ޅައިމަގު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށަނީ
ޅައިމަގު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށަނީ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މެޝިނަރީތައް އެ ރަށަށް ގެންގޮސްފި އެވެ.

އެމްޓީސީސީން މިދިޔަ ހޯމަ ދުވަހު ވަނީ ޅައިމަގު ބަނދަރު ހެދުމަށް ބޭނުންވާ ކޮންނަ ބޯޓާއި އެހެނިހެން ސާމާނު ގެންގޮސްފަ އެވެ. މިއީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށް ވަނީ ނިންމައިފަ އެވެ. އަދި ބަނދަރު ސަރަހައްދުގައި މަގުބައްތި ހަރުކުރުން ވެސް ހިމަނާފައިވެ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ވެސް ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.