"މިހާރު"ގެ ނޫސްވެރިންނަށް އެވޯޑް ލިބުނު މޮޅު އުފެއްދުންތައް
"މިހާރު"ގެ ނޫސްވެރިންނަށް އެވޯޑް ލިބުނު މޮޅު އުފެއްދުންތައް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހަތަރު އެވޯޑެއް ރޭ "މިހާރު"ގެ ނޫސްވެރިންނަށް ލިބުނު ލިއުންތަކަށް ބަލާއިރު އެއީ 2019 ގައި، މި ނޫހުގެ ކިއުންތެރިންގެ މެދުގައި ވެސް ވަރަށް ފާހަގަކުރެވުނު އުފެއްދުންތަކެކެވެ. އެ ރިޕޯޓްތައް ލިއެފައިވާ ގޮތަށް ބަލާއިރު މި ވަގުތު ވެސް އަލުން ކިޔާލަން ރަނގަޅެވެ. ލިއުންތެރިކަމުގެ ފެންވަރަށް ބަލާ ނަމަ، ނޫސްވެރިކަމުގެ މިންގަނޑުން ވެސް އެ ލިއުންތައް މޮޅެވެ.

ފީޗާ ލިއުމުގެ ބައިން މުހަައްމަދު ހަމްދޫން އެވޯޑް ހޯދީ "30 އަހަރު ކުރިން މިއަދު: ޖީލެއް ބިނާކުރެއްވި އުސްތާޒެއްގެ ވަކިވުން!" މި ރިޕޯޓަށެވެ. ރާއްޖޭގައި އުފެދުނު ދީނީ އެންމެ ބޮޑު އެއް އިލްމުވެރިޔާ އަދި އަދީބް، މުހައްމަދު ޖަމީލުގެ ހަޔާތްޕުޅުގެ މައްޗަށް ހަމްދޫންގެ މި ލިއުން ބިނާކުރީ، އެމަނިކުފާނު އަވަހާރަވިތާ 30 އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ.

"އޭގެ ކުރިން ހަމަ ކޮންމެ ދުވަހެއްގެ އެ ގަޑިއަކީ، އެމަނިކުފާނުގެ ބަފައެއްގެ ކުލުނުހުރި، ނިއަނެތި އަޑުފުޅުން ރެކޯޑްކުރެވި، ދިވެހިރާއްޖޭގެ އަޑުން ފޮނުވާ ކީރިތި ގުރުއާނުގެ ތަރުޖަމާ އިން މުޅި ދުވަހަށް ރޫހީ ތާޒާކަމެއް ދިވެހިން ލިބިގަންނަ ގަޑި އެވެ. އެންމެ ހިމަނާރާ ވެސް ކުޅެލާ، އެންމެ ހިމަ ލޯލި ވެސް ކޮޅަށް ޖެހިގެންދާ، އެ ރީތީ، ރީތި މަހުރަޖުން ވިދާޅުވެދެއްވި ތަރުޖަމާ އަކީ، 1960ގެ އަހަރުތަކުން ފެށިގެން 2007 އާ ހަމައަށް ދިވެހިންގެ ދުވަހުގެ ފެށުމެވެ،" ހަމްދޫންގެ ލިއުން ފެށޭ ބައިގައި، އެ ހިތާމަވެރި ހެނދުނު ސިފަކުރަަމުން ލިއުނެވެ.

ޖަމީލް ދީދީ އަވަހާރަވުމާ އެކު ހެނދުނުގެ އެވަގުތު "ދިވެހިރާއްޖޭގެ އަޑު"ން ހުއްޓުމެއް ނެތި ފޮނުވަމުން ދިޔައީ ގުރުއާނެވެ. އެކަމަކު އެއީ 1960 އިން ފެށިގެން އެ ގަޑީގައި އެހެން ދުވަސްދުވަހު، އެމަނިކުފާނުގެ އަޑުން ރެކޯޑްކޮށްފައިވާ ގުރުއާންގެ ތަރުޖަމާ އަންނަ ވަގުތެވެ.

މިއީ ރާއްޖޭގެ ނޫސްވެރިކަމުގައި ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ތާރީޚީ ލިއުމެކެވެ.

ދެ ވަނަ އެވޯޑެއް ވެސް ރޭ ހަމްދޫނަށް ލިބުނެވެ: ކުޅިވަރުގެ ދާއިރާ އިންނެވެ. އެ އެވޯޑް އޭނާ ކާމިޔާބުކުރީ ރާއްޖޭގެ ޓޭބަލް ޓެނިހުގެ ޒުވާން ތަރީގެ މައިންބަފައިން ވަމުން އަންނަ ގުރުބާނީއަށް ބިނާކޮށް ލިިއުނު "ދީމާ: މަންމަ އާއި ބައްޕަގެ ގުރުބާނީގެ އަގު ރަނުން!" މި ރިޕޯޓަށެވެ.

ޖުލައި 2019 ގައި މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަވަރުކުރަން އެ ގައުމަށް "މިހާރު"ގެ ފަރާތުން ގޮސް ހުރީ ހަމްދޫނެވެ. އަންހެން ޓީމު އިވެންޓާއި އަންހެން ޑަބަލްސް އިން ރަން މެޑެލް ހޯދައި، ބައިނަލްއަގުވާމީ ކުޅިވަރުގައި އެހެން ހަރުފަތަކަށް ދީމާ ދަތުރުކުރީ އެ މުބާރާތުގަ އެވެ. އެ މެޑެލްތަކަށް ފަހު، ދީމާގެ ފަހަތުގައި ތިބި މައިންބަފައިންގެ ހިދުމަތުގެ އަގުވަޒަންކޮށް، ހަމްދޫން ލިއުނީ، 2019 ގައި ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެ ރީތި އެއް ލިއުމެވެ.

"އޭނާ އެ ހޯދި މެޑަލްތަކާއި ދެން ހޯދާނެ މެޑަލްތަކަކީ ދީމާއަށް ގުދުރަތުން ދެއްވި ހުނަރުވެރިކަން ކުރިއެރުވުމަށް މައިންބަފައިން އޮހޮރި ދަލާއި ހޭދަކުރި ފައިސާ އާއި ދިން ވަގުތުގެ އަގެވެ. އަދި ލަންކާ ކޯޗުންނާއި ދިވެހި ކޯޗުން އަދި ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި ދިވެހި ސަރުކާރާއި އޮލިމްޕިކް ކޮމިޓީގެ ވެސް މަސައްކަތެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް، ރަތާއި ފެއްސާއި ހުދުން ފެވިގެން އަންނަ މުހިއްމު ނިންމުމަކަށް ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާން ޖެހެ އެވެ،" ހަމްދޫންގެ އެ ރިޕޯޓްގައި، ދީމާގެ ކާމިޔާބު ސިފަކުރަމުން ބުންޏެވެ.

މިއީ އެމްއެމްސީ އެވޯޑްސްގައި، ކުޅިވަރާއި ފީޗާ ލިއުން، މި ދެ ބައިގެ އެވޯޑް ހަމްދޫން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެ ދެ ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ ނޫސްވެރިޔަކީ އޭނާކަން 2018 ގައި ވެސް ސާބިތުކޮށްދިނެވެ.

"މިހާރު"އަށް ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާ ކަވަރުކޮށްދޭ އެންމެ އިސް ނޫސްވެރިޔާ މުއިއްޒު އިބްރާާހިމަކީ، އެމްއެމްސީ އެވޯޑްގައި އާ ބައިވެރިއެއް ނޫނެވެ. އޭނާ ވަނީ މީގެ ކުރިން ތިން އަހަރު، ޝަރުއީ ދާއިރާގެ އެވޯޑް ކާމިޔާބުކޮށްފަ އެވެ. ހަތަރު ވަނަ ފަހަރަށް ރޭ އެ އެވޯޑް ލިބުނީ "ވާނުވާ އަށް ފަހު ވީނުވީ ނޭނގުން: ހައްލެއް ނެތީތަ؟!" މި ރިޕޯޓަށެވެ.

ޝަަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރާ މީހުންނަށް، ހުކުމެއް އައުމުގެ ކުރިން ޖަލުން ސަލާމަތެއް ނުވެވެ އެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމް ކުރިއަށް ދާ ގޮތަށް ބަލާއިރު، ޝަރީއަތްތައް އެހާ ދިގުދެމިގެންދެ އެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން އަންނަ އެ ބަންދަށް މީހަކު ޖަލަށް ލުމަށް ފަހު ދެން ތިބެން ޖެހޭނީ "ވާނުވާ"ގައި ކަމަށް އޮންނަނީ މަޝްހޫރުވެފަ އެވެ.

"ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރަކީ ކޯޓުން ބަންދަށް ލުޔެއް ނުދޭހާ ހިނދަކު، އެ މައްސަލައެއް މުޅިން ނިމެންދެން ދެމި އޮންނަ އެއްޗެކެވެ. މި އިޖްރާއާތު މިހާރު މަޝްހޫރު ވެފައިވަނީ "ވާނުވާ" ގެ ނަމުންނެވެ. "ވާނުވާ" މި ބަސް އުފެއްދީ އެކި މައްސަލަތަކުގައި މިގޮތަށް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައި ތިބި މީހުން ކަމަށް ބުނެ އުޅެ އެވެ. ފަހުން ވަކީލުންގެ ތުންތުން މަތިން އައިސް، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ދުލު ކުރީ ބަހަކަށް ވެސް މި ބަސް ވެއްޖެ އެވެ. މިހާރު މި ބަސް އާންމު ވެފައިވާ މިންވަރުން ދިވެހި ބަސް ފޮތުން ވެސް މި ބަހަށް ޖާގަ ލިބުމަކީ ދުރު ކަމެއް ނޫނެވެ،" މުއިއްޒުގެ ރިޕޯޓް ފަށަމުން ލިއުނެވެ.

މި މަހު އަލަށް އިންތިހާބުކުރި އެމްއެމްސީއަށް "މިހާރު"ގެ ފަރާތުން މުއިއްޒު ވަނީ ހޮވިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދެ އަހަރު، އެމްއެމްސީ އެވޯޑްގައި، މުއިއްޒަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.

"މިހާރު"ގެ ފޮޓޯގްރާފަރު ނިޝާން އަލީ (ހަސޯ)، ނެގި، ސެޕްޓެމްބަރު 30، 2019 ގައި ޓީ ޖެޓީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ފޮޓޯތަކަށް، އެމްއެމްސީގެ އެންމެ މޮޅު ފޮޓޯގްރާފަރުގެ އެވޯޑް ވެސް ރޭ ލިބުނެވެ.

އެ ހާދިސާއަށް ބިނާކޮށް އޭނާ ތައްޔާރުކުރި "މާލޭގައި އަނެއްކާވެސް އަލިފާނުގެ ބޮޑު ހާދިސާއެއް" ފޮޓޯ ގެލެރީން، ބިރުވެރި ގިނަ މަންޒަރުތަކެއް ފެނެ އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގައި މަަސައްކަތްކުރާ އެންމެ ތަޖުރިބާާކާރު އެއް ފޮޓޯގްރާފަރު، ހަސޯ އެމްއެމްސީގެ އެންމެ މޮޅު ފޮޓޯގްރާފަރުގެ އެވޯޑް ކާމިޔާބުކުރި މިއީ ދެ ވަނަ ފަހަރެވެ. އެކި މައުލޫއުތަކާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ވެސް، ވަރަށް ތަފާތު ފޮޓޯތައް ހިމަނައިގެން، ގިނަ އަދަަދެއްގެ ގެލެރީ، "މިހާރު"އަށް އޭނާ ތައްޔާރުކޮށްދެ އެވެ.