09 ޑިސެމްބަރ 2020 - 12:18

އެޕަލް ކުންފުނީގެ އެންމެ ފަހުގެ ހެޑްފޯން އެއާޕޮޑްސް މެކްސް މި މަހުގެ 15 ގައި ބާޒާރަށް ނެރެން ނިންމައި، އެ ދައްކާލައިފި އެވެ.
އެޕަލް އިން ބުނި ގޮތުގައި މި އުފެއްދުމަކީ ހެޑްފޯނު ބޭނުންކުރާ މީހުންނަށް މުޅިން ތަފާތު އާ ތަޖުރިބާތަކެއް ކުރެވޭނެ، ބޭނުން ކުރަން ވެސް ވަރަށް ފަސޭހަ އެއްޗަކަށް ވާނެ އެވެ. ނޮއިސް-ކެންސެލިން ޑިވައިސްއެއްގެ ގޮތުގައި ސިފަކޮށްފަިއވާ އެއާޕޮޑްސް ޕްރޮ މެކްސް އަށް އަންގާރަ ދުވަހުން ފެށިގެން ޕްރި-އޯޑަރަށް ހުޅުވާލާފައިވާ އިރު މީގެ އަގަކީ 549 ޑޮލަރު (8,487.54ރ.) އެވެ.
ލިބެން ހުންނާނެ ކުލަތަކުގެ ތެރޭގައި ގްރޭ، ސިލްވާ، ސްކައި ބްލޫ، ގްރީން އަދި ޕިންކް ހިމެނެ އެވެ.
އެއާޕޮޑްސް ޕްރޯގެ "ކަސްޓަން އެކޯސްޓިކް ޑޒައިން" ގެ ތެރެއަށް އެޕަލް އިން ވަނީ ކުރީގެ އެއާޕޮޑްސްގެ ބައެއް ފީޗާތައް ވެސް ގެނެސްފަ އެވެ. އޭގެ ތެރޭގައި އެޑަޕްޓިވް އީކިއު، ޓްރާންސްޕޭރަންސީ މޯޑް، ސްޕޭޝަލް އޯޑިއޯ އަދި އޯޑިއޯ ޝެއަރިން ހިމެނެ އެވެ. މީގެ ހާއްސަ އެއް ސިފަ އަކީ އަޅައިގެން ހުރެފައި ނެގުމުން އަޑު ޕޯސްކޮށް ދީފައި، އަލުން އެޅުމުން އަޑު އަލުން ގެނެސްދޭ ގޮތަށް ފަރުމާކޮށްފައިވުމެވެ.
އެއާޕޮޑްސް މެކްސްއާ ބެހޭ ގޮތުން އެޕަލް އިން ބުނީ އަޅައިގެން އިންނަ އިރު ބޮލަށް ފަސޭހަ އަދި އެހެން ބްރޭންޑްތަކުގެ ހެޑްފޯންތަކާ އަޅާކިޔާ އިރު ބަރުދަން ވެސް އެތައް ގުނައެއް ލުއި އެއްޗަކަށް ވާނެ ކަމަށެވެ. ފުލްކޮށް ޗާޖްކޮށްލައިގެން 20 ގަޑިއިރު ހިފަހައްޓާނެ އެވެ.
ޗާޖްކުރެވޭނީ އެޕަލް އިން ވަކިން ވިއްކާ ލައިޓްނިން ކަނެކްޓަރުގެ އެހީގަ އެވެ. އެއީ 35 ޑޮލަރު (541.10ރ.) އަށް ލިބޭ އެއްޗެކެވެ.