ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނާއި ރައުޓަރު ވައްދަނިކޮށް އަތުލައިގެންފި
ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނާއި ރައުޓަރު ވައްދަނިކޮށް އަތުލައިގެންފި

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް ވަގަށް އެއްޗެހި ވައްދަން އުޅެނިކޮށް ރޭ އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން ވަގަށް އެއްޗެހި އެތެރެކުރަން އުޅުނިކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އޭގެތެރޭގައި އިންޓަނެޓް ރައުޓަރަކާއި އަށް މޮބައިލް ފޯނާއި ހަ ޗާޖަރާއި ޔޫއެސްބީ ކޭބަލް އަދި ދެ ސިމް ހިމެނެ އެވެ.

އެތަނުން އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ނޮކިއާ ބައްތި ހަ ފޯނާއި ރެޑްމީ ނަމަކަށް ކިޔާ ބްރޭންޑުގެ ދެ ސްމާޓް ފޯނެވެ.

ޖަލަށް އާއްމުކޮށް ފޯނު ވައްދަނީ އެކި އެއްޗެހީގައި ފޮރުވައިގެން ކަހަލަ ގޮތަށެވެ. ނަމަވެސް ޓެކްނޮލޮޖީގެ ގޮތުން އައިސްފައިވާ ކުރިއެރުންތަކާއެކު، ޖަލަށް ވަގަށް އެއްޗެހި ވެއްދުމަށް ތަފާތު އެކި އުކުޅުތައް އަންނަނީ ބޭނުންކުރަމުންނެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މީގެ ކުރިން ވިދާޅުވެފައި ވަނީ ޖަލަށް ވެއްދުން މަނާތަކެތި ހުއްޓުވަން ކަރެކްޝަނަލް ސާވިސް އިން ބޭނުންކުރާ ވަސީލަތްތައް ވެސް އާ އުކުޅުތަކާ އެކު އިތުރުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަރަށް ގިނަ ގޮތްގޮތަށް ޖަލަށް އެއްޗެހި ވައްދަ އެވެ. އެގޮތުން ފާހަގަކުރެވިފައިވާ ގޮތްތަކުގެ ތެރޭގައި ޑެލިވަރީކުރާ އެއްޗެހީގެ ތެރޭގައި ހިމަނައިގެން ވެއްދުމާއި ޖަަލަށް މީހުން ޒިޔާރަތްކުރާ އިރު އެއްޗިހި ގެންދިއުން ހިމެނެ އެވެ. ޖަލުގެ ފެންސް މަތިން ޖަލުތެރެއަށް އެއްޗެހި އުކުމަކީ ވެސް ކުށްވެރިންނަށް އެހީތެެރިވާ މީހުން ބޭނުންކުރާ އުކުޅެކެވެ.