އާ ކްލަސްޓާއެއް ފެނުމުން ޗައިނާ އިން ގިނަ ބަޔަކު ޓެސްޓްކޮށްފި
އާ ކްލަސްޓާއެއް ފެނުމުން ޗައިނާ އިން ގިނަ ބަޔަކު ޓެސްޓްކޮށްފި

ބެއިޖިން (ޑިސެމްބަރު 9) - ޗައިނާގެ ދެކުނުގެ ޗެންދޫ ސިޓީން ކޮރޯނާވައިރަހަށް ބައެއް މީހުން ޕޮޒިޓިވްވާން ފެށުމުން ގިނަ ބަޔަކު ޓެސްޓްކުރަން ފަށައިފި އެވެ.

އުމުރުން ދުވަސްވީ ދެމަފިރިއަކު މިދިޔަ ހޯމަ ދުވަހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ އެ މީހުންގެ ކޮންޓެކްޓް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އޮފިޝަލުން ބުނެފައި ވަނީ ވައިރަސް ފެނިފައި ވަނީ އެ ދެމަފިރިން އުޅޭ އެޕާޓްމަންޓުގެ ފްރިޖުގައި ހުރި ކާތަކެތިން ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކާބޯތަކެތީގެ ޒަރިއްޔާ އިން ކޮރޯނާވައިރަސް އިންސާނުންނަށް ވާސިލްވާކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް ޗެންދޫން ވަނީ 255،000 މީހުން ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ކަމަށެވެ. ކޮވިޑް ކޭސްތައް ފެންނަމުންދާ ޗެންދޫގެ ޕިޑޫ ޑިސްޓްރިކްޓްގެ ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މިިދިޔަ އަހަރުގެ ފަހުކޮޅު ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާ އިން ކަމަށް ވިޔަސް އެ ގައުމުގައި ވަނީ ބަލި ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ދޭތެރެދޭތެރެއިން އެކި ސިޓީތަކުން ޕޮޒިޓިވް ކޭސްތައް ފެނެ އެވެ. ބަލި ކޮންޓްރޯލް ކުރުމުގައި ޗައިނާ އިން ގެންގުޅޭ ސިޔާސަތަކީ ގިނަ ބަޔަކު އަވަހަށް ޓެސްޓް ކުރުމެވެ.

ޗައިނާ އިން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 15 މީހުންނެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 284 އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ވޫހާން ސިޓީން ވައިރަސް ފެނުނު ފަހުން އެ ގައުމުން މިހާތަނަށް ވަނީ 86،661 މީހުން ޕޮޒިޓިވްވެ 4،634 މީހުން މަރުވެފަ އެވެ.