ފައިޒާގެ ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހާމަކޮށްފި
ފައިޒާގެ ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހާމަކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 9) - ފައިޒާ އާއި ބަޔޯއެންޓެކުން އުފެއްދި ވެކްސިނަކީ ކޮރޯނާވައިރަހުން 95 ޕަސެންޓް ރައްކާތެރިކަން ލިބޭ އެއްޗެއް ކަމަށް އެމެރިކާގެ ރެގިއުލޭޓަރުން ހާމަކޮށްފި އެވެ.

ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނީ ވެކްސިނަށް ހުއްދަ ދިނުން ހުއްޓުވަން ޖެހޭވަރުގެ ކަމެއް ނެތް ކަމަށެވެ.

ފައިޒާގެ ވެކްސިނަށް އިނގިރޭސިވިލާތުގައި ހުއްދަ ދިނުމާ އެކު މިހާރު ވަނީ ރިސްކް ބޮޑު ކެޓަރީތަކުގެ މީހުންނަށް ވެކްސިން ދޭން ފަށައިފަ އެވެ. އެމެރިކާގައި ފައިޒާގެ ވެކްސިންނަށް ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމަށް އެފްޑީއޭ އިން މާދަމާ ބައްދަލު ކުރާނެ އެވެ.

އެފްޑީއޭ އިން މިހާރު ވަނީ ފައިޒާ އާއި ބަޔޯއެންޓެކުގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާގެ ޑޭޓާތައް ހާމަކޮށްފަ އެވެ.

އެފްޑީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ކޮރޯނާވައިރަހާ ދެކޮޅަށް ފައިޒާގެ ވެކްސިން އިން 95 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. ކޮރޯނާވައިރަހުން ފުރިހަމަ ރައްކާތެރިކަން ހޯދުމަށް ދެ ޑޯޒް ބޭނުންވެ އެވެ. ގިނަ ކޭސްތަކުގައި ފުރަތަމަ ޑޯޒުން ވެސް 89 ޕަސެންޓުގެ ރައްކާތެރިކަން ލިބެ އެވެ. ކޮވިޑް ޖެހިފައިވާ މީހުންނަށް ވެސް އެ ވެކްސިން އިން އެ މިންވަރުގެ ރައްކާތެރިކަން ލިބިދެ އެވެ.

އެފްޑީއޭ އިން ހާމަކޮށްފައިވާ ޑޮކިއުމެންޓުގައިވާ ގޮތުން އެންމެ އާއްމު ސައިޑް އިފެކްޓްތަކުގެ ތެރޭގައި ތަދުވުމާއި ވެކްސިން ޖަހާތަން ރަތްވެ، ދުޅަވުން ހިމެނެ އެވެ. ނަތީޖާއެއްގެ ގޮތުން މަސްގަނޑަށް ތަދުވެ، ބައެއް ފަހަރު ވަރުބަލިވެ އަދި ބޮލުގައި ރިއްސާކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް ވެކްސިންގެ އެންމެ އާދައިގެ މި ސައިޑް އިފެކްޓްސްގެ އިތުރުން ފާހަގަކުރެވޭ އެހެން ކަމެއް ނެތް ކަމަށް ވެސް އެފްޑީއޭ އިން ބުނެފައިވެ އެވެ.

އެފްޑީއޭގެ ދިރާސާގައި މާބަނޑު އަންހެނުންނާއި 16 އަހަރުން ދަށުގެ ކުޑަކުދިން ހިމަނައިފައެއް ނުވެ އެވެ. އެހެންވެ އެ ގްރޫޕްތަކަށް ވެކްސިން އެޕްރޫވްކޮށްފައެެއް ނުވެ އެވެ.

ފައިޒާގެ ވެކްސިންގެ އަޖުމަ ބެލުމުގެ މަރުހަލާގައި 44،000 މީހުން ބޭނުން ކުރި އެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް އަސްލު ވެކްސިން ދިން އިރު ބާކީ ތިބި މީހުންނަށް ދިނީ ޕްލެސީބޯ (ފޭކް އިންޖެކްޝަން) އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން ވެކްސިން އުފައްދާފައި ވަނީ ގާތްގަނޑަކަށް ދިހަ މަހެއްހާ ދުވަސްތެރޭގައި ވައިރަސްގެ ޖެނެޓިކް ކޯޑު ދެނެގަނެގެންނެވެ. މިއީ ވެކްސިނެއް އުފައްދަން ބަލާނަމަ ވަރަށް ކުރު މުއްދަތެކެވެ.

ވެކްސިން ދިން މީހުންގެ ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ހަށިގަނޑުގައި ވެސް ކޮރޯނާވައިރަހަށް ދިފާއު އުފެދޭ ކަމަށް ތަހުލީލުތަކުން ދައްކާފައިވެ އެވެ. ކޮރޯނާވައިރަހުގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ނަމަވެސް، ފައިޒާގެ ވެކްސިން އިން މިހާރު އެ ވަނީ އެކަމުގެ ބިރަށް ވެސް ހައްލު ގެނެސްދީފަ އެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 50 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމޭއިރު 1.3 ބިލިއަން ޑޯޒުގެ ވެކްސިން ނެރެވޭނެ ކަމަށް އުއްމީދު ކުރެ އެވެ. ދެ ކުންފުނިން ވެސް ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައި ވަނީ އެމްއާރުއެންއޭ ޓެކްނޮލޮޖީ އެވެ. މިއީ ވެކްސިން އުފެއްދުމުގައި މީގެ ކުރިން ބޭނުންކޮށްފައި ނުވާ އީޖާދެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. އެކަމަކު މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ.

ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން ގަދަ ފިނީގައި ގެންގުޅެން ޖެހުމަކީ އެ ވެކްސިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދިމާވާނެ ގޮންޖެހުމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފައިޒާ އިން ބުނެފައި ވަނީ ޑްރައި އައިސް ބޭނުންކޮށްގެން ޓެމްޕަރޭޗާ-ކޮންޓްރޯލްޑް ތާމަލް ޝިޕާސްތަކެއް އުފައްދާފައިވާ ކަމަށެވެ. ޑްރައި އައިސް ރިފިލް ކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާ އިން ބުނެފައިވެ އެވެ.