސްވެރިޔާ ޝުރުފާ މުހައްމަދު ވަނީ ދެ އެވޯޑް ކާމިޔާބުކޮށްފަ އެވެ.

"މިހާރު"ގެ އިތުރު ހަތަރު ނޫސްވެރިޔަކު އެކި އެވޯޑްތަކަށް ނޮމިނޭޓްވި އެވެ. އެއީ އިޖުތިމާއީ ދާއިރާއިން އަހުމަދު ސާއިލް އަލީ (މިވަގުތު ވަން އޮންލައިން) އާއި އާސިމާ ނިޒާރު، ފޮޓޯގްރަފީގެ ދާއިރާއިން ހުސެއިން ވަހީދު، ފީޗާ ބައިން އާސިޔަތު މުހައްމަދު ސައީދު އަދި ކުޅިވަރު ދާއިރާ އިން އައްޒާމް އަލިފުޅެވެ.

"މިހާރު"ގެ ނޫސްވެރިންގެ ކާމިޔާބު ފާހަގަކުރަން އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި މޫސަ ވިދާޅުވީ ނޫސްވެރިކަން، ހާއްސަކޮށް ލިޔުންތެރިކަން އެހެން ހަރުފަތަކަށް ގެންދެވޭ ފެންވަރުގެ ނޫސްވެރިން "މިހާރު"ގައި އެބަތިބި ކަމަށެވެ.

"އިތުރު މީޑިއާތައް އުފަންވެ، ނޫސްވެރިކަމުގައި ވާދަވެރި މާހައުލެއްގައި ވެސް ރާއްޖޭގެ މީޑިއާގައި އެންމެ ކުރީ ސަފުގައި 'މިހާރު' [އޮތްކަން] މި ވަނީ ސާބިތުކޮށްދެވިފައި،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވޯޑް ހާސިލްކުރި އެހެން މީޑިއާތަކުގެ ނޫސްވެރިން ވެސް ކޮށްފައި އެވަނީ ވަރަށް މުހިންމު އަދި ރަނގަޅު މަސައްކަތްތަކެކެވެ.

މޫސަ ވިދާޅުވީ "މިހާރު" ޓީމުން ރާއްޖޭގެ ނޫސްވެރިކަމުގެ މަތީ ފެންވަރުގައި ހިފަހައްޓަން ކުރާ މަސައްކަތް އަބަދުވެސް އިތުރުކޮށް، ފުރިހަމަކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހަމައެކަނި ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުތަކަށް ބަރޯސާވުމުގެ ބަދަލުގައި، އެކި ތަންތަނަށް ގޮސް މައުލޫމާތު ހޯދައި ކިޔުންތެރިންނާ ހަމައަށް އުފެއްދުންތެރި ލިއުންތަކެއް ގެނައުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން މި ޓީމަށް ކުރެވޭނެ. އެ ގާބިލްކަން އެބަ ހުރި. 'މިހާރު'ގެ ނޫސްވެރިން އަންނަނީ އެކަން ސާބިތުކޮށްދެމުން،" މޫސަ ވިދާޅުވި އެވެ.

އޭނާ ވަނީ ކޮވިޑް-19ގެ ހާލަތުގައި ވެސް "މިހާރު"ގެ ނޫސްވެރިން ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން ދަތި ދުވަސްވަރެއްގައި ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކާއި ތަދުކަމެއް އަޔަސް، ނޫސްވެރިން ކުރަމުން އަންނަ ހިތްވަރު، ފާހަގަކުރެއްވި އެވެ.