09 ޑިސެމްބަރ 2020 - 16:43

އައްޑާތަކަށް ގޮސް މަސްތުވާތަކެތި ބޭނުންކުރުމާއި ކުރީ ސަފަށް ނެރެގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބިދޭސީން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު މިދިޔަ ބުރާސްފަ ދުވަހު "މިހާރު" އަށް ވިދާޅުވީ މަސްތުވާތަކެއްޗާއި ރަލުގެ ވިޔަފާރީގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. ހާއްސަކޮށް ގްރޫޕުތަކުންނާއި މަސްތުވާތަކެތީގެ ވިޔަފާރި އޮޕަރޭޓްކުރާ ނެޓްވޯކުތަކުން ވެސް ބިދޭސީން ރެކްރޫޓުކުރާ މިންވަރާއި އެ މީހުން ފްރޮންޓްލައިންގައި ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ. އެއާއެކު، ބިދޭސީންގެ ތެރެއިން ވެސް މަސްތުވާތަކެތީގެ ތެރެއަށް އަލަށް ވަންނަ މީހުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"މީގައި މުއާމަލާތްކުރުމުގައި ނޫނީ އެ ވިޔަފާރިތަކުގެ ތެރޭގައި ނޫނީ ރަލާއި މި ކަންކަމާ ގުޅުންހުރި ކަންކަމުގައި ބިދޭސީން އިންވޯލްވާ މިންވަރު ކުޑައެއް ނުވާނެ،" ޝާކިރު ވިދާޅުވި އެވެ.
މިދިޔަ މަހުން ފެށިގެން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުން ބަންގްލަދޭޝާއި އިންޑިއާ އަދި ސްރީލަންކާއަށް ނިސްބަތްވާ 60 މީހުން އަތުލައިގެންފައި ވެ އެވެ. އެ މީހުން ޑީޕޯޓުކޮށްލުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ބިދޭސީންގެ ތެރެއިން ޕާސްޕޯޓު އޮތީ ތިން މީހެއްގެ އަތުގަ އެވެ. ދެން ތިބި މީހުންގެ ޑޮކިއުމަންޓް ތައްޔާރުކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން ޑީޕޯޓުކޮށްލާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ބިދޭސީން މި ވަގުތު ތިބި ތަނެއް ސާފެއް ނުކޮށްދިނެވެ.
ޝާކިރު ވިދާޅުވި ގޮތުގައި ބިދޭސީން ފްރޮންޓްލައިނަށް ނެރެގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަނީ ފޮރުވިގެން ތިބެ އެކަން ކުރުމަށްޓަކައި ލިބޭ ފުރުސަތަކަށް ވާތީ އެވެ. އޭގެ އިތުރުން އަޑީގައި ތިބި މީހުންނާ ހަމައަށް ވާސިލްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބުރަވާނެތީ ކަމަށް ވިދާޅުވި އެވެ.
މީޑިއާތަކާއެކު ފުލުހުން ހިންގި އޮޕަރޭޝަނުގައި، އައްޑާއަކުން ދިމާވި 30 އަހަރުގެ ބިދޭސީއަކު ބުނީ އޭނާއަށް އެންމެ ފުރަތަމަ މަސްތުވާތަކެތި ދިނީ ރައްޓެއްސެކެވެ. މީގެ ހަތް އަހަރު ކުރިން ރާއްޖެ އައި އެ މީހާ ބުނާގޮތުން މަސްތުވާތަކެތި ބޭނުންކުރަން ފެށިތާ އަދި ވާނީ 6-7 މަހެވެ.
އޭގެ ތެރެއިން ބައެއް ބިދޭސީން، އެކި އައްޑާތަކުން ފެނިފައި ވެ އެވެ.